މި ވިޔަފާރީގެ ދަށުން އެފްކޮމްގެ އެއާލައިނުން ގެނައި ކާގޯ ވަނީ ވީއައިއޭ މެދުވެރިކޮށް އިއްތިހާދުން ބޭރުކޮށްފަ އެވެ.
އިންޑިއާގެ އެފްކޮމް ހޯލްޑިން ކުންފުނިން ދޭ އެއާ ޓު އެއާ ކާގޯގެ ފުރަތަމަ ބޯޓު ވީއައިއޭއަށް ޖައްސައި ކާގޯގެ ބޮޑު ނެޓްވޯކާ ރާއްޖެ ގުޅާލައިފި އެވެ.
ރާއްޖޭން ވައިގެ މަގުން ޔޫރަޕަށް މުދާ އެކްސްޕޯޓް ކުރުމުގެ ޑިމާންޑް ބޮޑުވެފައިވާ މި ވަގުތު އެފްކޮމް ކާގޯއިން ވަނީ ފުރަތަމަ ފްލައިޓް ވީއައިއޭ އަށް އަޅާފަ އެވެ. މި ފްލައިޓުން 20 ޓަނުގެ ކާގޯ ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި މި ކާގޯ ވަނީ ރާއްޖެއަށް ދަތުރު ކުރާ ޔޫރަޕުގެ ގިނަ މަންޒިލްތަކަށްދާ އިއްތިހާދުން އެކްސްޕޯޓްކޮށްފަ އެވެ.
ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގާ އެމްއޭސީއެލް އިން ބުނީ އިންޑިއާގެ ޗެންނާއީއިން ރާއްޖެއަށް ބާއްވާ ކާގޯ ފްލައިޓުގެ ހިދުމަތް ހަފުތާގެ ތިން ދުވަހު އޮންނާނެ އެވެ.
އެފްކޮމް ކާގޯ އެއާލައިންއާ ހަވާލާދީ އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ވައިގެ ބަނދަރުން ކާގޯ މޫވްމެންޓް ހަރުދަނާ ކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައި ގިނަ އެއާލައިންތަކާއެކު އިންޓަލައިން އެއްބަސްވުންތައް ގާއިމް ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެއާ ޓު އެއާ ކާގޯގެ ހިދުމަތް އެއާލައިންއަކުން ފެށިއިރު ސީ ޓު އެއާ ކާގޯގެ ހިދުމަތުގެ ޑިމާންޑުވެސް ރާއްޖޭގައި ދަނީ ބޮޑުވަމުންނެވެ. މިގޮތުން ދުނިޔޭގެ 11 އެއާލައިންއަކުން ދަނީ މި ވިޔަފާރި ވީއައިއޭ މެދުވެރިކޮށް ކުރަމުންނެވެ.