ނިމުނު އަހަރު ޗައިނާއާއި ޔޫއޭއީން އިމްޕޯޓުކުރި މުދާ އިތުރުވިއިރު އޭގެ ކުރީ އަހަރަށްވުރެ އިންޑިޔާއިން އިމްޕޯޓުކުރި މިންވަރު ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.
ފާއިތުވި އަހަރުގެ ޖަނަވަރީން ނޮވެންބަރުގެ ނިޔަލަށް ތިން ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާަބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރުގެ ޖަނަވަރީން ނޮވެންބަރުގެ ނިޔަލަށް 3.07 ބިލިއަން ޑޮލަރުގެ މުދާ ރާއްޖެއަށް އިމްޕޯޓުކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.8 އިންސައްތަ ދަށް އަދަދެކެވެ.
ރާއްޖެއަަށް އެންމެ ގިނައިން މުދާ އިމްޕޯޓުކުރި ތިން ގައުމަކީ ޔޫއޭއީއާއި ޗައިނާއާއި އިންޑިޔާއެވެ. 2023 ވަނަ އަހަރާ އަޅާބަލާއިރު އެންމެ ބޮޑަށް އިތުރުވެފައިވނީ ޔޫއޭއީއާއި ޗައިނާއިން އިމްޕޯޓުކުރި މިންވަރެވެ. އެގޮތުން ޗައިނާއިން އިމްޕޯޓުކުރި މިންވަރުވަނީ 2023 އަށްވުރެ %15.5 އިތުރުވެފަ އެވެ. އަދި ޔޫއޭއީން އިމްޕޯޓުކުރި މިންވަރުވަނީ 41.3 އިންސައްތަ އިތުރުވެފަ އެވެ.
ނަމަވެސް 2023 ވަނަ އަހަރު އިންޑިޔާއިން 500 މިލިއަން ޑޮލަރުގެ މުދާ އެތެރެކުރިއިރު، 2024 ގައި އެ އަދަދު 13.2 އިންސައްތަ ދަށަށް ގޮސް ނިމުނު އަހަރު އެ ގައުމުން އިމްޕޯޓުކޮށްފައިވަނީ 434.6 މިލިއަން ޑޮލަރުގެ މުދަލެވެ.
ޗައިނާއިން ނިމުނު އަހަރު 409 މިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވާއިރު، ޔޫއޭއީން އިމްޕޯޓުކުރި މުދަލުގެ އަގު 592.1 މިލިއަން ޑޮލަރަށް އަރަ އެވެ.
ޖުމްލަ އިމްޕޯޓު ފާއިތުވި އަހަރަށްވުރެ 2.8 އިންސައްތަ ދަށްވެފައިވެ އެވެ. އެގޮތުން 2023 ގައި 3.1 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކުރިއިރު 2024 ގައި އިމްޕޯޓުކޮށްފައިވަނީ 3.07 ބިލިއަން ޑޮލަރުގެ މުދަލެވެ.