މިނިސްޓަރު ވިދާޅުވީ އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން މިއަދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އަލްހިޖްރަ ހައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ޑިސެންބަރު މަހުގެ އުމްރާއަށް ސައުދީއަށް ދިޔަ ބަޔަކު އަނބުރާ ރާއްޖެއަށް ނާދެވި އެ ގައުމުގައި ތާށިވެ ހާލުޖެއްސި މައްސަލާގައި މިއަދު އެ ގުރޫޕާމެދު ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
އުމްރާވެރީން ހާލުގައި ޖެއްސި މައްސަލަ ބޮޑުވެފައި ވަނިކޮށް އެ ގުރޫޕުން ބަޔާނެއް ނެރެ ބުނީ ޑިސެންބަރު އުމްރާއަށް ގެންދިޔަ 24 މީހަކު ރާއްޖެ ނުގެނެވި ތާށިވެފައިވާ ކަމަށެވެ. އެހެން ދިމާވީ ކުންފުންޏަށް ދިމާވި މާލީ ދަތިތަކެއްގެ ސަބަބުން ކަމަށާ އެކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި އަލިމަގެއް ފެނިފައިނުވާ ކަމަށް ވެެސް ބުންޏެވެ.
އެކަން ފާހަގަވުމާއި އެކު މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިނިސްޓަރު ޝަހީމް ވަނީ ވަގުތުން ފައްޓަވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ހިޖުރަ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނަށް އަނބުރާ ރާއްޖެއަށް އާދެވޭނެ މަގު ފަހިކޮށްދިނުމަށް މިނިސްޓްރީއަށް ވެވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"މައްކާގައި ދަތި ހާލަތެއް މެދުވެރިވެފައިވާ އުމްރާވެރިންގެ ބޭފުޅުންނާ އަޅުގަނޑުވަނީ ގުޅައި ވާހަކަ ދައްކައި މިހާރުގެ ހާލަތު ބަލައިފަ. އިންޝާ ﷲ އެބޭފުޅުންނަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް މިދަނީ މަސައްކަތްކުރަމުން،" މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
އަދި ވިދާޅުވީ މައްކާގައި މިވަގުތުގައި ތިބި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބޭފުޅުން މެދުވެރިކޮށް، ހާލުގައި ޖެހުނު އުމްރާވެރިންނަށް އެހީވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުވާނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަށް އިރުޝާދު ދީފަ.
ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީ ނުވެ އަޅުގަނޑުމެން ނުތިބޭނަން. ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްއްޔިތުންނާ ގާތުން މަސައްކަތްކުރުމަށް. ދިމާވާ ކަންކަން ހައްލުކުރުމަށް،"
މިނިސްޓަރު ވިދާޅުވީ އުމްރާވެރިން ހާލުގައި ޖެއްސި ކުންފުންޏަށް އުސޫލުގެ ދަށުން މިއަދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވީ ހިޖްރަ ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް މައްކާއަށް ދިޔަ ދިވެހިންތަކެއް ހާލުގައިޖެހިފައިވާތީ އެމީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ އިރުޝާދުގެދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަަށެވެ.