އެމްއެމްއޭގެ ތަަފާސްހިސާބުތަކަށް ބަލާއިރު މަސްކިރުވި މިންވަރު 44.9 އިންސައްތަ ދަށްވިއިރު މަހުގެ އުފެއްދުންތަކުގެ ތެރެއިން ދަޅާާއި ޕައުޗުގައި ބަންދުކޮށްގެން މަސް ބޭރުކުރި މިންވަރު %56.6 ދަށަށް ގޮސްފައިވޭ
ފާއިތުވި އަހަރުގެ ޖަނަވަރީ ނޮވެންބަރުގެ ނިޔަލަށް މަސް ކިރުވި މިންވަރު 44.9 އިންސައްތަ މަދުވެ، މަހުގެ ބާވަތްތައް އެކްސްޕޯޓުކުރި މިންވަރު 48.1 އިންސައްތަ ދަށްވެފައިވާކަން މޯލްޑިވްސް މަަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މަހަކު އެއްފަހަރު އެ އިދާރާއިން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖަނަވަރީން ފެށިގެން ނޮވެންބަަރުގެ ނިޔަލަށް ކިރުވާފައިވަނީ 48،599 ޓަނުގެ މަހެވެ. އެންމެ ގިނައިން ކިރުވީ ކަޅުބިލަމަހެވެ. ކަޅުބިލަމަހާއި ބޮޑުކަންނެލި ކިރުވި މިންވަރުވެސް ފާއިތުވި އަހަރަށްވުރެ މަދުވެފައިވެ އެވެ.
މަސް ކިރުވި އަދަދު މި އަހަރު ދަށްވިއިރު މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރުވެސްވަނީ ދަށްވެފަ އެވެ. މި އަހރު ބޭރުކޮށްފައިވަނީ 36،013 މެޓްރިކް ޓަނުގެ މަހުގެ އުފެއްދުންތަކެވެ. އެއީ ފާއިތުވި އަހަރުގެ އެ މުއްދަތުގއި ބޭރުކުރި 69،371 މެޓްރިކްޓަނާ ބަލާއިރު، 48.1 އިންސައްތަ ދަށް އަދަދެކެވެ.
މަހުގެ އެކި އުފެއްދުންތައް ބޭރުކުރި މިންވަަރަށް ބަލާއިރު ތާޒާކޮށް ނުވަތަ ގަނޑުކޮށްގެން މަހުގެ އުފެއްދުންތައް ބޭރުކުރި މިންވަރު އިތުރުވި ނަމަވެސް އަގު އިތުރުކޮށްގެން މަސް ބޭރުކުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުކުރާ މަހުގެ ބާވަތްތަކުގެ ތެރެއިން އެކްސްޕޯޓުކުރި މިންވަރު އެންމެ ބޮޑަށް ދަށްވީ ދަޅުގައި އަދި ޕައުޗުގައި ބަންދުކޮށްގެން ބޭރުކުރި މަހެވެ. ނިމުނު އަހަރު ދަޅުގައި އަދި ޕައުޗުގައި ބަންދުކޮށްގެން 11،158 މެޓްރިކްޓަނުގެ މަސް ބޭރުކުރިއިރު މި އަހަރު އެ އަދަދުވަނީ 4،846 މެޓްރިކްޓަނަށް ދަށްވެފަ އެވެ.
މަހުގެ އެކްސްޕޯޓު މަދުވުމުގެ ސަބަބުން މި އަހަރު ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެވެސް ވަރަށް ބޮޑަށްވަނީ ދަށްވެފަ އެވެ. އެގޮތުން ރާއްޖޭގެ ދާހިލީ އުފެއްދުންތަކުގެ އެކްސްޕޯޓުގެ އަގެއްގެ ގޮތުގައި އެމްއެމްއޭގެ ހިސާބުތަކުން ދައްކަނީ 80.7 މިލިއަން ޑޮލަރެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 44./7 އިންސައްތަ ދަށް އަދަދެކެވެ.
މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ބައެއް މާހިރުން ފާހަގަކުރައްވަނީ މަހަށް ފުރާ އުޅަނދުފަހަރު މަދުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން މަސްވެރިންނަށް މަސް ބޭނޭ މިންވަރު މަދުވުމެވެ.