ނޭނގި ޔާރު ވަކިވީ – އެޕިސޯޑް 83
ފަހަތަށް އެނބުރި ސުހާ ލާނެއް ގޮތަކަށް ހީނލިއެވެ. އެއްވެސް ހިތާމައެއް، ދެރައެއް ސުހާގެ ފަރާތުން ފެންނާކަށް މިހާރަކު ނެތެވެ. ސުހާގެ ހުރިހާ ވާހަކައެއް، ކަންތައް ވީ ހުރިހާ ގޮތެއް ސުހާ މިހާރު ހުރީ ވާރިޝްއަށް ކިޔާދީފައެވެ.
"ހަމަ ހުވާ! ނޭނގުން ޓައިމް ދިޔަ ގޮތެއް ވެސް.. އަހަރެން ކީކޭ އީމާ ގާތު ބުނާނީ ވެސް.."
ގަމީހުގެ ގޮށްތައް އަޅުވަމުން ވާރިޝް ގޮސް ސުހާގެ ފުރަގަހުން އޭނާގެ ގައިގައި ބައްދާލިއެވެ.
"ބުނޭ އަހަރެންގެ ގާތުގައޭ... މުޅި ރޭވެސް ހޭދަ ކުރީ.."
ސުހާ މަޑުމަޑުން ވާރިޝްގެ މޫނާވާ ދިމާލަށް އެނބުރެލިއެވެ.
"ހެހެ! އިނގޭނެ ދޯ އަހަރެން ތިހެން ނުބުނާނެކަން ވެސް.." ވާރިޝް ހީނލިއެވެ.
"ކީއްވެ ނުބުނަންވީ؟ މުޅި އުމުރު މިހެންތަ އުޅޭނީ؟" ސުހާ ބަލަން ހުރީ ވާރިޝްގެ ސީދާ މޫނަށެވެ.
"ތިހެން ނުބުނަން ދޯ؟ އަހަރެންނަށް ވެސް މުޅި އުމުރު މިހެން ސުހާއާ އެކުގަ ނޫޅެވޭނެ.. އަހަރެން ބޭނުން އަހަރެންގެ އަންބެއްގެ ދަރަޖަ ސުހާއަށް ދޭން.. ސުހާގެ ބަނޑުގަ ތިއޮތް ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ވެސް އަހަރެން ބޭނުން.."
ވާރިޝް ބަލަން ހުރީ ސީދާ ސުހާގެ ދެލޮލަށެވެ. ދެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. ދެމީހުން އެކަކު އަނެކަކުގެ ދެލޮލަށް ބަލަން ތިއްބެވެ. ހީވަނީ ދެލޮލުގެ ޖަޒުބާތު ވަރަށް ފުންމިނަށް ވާސިލުވެފައިވާހެންނެވެ.
"އަބަދު ބޭނުން ވެފަ... އަމަލުން ދައްކަން ވީނު؟"
ސުހާގެ ޖުމުލައާ އެކުގަ ވާރިޝްގެ ދެލޮލުގެ ކަޅި އެހެން ދިމާލަކަށް އެނބުރުނެވެ.
"މިރޭ ވެސް.. ކިހާ ވަރަކަށް އަމަލުން ދައްކާނީ.. ނޫންތަ؟"
ސުހާގެ ކޮލުގައި ވަރަށް ލޯބިން ވާރިޝް ހިފާލިއެވެ.
"ތިހެންނެއް ނޫން.. އަހަރެންނާ މެރީ ކޮށްގެން އަޅެ ތިކަން ވެސް ކޮށްބަލަ! އޭރުން ގައިމު ހަލާލު ވާނެ ދޯ؟"
ސުހާ އެހެން ބުނުމުން ވާރިޝްއަށް ހިނިއައެވެ.
"ބައެއް ފަހަރު ތި ބުނާ އެއްޗެހި ވަރަށް މަޖާ.. ވަރަށް ކިއުޓު.. އޯކޭ ދަނީ އިނގޭ"
ސުހާގެ ނިތްކުރިއަށް ބޮސް ދިނުމަށްފަހު، ވާރިޝް އެގެއިން ނުކުންނަން ހިނގައިގަތެވެ.
***
ގޭގެ ދޮރު ހުޅުވުން އަޑަށް ސޯފާގައި އިން އަޔާޒަށް ބަލައިލެވުނީ ގޭގެ ދޮރަށެވެ. ވަދެގެން އައީ ވާރިޝްއެވެ. ވާރިޝް ކޮންމެވެސް ވަރަކަށް ހުރީ ހާސްވެފައެވެ.
"ކޮބާ އީމާ؟ ވަރަށް ހާސްވެފަ ދޯ ހުރީ؟"
ވާރިޝްއަށް ސުވާލެއް ކުރިމަތި ވުމުގެ ކުރިން ވާރިޝް އިސްވެ އަހައިލިއެވެ.
"އާނ! ނުނިދިގެން އުޅުން.. ފޯނަށް ނުގުޅޭތީއާ އެކު.. އަހަރެން ބުނިން ގޮސް ނިދާލަން.. ދެން ވިސްނާލަ ދިނިން، ވެދާނެއޭ ބިޒީ ވެގެން ކަމަށް ވެސް.." އަޔާޒް ބުނެލިއެވެ.
"އާނ! މާދަމާއަށް ކޮންމެހެން ވެސް ނިންމަން ޖެހޭ ޑޮކިއުމެންޓްސް ތަކެއް ހުރީމަ އެ ނިންމާލާފަ ދާން މަޑު ކުރީ.. ދެން ނޭނގެ ފޯނަށް ވީ ގޮތް ވެސް.."
ވަރުބަލި ފާޑަކަށް އަޔާޒްގެ ވާހަކަތަކަށް ބާރު ދެމުން ވާރިޝް ބުނެލިއެވެ.
ވާރިޝް ކޮޓަރިއަށް ވަތް އިރު އީމާއަށް އޮތީ ނިދިފައެވެ. ހޭލާ އެތައް އިރަކު އޮތުމަށްފަހު، ވަރުބަލި ވެގެން އެންމެ ފަހުން އީމާއަށް ނިދުނީއެވެ.
***
ދުވަސްތައް ދައުރުވަމުން ދިޔައެވެ. ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުން ގޮސް ހަފްތާއެއް ވޭތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ސުހާ އެދުނު މުއްދަތު ހަމަވެ، އެ އުއްމަދު އިތުރު ކޮށްދިނުމަށް ސުހާ އަޔާޒްގެ ގާތުގައި އެދުނެވެ. އެކަމުގައި އެދެމީހުންގެ މެދުގައި ޚިޔާލު ތަފާތު ވުމެއް އުފެދުމަށްފަހު، އަޔާޒް އެންމެ ފަހުން ސުހާ ބޭނުންވި ގޮތަށް އެއްބަސްވިއެވެ. އިތުރު ހަފްތާއަކަށް ސުހާ މަޑު ކުރާ ގޮތަށް ހަމަޖެހުނީއެވެ.
މިހާރަކަށް އައިސް ވާރިޝް ގޭގައި މަޑު ނުވެ، ގިނަ ވަގުތު ބޭރުގައި އުޅުމާއި، ދަންވަރު ގަޑީ ގެއަށް އަންނަ އަދަދު އިތުރު ވާތީ އެކަމާ އީމާ ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ދެތިން ފަހަރަކު އެ ވާހަކަ ވާރިޝްއާ ހިއްސާ ވެސް ކުރެވިއްޖެއެވެ. ނަމަވެސް ވާރިޝް އެ ސުވާލުތަކަށް މާ ބޮޑު ސަމާލު ކަމެއް ނުދެއެވެ. ސުވާލެއް ކޮށްލާއިރަށް މައުލޫޢޫ ބަދަލުކޮށްލަނީއެވެ. ލޯބިވާކަން އަންގަން އީމާ ގައިގައި ބައްދާލަނީއެވެ. އެއްވެސް ކަމެއް ނުވާ ކަމަށާއި، މާ ބޮޑަށް ބިޒީއީ ކަމުގައި ބުނެ ވާރިޝް ދިން ޖަވާބު ޤަބޫލުކޮށްލުން ނޫން އިތުރު ގޮތެއް އީމާ އަކަށް ނެތެވެ. ފިރިމީހާއަށް ޝައްކު ކުރަން ބޭނުން ނުވިޔަސް، އަންނަމުންދާ ބަދަލުތަކާ މެދުގައި އީމާއަށް ވިސްނެނީއެވެ.
މުޅިން އައު ދުވަހެއްގެ މެންދުރުގެ ވަގުތެވެ. ވާރިޝް ސުހާ އުޅޭ ރޫމަށް ވަނީ ބަންދުކޮށްފައިވާ 2 ބަތްގަނޑެއް ހިފައިގެންނެވެ. އެތަނުން އެއް ބަތްގަނޑު ވާރިޝް ދިއްކޮށްލީ ސުހާއަށެވެ.
"މީ ވަރަށް މީރު އެއްޗެއް.. އީމާއަށް އެންމެ މީރީ މިތަނުން ލިބޭ ބަތްގަނޑު.. އެހެންވެ ދަމުން ޓޭކްއަވޭ އެއް ނަގާލީ... ސުހާއާ ވެސް ލާފަ.. ސުހާ ވެސް ބުނީމެއްނު؟ ބަތްގަނޑު މީރު ވާހަކަ.." ވާރިޝް ބަލައިލީ ސުހާގެ މޫނަށެވެ.
އެއްވެސް އެއްޗެއް ނުބުނެ، ސުހާ އޭގެން އެތިކޮޅެއް ރަހަ ބަލާލިއެވެ.
"އަހަރެން އެބަ އަންނަން ފާޚާނާއަށް ވަދެފަ.."
ވާރިޝް އެހެން ބުނެ، ހިނގައިގަތީ ފާޚާނާއަށެވެ. ވާރިޝް ގެނަ ކާނާއަށް އިންސާފު ކުރަމުން ދިޔަ ސުހާގެ ސިކުނޑިއަށް ކުއްލިއަކަށް ވެރިވީ ވަރަށް "ޝައިތާނީ" ވިސްނުމެކެވެ. ކުއްލިއަކަށް ސުހާ ހުއްޓުން އެރިއެވެ. ސިކުނޑިއަށް މަރުޙަބާކީ ޚިޔާލަށް އަމަލު ކުރަން ސުހާ ބޭނުން ވެއްޖެއެވެ. އެއީ ކޮންމެ ފަހަރަކު ލިބޭނެ ފުރުސަތެއް ނޫނެވެ. ސުހާ އަވަހަށް ވަނީ ކޮޓަރިއަށެވެ. އަދި ޑްރޯވާ ތެރެއިން އޭނާ ނެގީ ބޭސް ފުޅިއެކެވެ. އަދި ވަރަށް އަވަހަށް ސުހާ ބޭނުންވި ކަންތައް އޭނާ ކޮށް ނިންމާލިއެވެ.
"މީރުތަ؟"
ކޮޓަރިން ނުކުމެގެން އައި ވާރިޝް ކޮށްލި ސުވާލަށް "އާނ.. މީރު" ބުނެ ސުހާ ޖަވާބު ދިނެވެ. ސުހާ ވަރަށް ހާސްވެ ހުރެ ބަލައިލީ ސުހާގެ ގާތުގައި ބަހައްޓާފައި އިން ޕެކް ކޮށްފައިވާ ބަތް ޕާރިސަލްއަށެވެ. ވާރިޝް މަޑުމަޑުން އެ ޕާރިސަލް އޭނާގެ އަތަށް ނަގާލިއެވެ.
"ދާން މިއުޅެނީ އިނގޭ! ރަނގަޅަށް ކާލައްޗޭ!"
ވާރިޝް އެހެން ބުނެ އެގެއިން ނުކުތެވެ. އެއާ އެކުގައި ސުހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
***
"ވާރިޝް... ވާރިޝް.."
ފާޚާނާގަ ހުރި ވާރިޝްއަށް އިވެން ފެށީ ވޭނީ ގޮތަކަށް އީމާ ގޮވާ އަޑެވެ. ވަރަށް އަވަސްކޮށްލައިގެން ވާރިޝް ފާޚާނާއިން ނުކުތެވެ. އޭރު އެނދުމަތީގައި އެއް އަރިއަކަށް އީމާ އޮވެ ރޮނީއެވެ. އީމާ ކާން އިން ބަތް ތަށި އޮތީ އެނދުމައްޗަށް ކޮންމެވެސް ވަރަކަށް ބަންޑުން ވެފައެވެ.
"އީމާ.. އީމާ.."
ވާރިޝްއަށް ލިބުނީ ކުއްލި ޝޮކެކެވެ. ވަރަށް އަވަހަށް ގޮސް އީމާގެ ގައިގައި އޮޅުލައިގަންނަމުން އޭނާ ސީދާ ކޮށްލިއެވެ.
"އީމާ.. ކިހިނެއްވީ؟ ބުނެބަލަ! ކިހިނެއްވީ؟" ވާރިޝްގެ ހާސްކަން ދިޔައީ އިތުރު ވަމުންނެވެ.
"އަހަރެން.. ނޭވާ ލާން އުނދަގޫ ވަނީ.. ބަނޑަށް ތަދުވަނީ..."
އީމާއަށް ވާހަކަދެއްކެނީ ވަރަށް އުނދަގުލުންނެވެ. ކޮންމެވެސް ވަރަކަށް އީމާގެ ދެލޮލުން ކަރުނަވެސް އަންނަމުން ދެއެވެ.
ވާރިޝް ލަސްނުކޮށް ގުޅީ އެމްބިޔުލާންސް އަށެވެ. އީމާ ހޮސްޕިޓަލަށް ގެންދެވި އަވަސް ފަރުވާ ދޭން ފަށައިފިއެވެ. އީމާ ގޮވައިގެން ހޮސްޕިޓަލަށް އެންމެން ވެސް ދިޔައެވެ.
"ހަމަ ކުއްލިއަކަށް ހުރެފަތަ؟ އެއްވެސް ކަމެއް ނުވޭތަ؟" އަޔާޒް ބަލައިލީ ވާރިޝްގެ މޫނަށެވެ. ވާނުވާ ނޭނގިފައިވާ ޙާލު އަޔާޒްގެ މަންމަ އާއި ބައްޕަ ވެސް އެތަނުގައި ތިއްބެވެ.
"އީމާ އިނީ ކާން.. ދެން އަހަރެން ފާޚާނާގަ ހުއްޓާ އިވުނީ އީމާ ގޮވާ އަޑު.. އަހަރެން ވަގުތުން ނުކުތިން... ނުކުތް އިރު އީމާ ރޮނީ..." ވާރިޝް ހާސްވެގެން ހުރެ ވީގޮތް ކިޔާދިނެވެ.
"އަނެއްކާ ރަނގަޅު އެއްޗެއްތަ ކެވުނީ؟" އަޔާޒް އޭނާގެ ހިތުގައި އުފެދިގެން ދިޔަ ސުވާލު ކޮށްލިއެވެ. ނަމަވެސް އެއްވެސް މީހެއް އެ ސުވާލަށް ސަމާލު ކަމެއް ނުދިނެވެ. އެއީ އެވަގުތު އެންމެންނަށް ވެސް ސަމާލުކަން ދެވުނީ ޑޮކްޓަރު އެމީހުންނާ ދިމާލަށް އަންނަތަން ފެނުމުން ޑޮކްޓަރަށެވެ.
"އެންމެފަހުން ކެވިފަ ހުރީ ޒަހަރުގެ ބާވަތެއް އެކުލެވޭ ކެއުމެއް.. މީދާ ބޭސް ކަހަލަ ބާރުގަދަ ބޭހެއް އެ ކެއުމުގަ އެކުލެވިގެންވޭ.. މީ ދަރިފުޅާ، މައިމީހާއަށް ވެސް ގެއްލުން ވެދާނެ ފަދަ ނުރައްކާތެރި ކަމެއް.. މިފަދަ ކަމެއް ދިމާވުމުން، ހޮސްޕިޓަލުގެ ފަރާތުން މިކަން ފުލުހަށް ވެސް ހުށައަޅާނަން.."
ޑޮކްޓަރުގެ ޖުމުލައިން ވާރިޝްއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދޫވެގެން ދިޔަހެންނެވެ. އެންމެންނަށް ވެސް ބަލައިލެވުނީ ވާރިޝްއާ ދިމާލަށެވެ. އެތައް ސުވާލުތަކާ، ރުޅިވެރިކަމާ އެކުގައެވެ. (ނުނިމޭ)
ދެން ކިތައް ގަރިނު ކޮށްފަ މިވާހަކަ ކިޔާލަން ލިބޭނީ
ހާދަ ލަހޭ އަނެއް ބައި
މިވާހަކަ ދެން މިހާ ދުވަސް ކޮށްފަ އެޕިސޯޑްތައް ގެންނާތީ ވަރަށް ވައި