އެ ހިދުމަތުން ބުނެފައި ވަނީ މާލޭގެ އަށް ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓާފައިވާ ކަމަށެވެ. މި މަސައްކަތުގައި މިހާތަނަށް މާލޭގެ މަގުތަކުން 13،882 ޓަނުގެ ފެން ވަނީ ހިންދާފަ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި މާލެއަށް ވަރަށް ބޮޑަށް ވިއްސާރަކޮށް، 130.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާއިރު، އުތުރުގެ ބައެއް އަތޮޅުތަކަށާއި މެދުރާއްޖެއަށް ރީނދޫ އެލާޓް ނެރެފި އެވެ.
އިއްޔެ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށްފައިވާއިރު މިއަދު ވެސް އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. މިއަދު ވެސް ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ވިއްސާރަކޮށްފައި ވަނީ މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. މާލެއާ ގުޅިފައި އޮންނަ ހުޅުލެއަށް 79.5 މިލިލީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.
މެޓުން ރީންދޫ އެލާޓް ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށެވެ. މިއަދު މެންދުރު 1:00އާ ހަމައަށް ނެރެފައިވާ މި އެލާޓުގައި މި ސަަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމުން އެމްއެންޑީއެފް އިން ދަނީ ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހިދުމަތުން ބުނެފައި ވަނީ މާލޭގެ އަށް ސަރަހައްދެއްގައި 23 ޕަންޕު ބަހައްޓާފައިވާ ކަމަށެވެ. މި މަސައްކަތުގައި މިހާތަނަށް މާލޭގެ މަގުތަކުން 13،882 ޓަނުގެ ފެން ވަނީ ހިންދާފަ އެވެ.
އަދި މި ވިއްސާރައިގައި މާލޭގެ 58 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
މިދިޔަ ހަފްތާ ބަންދުގައި ވެސް މާލެ އަށް ވަނީ ވަރަށް ބޯކޮށް ވާރޭވެހިފަ އެވެ. އެ ވިއްސާރައިގައި ވަރަށް ބޮޑަށް މަގުތަކުގައި ފެންބޮޑުވެ، ގޭގެއަށާއި ވިޔަފާރިތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ. މާލޭގެ މަގުތަކުން ވަނީ 30،569 ޓަނުގެ ފެން ހިންދާފަ އެވެ.