ޖަލުގައި ހުރި ގައިދީއަކަށް ޑްރަގު ފޯރުކޮށްދޭން އުޅުނުކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް އެ ތުހުމަތަށް ބާރުދޭނެ ހެއްކެއް ފުލުހުންގެ ފަރާތުން ހުށަހަޅާފައިނުވާކަމަށް އެ މީހާ ބަންދުން ދޫކުރި އަމުރުގައި ބުނެފައިވޭ
ޖަލުގައި ހުރި ގައިދީއަކަށް ޑްރަގު ފޯރުކޮށްދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި އަންހެނަކު ކުރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ފުލުހުން ހައްޔަރުކުރުމަށްފަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކުރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކުރީ އިއްޔެ އެވެ.
ކޯޓުގެ އަމުރުން އެނގޭ ގޮތުގައި މި މައްސަލާގައި ހައްޔަރުކުރި މީހަކީ އުމުރުން 50 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ޑްރަގު ބޭނުންކޮށް ގެންގުޅެ އެއިން ވިޔަފާރިކުރާ މީހެއްކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ނަމަވެސް ކުރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ގައިދީއަކަށް ޑްރަގު ފޯރުކޮށްދިނުމަށް އޭނާ މަސައްކަތްކުރިކަމަށް ފުލުހުން ތުހުމަތުކުރި ނަމަވެސް އެ ތުހުމަތަށް ބާރުލިބޭނެ އެއްވެސް ހެއްކެއް ފުލުހުން ކޯޓަށް ހުށަހަޅާފައިނުވެ އެވެ.
އެ އަންހެންމީހާއަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ ހެއްކެއް ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިނުވާތީ ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުން ދޫކޮށްލުމަށެވެ.