ތިނަދޫ ޕާކެއްގައިހުރި ކުރެހުމަކާމެދު ސައުދުﷲގެ ކަންބޮޑުވުން

މިދެކަންތަކަކީ ނަފުރަތުކަމާއި ވަކިވެގަތުމަށް ބާރުދޭކަންތައްކަމަށް ބެލެވޭކަމަށް ސައުދުﷲ ވިދާޅުވެފައިވެއެވެ.

ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ

ގދ ތިނަދޫގައި ހުންނަ ޕާކެއްގައި ހުރި ކުރެހުމަކާމެދު ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މިކުރެހުމުން ފެނިގެންދަނީ ބަޑިއެއް ހިފައިގެން ހުރި މީހަކު، އަންހެނަކާއި ފިރިހެނަކަށް އޭގެން ބިރުދައްކާތަނެވެ. އެކަމުގެ ސަބަބުން އަންހެން މީހާއަށް ލިބިފައިވާ ވޭން، މިތަސްވީރުން ދައްކުވައިދެއެވެ. ތަސްވީރުގެ މިފަޅީގެ ފަސްމަންޒަރުގައި އަލިފާންގަނޑެއްވާއިރު އަނެއްފަޅީގައިވަނީ ސާފު އުޑުގެ ފަސްމަންޒަރަކާއެކު "1962" ލިޔެފައިވާ ފޮތިގަނޑަކުން ކަނުބަދެފައިވާ މީހެކެވެ. ފާހަގަކޮށްލެވޭގޮތުގައި އެއަހަރަކީ ރައީސް ނާސިރުގެ ވެރިކަމުގައި ސިފައިން ތިނަދޫއަށްއަރާ، އެރަށުން މީހުން ބޭލި އަހަރެވެ.

މިކަމާގުޅިގެން ސައުދުﷲ ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައި މިކުރެހުމުން ރައީސް ނާސިރުގެ ތަސްވީރު ފެނިގެންދާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ތިނަދޫގެ ރައްޔިތުންނަށް އެމަނިކުފާނުގެ ވެރިކަމުގައި އަނިޔާލިބިފައިވީނަމަވެސް ވެރިކަން ކުރައްވާފައިވާ ބޭފުޅަކަށް ނިސްބަތްކޮށް މިފަދަ ތަސްވީރެއް ކުޑަކުދިންނަށް ފެންނާނެހެން ބެހެއްޓުމަކީ ވެރިންނަށް އޮންނަންޖެހޭ އިހުތިރާމު ކެނޑިގެން ހިނގައިދާނެ ކަމެއްކަން ސައުދުﷲ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ތިނަދޫ ކައުންސިލްގެ ދިދައާއި ސުވަދީބު ސަރުކާރުގެ ދިދައާއިހުރި އެއްގޮތްކަން ފާހަގަކުރައްވާ ސައުދުﷲ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ސުވަދީބުގެ ދިދައަށް އެއްވެސް ބަދަލެއް ނުގެނެސް ހަމައެކަނި އަނެއްކޮޅަށް ޖެހުމަށްފަހު ކައުންސިލްގެ ދިދައިގެ ގޮތުގައި ބޭނުންކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށްވެސް ވިދާޅުވިއެވެ.

މިޕޯސްޓާއިގުޅޭގޮތުން ސައުދުﷲ އިތުރަށް ވިދާޅުވެފައިވަނީ ރަށުގެ ރައްޔިތުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެޕާކުގެ ފާރުގައި އިބްރާހިމް ނާސިރު ބަޑިހިފައިގެން ހުއްޓާ ކުރަހާފައި އެބަހުރި ކަމަށް ބުނެ ޝަކުވާކޮށްފައިވާކަމަށެވެ. އަދި ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތާކު އެކަހަލަ ކުރެހުމެއް ހުރުމަކީ ރައްޔިތުންވެސް ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މިދެކަންތަކަކީ ނަފުރަތުކަމާއި ވަކިވެގަތުމަށް ބާރުދޭކަންތައްކަމަށް ބެލެވޭކަމަށް ސައުދުﷲ ވިދާޅުވެފައިވެއެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.