"ހިޔާލުތަފާތުވުމެއް މި ޕާޓީއަކު ނެތް. އެބޭފުޅުންނަކީ ވަރަށް ސިޔާސީ ވަރަށް ވަރުގަދަ ބޭފުޅުން. އެބޭފުޅުންގެ އަމިއްލަ ސިޔާސީ ވިސްނުމަށް އެބޭފުޅުން އެ ނެންގެވި ފިޔަވަޅެއް އެއީ. އަޅުގަނޑުމެން މި ޕާޓީން އެބޭފުޅުންނަށް މަރުހަބާ ކިޔަން،"
އެމްޑީޕީއާ އަލުން ގުޅިވަޑައިގަތް މެންބަރުން ވަޑައިގެންނެވީ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށާއި އެއީ ސިޔާސީ ވިސްނުމެއްގައި އެބޭފުޅުން ނިންމެވި ނިންމެވުމެއް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
ފާއިތުވި ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދަވައި އެމްޑީޕީ ރޫޅައިލައްވާނެކަމުގެ އިންޒާރު ދެއްވި އެ ޕާޓީގެ ކުރީގެ ބައެއް ވެރިން އަނބުރާ އެމްޑީޕީއަށް ވަނީ ވަޑައިގެންފަ އެވެ.
އެމްޑީޕީއަށް އަނބުރާ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އެ ޕާޓީގެ ކުރީގެ ނައިބުރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރުކަމުގައި އެމްޑީޕީ ވެރިކަމުގައި ހުންނެވި މުހައްމަދު ޝިފާޒާއި، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވަ އެވެ. އަދި ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުހައި ހުންނެވި ހަސަން ލަތީފް ވެސް ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވާފަ އެވެ.
އެ ދެ ބޭފުޅުންގެ އިތުރަށް އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ މުގައްރިރުކަން ކުރައްވައި އެ ޕާޓީގެ މެނިފެސްޓޯތައް އެކުލަވައިލުމުގައި އިސްކޮށް މަސައްކަތްކުރެއްވި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓުކަންވެސް ކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓާ ހުސައިން އަމްރުވެސްވަނީ އަނބުރާ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.
ޑިމޮކްރެޓްސްގެ އިސްވެރިންތަކެއް ކުއްލިއަކަށް ޕާޓީ ދޫކުރައްވައި ވަޑައިގެންނެވުމާ ގުޅިގެން އެޕާޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ޕާޓީގެ އިސް ސަފުގައި ހުންނެވި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޕާޓީ ދޫކުރައްވައި ވަޑައިގަތް ނަމަވެސް ޑިމޮކްރެޓްސްއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެބޭފުޅުން ވަޑައިގެންނެވީ އެއްވެސް ހިޔާތަފާތުވުމެއް އޮވެގެން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިޔާލުތަފާތުވުމެއް މި ޕާޓީއަކު ނެތް. އެބޭފުޅުންނަކީ ވަރަށް ސިޔާސީ ވަރަށް ވަރުގަދަ ބޭފުޅުން. އެބޭފުޅުންގެ އަމިއްލަ ސިޔާސީ ވިސްނުމަށް އެބޭފުޅުން އެ ނެންގެވި ފިޔަވަޅެއް އެއީ. އަޅުގަނޑުމެން މި ޕާޓީން އެބޭފުޅުންނަށް މަރުހަބާ ކިޔަން،" ވައްޑެ ވިދާޅުވި އެވެ.
ފިރުޝާން ވިދާޅުވީ ވަކިވެވަޑައިގެންނެވި ބޭފުޅުންނަކީ ޕާޓީއަށް ވަރަށް ހިދުމަތްތެރި ބޭފުޅުން ކަމަށާއި، އެބޭފުޅުންގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ. އެބޭފުޅުން ވަކިވެވަޑައިގަތް ނަމަވެސް ޑިމޮކްރެޓްސް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި މާދަމާ ރޭ ޖެނެރަލް އެސެމްބްލީ ބާއްވައި، ޕާޓީއަށް ރައީސަކާއި ނައިބް ރައީސެއް އިންތިހާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕާޓީގެ ރައީސް އާއި ނައިބް ރައީސް އިސްތިއުފާ ދެއްވުމާ ގުޅިގެން މިވަގުތު އެ ޕާޓީއާ ހަވާލުވެ ތިއްބެވީ ދެ ނައިބް ރައީސުން ކަމަށްވާ އައިޝަތު އަލައިކާ އަދުނާން އާއި ހުސެއިން ފިރުޝާން ކަމަށް އިއުލާނު ކޮށްފައިވެ އެވެ.