ހަމަޖެހުން ނަގައިލަން އެއްވެސް ބަޔަކަށް ޖާގަނުދޭނަން: ރައީސް

ސިޔާސީ ފަރާތްތަކށް އަދި އެހެން ބަޔަކަށްވެސް ރާއްޖޭގެ ހަމަޖެހުން ނަގައިލުމަށް ފުރުސަތު ނުދެއްވާނެކަމަށް ރައީސް ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގދ. ހޯޑެއްދޫގައި ވާހަކަ ދައްކަވަނީ --

ސިޔާސީ މީހުންނަށް ނުވަތަ އެހެން ބަޔަކަށްވެސް ދިވެހިރާއްޖޭގައި މިހާރު އޮތް ހަމަޖެހުން ނަގައިލުމުގެ ފުރުސަތު ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ރައީސް މިފަދައިން ވިދާޅުވީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ.މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ގައުމެއް އެންމެ އެކަށީގެންވާ ގޮތެއްގައި ތަރައްގީކުރެވެނީ އެ ގައުމެއްގައި ފުރިހަމަ މާނާގައި ހަމަޖެހުން އޮވެގެންނެވެ. 

ރައީސް ވިދާޅުވީ ފާއިތުވެގެންދިޔަ 14 މަހު ރާއްޖޭގައި ހަމަޖެހުން އޮތީ ގާއިމުވެފަ އެވެ. އަދި އެ ހަމަޖެހުން ދެމެހެއްޓެވުމަށް ބަދަލުހިފުމުގެ ރޫހުގައި އެއްވެސް ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރާކަން ފާހަގަކުރެއްވި އެވެ. އަދި ވައުދުވެވަޑައިގެންނެވި ގޮތަށް ސިޔާސީ މީހުން ބަންދުކޮށް، ޖަލަށް ލައިގެން ސަރުކާރުން އެއްވެސް އަމަލެއް ނުހިންގަވާކަން ފާހަގަކުރެއްވި އެވެ. 

މި ހަމަޖެހުން ނަގައިލުމަށް ސިޔާސީން ނުވަތަ އެނޫންވެސް ބަޔަކު މަސައްކަތްކުރާނަމަ އެކަމަށް ޖާގައެއް ނުދެއްވާނެ ކަމަށާއި، އެފަދަ ކަމެއް ބަޔަކު ކުރަނީނަމަ ގައުމީ ވިސްނުންފުޅުގައި އެކަމެއް ހުއްޓުމަކަށް ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. 

"ސިޔާސީ ފަރާތްތަކުން އަދި އެހެންނޫން ވެސް ބަޔަކަށް މި ހަމަޖެހުން ނަގާލުމަކަށް އަޅުގަނޑެއް ޖާގައެއް ނުދޭނަން. އެއްވެސް ފުރުޞަތެއް އެކަމަކަށް ނުދޭނަން. އެކަމަށް އެއްވެސް ބަޔަކު އެއްވެސް ކަމެއް ކުރަން މަސައްކަތްކޮށްފި ނަމަ، އަޅުގަނޑު އެކަން ޤައުމީ ވިސްނުމެއްގައި ހުއްޓުވައި، ޤައުމުގެ ހަމަޖެހުން ޔަޤީންކުރާނަން.،" ރައީސް ވިދާޅުވި އެވެ. 

"ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެއްބަޔަކަށް އަނިޔާކޮށް، ސިޔާސީ ވިސްނުމުގެ ތެރެއިން ގެންގޮސް ހައްޔަރުކޮށް، ޖަލަށްލައި، އުނދަގޫކޮށް، ހެދުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން. އަޅުގަނޑު އެކަމަށް ވަޢުދުވިން، އެކަން އެގޮތަށް ނުހިންގާނެ ކަމަށް.  މި ޤައުމުގައި އަޅުގަނޑަށް އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާނުކުރާނެ.،"

ރާއްޖެއަށް ހަގީގީ މާނާގައި ތަރައްގީ ގެނެސްދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތްކަަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމަށްޓަކައި ގައުމުގައި މިހާރުވެސް އޮތް ހަމަޖެހުން އެގޮތުގައި ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.