ޣައްސާަން އިންޑިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގޯއާއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވާނެ
އިންޑިޔާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ދިފާއީ ވަޒީރު ރަޖްނަތު ސިންހާ ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިޔާގެ މެދުގައި އޮތް ދިފާއީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާމެދު ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު މަޝްވަރާކުރައްވައިފި އެވެ.
އިންޑިޔާއަށް ޣައްސާން ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގެ ދިފާއީ ވަޒީރާ ބައްދަލުކުރެއްވި ބައްދަލުވުމާ ގުޅިގެން އިންޑިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ގައުމީ ދިފާއީ ބާރުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، ސިފައިން ތަމްރީނުކުރުމާއި އެކްސަސައިޒުތައް އެކީ ބޭއްވުމާއި ދިފާއީ މަޝްރޫއުތައް ކުރިއަށްގެންދިއުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
އެ ބަޔާނުގައި ފާހަގަކުރި ގޮތުގައި އިންޑިޔާއާއި ދިވެހިރާއްޖެއަކީ ރޫހާނީ، ތާރީހީ، ބަހަވީ އަދި ނަސްލީ ގޮތުން ލާމެހިފައިވާ ދެ ގައުމެވެ. އަދި އިންޑިޔާއިން ގެންގުޅޭ "ނެއިބާހުޑް ފަސްޓު" ޕޮލިސީގައި ރާއްޖެއަށް ހާއްސަ މަގާމެއް އޮންނާނެކަންވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.
އަދި އިންޑިޔާއާއި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރާ ދެ ގައުމުކަން ފާހަގަކޮށް، މި ސަރަހައްދުގެ ތަރައްގީއާއި ސަލާމަތާމެދު އިންޑިޔާއިން ގެންގުޅޭ ތަސައްވުރަށް ރާއްޖެއިން ވަރަށް ބޮޑަށް ހިއްސާވާކަން ފާހަގަކޮށްފައިވެ އެވެ.
އިންޑިޔާއަށް ޣައްސާން ކުރައްވާ ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދިއްލީގެ އިތުރަށް ގޯއާއަށާއި މުމްބާއީއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.