"ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ވާހަކައެއް ނެތް، ޕާޓީގެ އެހެން މެންބަރުން، ލީޑާޝިޕް ނޫނީ އެހެން މަގާމުތަކުގަ ތިއްބެވި ބޭފުޅުން އެހެން ޕާޓީތަކާ ގުޅިވަޑައިގަތުން، އެކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންނަކަށް ނުއިވޭ،"
ރައީސް މުހައްމަދު ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވަން އުޅުއްވާ ކަމަށް ފަތުރަމުންދާ ވާހަކަތައް ދަ ޑިމޮކްރެޓްސް އިން ދޮގު ކޮށްފި އެވެ.
ނަޝީދު އެމްޑީޕީއަށް އަލުން ވަޑައިގަންނަވަން އުޅުއްވާކަމުގެ ވާހަކަތައް ދެކެވެން ފެށީ ފާއިތުވި ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކުރައްވައި ނުކުމެވަޑައިގެން ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފައްދަވައި އެމްޑީޕީ ރޫޅައިލައްވާނެކަމުގެ އިންޒާރު ދެއްވި އެ ޕާޓީގެ ކުރީގެ ބައެއް ވެރިން އަނބުރާ އެމްޑީޕީއަށް ވަޑައިގެންފައި ވަނިކޮށެވެ.
ޑިމޮކްރެޓްސް ދޫކުރައްވާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ދެ ޕާޓީގެ ވެސް ލީޑާޝިޕްގައި އުޅުއްވި ހަސަން ލަތީފާއި، މުހައްމަދު ޝިފާޒާއި، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމްގެ އިތުރުން ހުސެއިން އަމްރު އެވެ.
މިކަމާ ގުޅިގެން މިއަދު ޑިމޮކްރެޓްސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ ނަޝީދު އެމްޑީޕީއަށް އެނބުރި ވަޑައިނުގަންނަވާނެ ކަމަށެވެ. އަދި އެޕާޓީގެ އިތުރު މެންބަރަކު ވެސް ޕާޓީ ދޫކޮށް ވަޑައިގަންނަވަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
"ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ވާހަކައެއް ނެތް، ޕާޓީގެ އެހެން މެންބަރުން، ލީޑާޝިޕް ނޫނީ އެހެން މަގާމުތަކުގަ ތިއްބެވި ބޭފުޅުން އެހެން ޕާޓީތަކާ ގުޅިވަޑައިގަތުން، އެކަހަލަ ވާހަކަތަކެއް އަޅުގަނޑުމެންނަކަށް ނުއިވޭ،" އިމްތިޔާޒް ވިދާޅުވި އެވެ.
ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި ވަނީ ޕާޓީތެރޭގައި ވަކި ފެކްޝަނެއް ހައްދަވައިގެން އުޅުއްވުމަށްފަހު އެވެ. ނަޝީދު އިސްވެ ހުންނަވައިގެން އޭރު އޮތް އެމްޑީޕީ ސަރުކާރަށާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުއްވާފަ އެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ރަސްމީކޮށް އެއްވެސް ކެނޑިޑޭޓަކަށް ތާއީދުނުކުރި ނަމަވެސް އެ ޕާޓީގެ ގިނަ އާންމު މެންބަރުންނާއި ބައެއް އިސްވެރިން ގެންދެވީ ނުސީދާކޮށް "އިބޫ ނޫންގޮތެއް" ޝިއާރު ބޭނުންކުރައްވައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކުރައްވަމުންނެވެ.
ޑިމޮކްރެޓްސް ހިންގުމުގައި ނަޝީދު މިހާރު އުޅުއްވާ މަންޒަރެއް ނުފެނެ އެވެ. އެމަނިކުފާނު އުޅުއްވަނީ ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ އަދާ ކުރެއްވުމަށް ގާނާގަ އެވެ. ސިޔާސީ މަޝްރަހުން ވެސް އެމަނިކުފާނު އެކްޓިވްކޮށް އުޅުއްވާތަން ނުފެނެ އެވެ.