ރިޝްވަތުގެ މައްސަލައިގެ އިތުރުން ބޮންޑަޑް ވެއަރހައުސްއިން ސިނގިރޭޓުު ގެއްލުނު މައްސަލައިގާވެސް ސުވާލުކުރާނެ
ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުގައި 400 މިލިޔަން ވަރަކަށް ރުފިޔާ ދައުރުކުރި މައްސަލައިގާ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.
މިމައްސަލައިގައި 20 ވަރަކަށް އޮފިސަރުންގެ މައްޗަށް އިމްޕޯޓު ޑިއުޓީއަށް ދައުލަތަށް ލިބެން ޖެހޭ ފައިސާ އޮޅުވާލައިގެންނާއި ރިޝްވަތުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ސަލާމަތީ ކޮމިޓީން މައުލޫމާތުދޭ ގޮތުގައި ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި ހޯމް މިނިސްޓްރީގެ ވެރީން، އަންނަ ބުރާސްފަތިދުވަހު އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރަން ހަމަޖެހިފައިވެއެވެ. އެދުވަހު މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށްވެސް ނިންމާފައިވެއެވެ.
ރިޝްވަތުގެ މައްސަލައިގެ އިތުރުން ކަސްޓަމްސްގެ ބޮންޑެޑް ވެއަރހައުސްއިން ސިނގިރޭޓުތަކެއް ގެއްލުނު މައްސަލައާއި ގުޅޭގޮތުންވެސް މުއައްސަސާތަކާ ސުވާލުކުރަން ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބިފައިވެއެވެ.
މިދިޔަ އޮގަސްޓު މަހުގައި ފުލުހުން، ކަސްޓަމްގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާއިރު، ބައެއް އޮފިސަރުންގެ ފޯނާއި އެހެނިހެން ބައެއް ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަން އެނގިފައިވެއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
20 ވަރަކަށް އޮފިސަރުންގެ މައްޗަށް ތުހުމަތުކުރެވުނު ނަމަވެސް މިވަގުތު ތަހުގީގުކުރެވެމުންދަނީ އެންމެ ތިން އޮފިސަރެއްގެ މައްސަލަކަމަށާއި އެ 20 އޮފިސަރުން ފައިސާ ހޯދާފައި ވަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ކަމަށް ތުހުމަތު ކުރެވޭކަމަށް މައުލޫމާތު ލިބިފައިވެއެވެ.