"މީގެ ކުރިން ހައްޖު ކިޔޫއަކީ ބޭނުން ގޮތަކަށް މާބޮޑު ހަރުދަނާ ކަމެއް ނެތި ކަންތައްތައް ދާން ދޫކޮށްލާފަ އޮތް ކިޔޫއެއްގެ ގޮތުގަ މި ފެނުނީ،"
ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުވަށް ގާއިމްކޮށްފައިވާ ކުންފުނި، ހައްޖު ކޯޕަރޭޝަނަށް ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، ތަނުގެ ކުރިއެރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރިގްރާމުގައި ރޭ ވާހަކަ ދައްކަވަމުން ޝަކީލް ވިދާޅުވީ އާ މެންޖްމެންޓުން އެތަނާ ހަވާލުވިއިރު މީހުން ހައްޖަށް ފޮނުވުމުގެ ކަންކަން ވެސް ކުރިއަށް ގެންދަމުން ދިޔައީ އެއްވެސް ތަރުތީބެއް ނެތި ކަމަށެވެ.
"މީގެ ކުރިން ހައްޖު ކިޔޫއަކީ ބޭނުން ގޮތަކަށް މާބޮޑު ހަރުދަނާ ކަމެއް ނެތި ކަންތައްތައް ދާން ދޫކޮށްލާފަ އޮތް ކިޔޫއެއްގެ ގޮތުގަ މި ފެނުނީ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު މިވަނީ މުޅި ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ރަގަޅު ފިޔަވަޅުތަކެއް އަޅުއްވާފައި،" ޝަކީލް ވިދާޅުވި އެވެ.
ސަރުކާރުން ވަނީ މީހުން ހައްޔަށް ފޮނުވުމުގެ އުސޫލު ހަރުދަނާކޮށް، އަލަށް ހައްޖަށްދާން ރަޖިސްޓްރީކޮށްފައިވާ މީހުންނަށް އިސްކަން ދިނުމަށް ނިންމާފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން އެ ކުންފުނީގެ ކަންކަން ހަރުދަނާ ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންދާކަން ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ ކުންފުނި ކޮޅަށް ޖެހުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެގެން އައިއިރު އެކުންފުނި ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށާއި، އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ކުރީ ސަރުކާރުތަކުން އޮތީ އެ ކުންފުންޏަށް ވަރަށް ބޮޑަށް އިހުމާލުވެފަ އެވެ.
"ބައެއް ސިޔާސީ ޕާޓީތަކުގެ ސިޔާސީ ހާއްޔަކަށް ހައްޖު ކޯޕަރޭޝަން ހަދާފަ އޮތް މަންޒަރު އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އޭގެ ބަދަލުގަ ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކީ ހައްޖު ކޯޕަރޭޝަން ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް، މީގަ ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފަ،" ޝަކީލް ވިދާޅުވި އެވެ.
ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މީހުން ހައްޖަށް ގެންދާ އަގަކީ މީގެ 12 ވަރަކަށް އަހަރު ކުރިން ކަނޑައަޅާފައިވާ އަގެއް ކަމަށާއި، އޭރާ އަޅާ ބަލާއިރު މިހާރު ޓިކެޓާއި ކެއިންބުއިމާ އެކޮމޮޑޭޝަންގެ އަގުތައް ވެސް ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ވަރަށް ބޮޑު ތަސައްވަރެއް ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުން، އަގު ކުޑަކުރުމަށް ބަލާއިރު މިހާރު މިއޮތް އަގަށްވުރެ އެތައް ގުނައެއް އިތުރަށް ބޮލަކަށް ހަރަދުކުރަން އެބަޖެހޭ މިހާރުވެސް. އެހެންވީމަ މިހުރިހާ ހަރަދެއް އެއްފަރާތްކޮށްފަ އަގު ކުޑަކުރުމަށް މަސައްކަތް ކުރަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
މިހާރު މީހުން ހައްޖަށް ގެންދާ އަގަކީ 69،965 ރުފިޔާ އެވެ. ހައްޖަށް ދިއުމުގެ ކިޔޫއަށް އެރެނީ މީގެ 75 ޕަސެންޓް ފައިސާ ދެއްކުމުންނެވެ.