އާމްދަނީއަށްވުރެ ރިކަރަންޓު ހަރަަދު ބޮޑު، ޑެފިިސިޓު 15 ބިލިއަނާ ގާތަށް

ފާއިތުވި އަހަރަށްވުރެ މި އަހަރުގެ ބަޖެޓު ޑެފިސިޓު 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައިވާއިރު، އާމްދަނީއަށްވުރެ އިތުރަށް ރިކަރަންޓު ހަރަދުތަކަށް 223 މިލިއަން ރުފިޔާ ހަރަދުވެފައިވޭ

ފިނޭންސް މިނިސްޓަރު މޫސާ ޒަަމީރު، ފޮޓޯ: ރައީސް އޮފީސް

ފާއިތުވި އަހަރު ނިމެން ގާތްވިއިރު ދައުލަތުގެ ރިކަރަންޓު ހަރަދުތައް ލިބުނު އާމްދަނީއަށްވުރެ އިތުރުވެ، އާމްދަނީއަށްވުރެ އިތުރަށް ހަރަދުކުރި ފައިސާގެ އަދަދު 15 ބިލިއަނާ ގާތަށް އަރައިފި އެވެ. 

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުބަރަދުގެ ހިސާބުތަކަށް ބަލާއިރު ޑިސެންބަރު 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 33.6 ބިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކުހުގެ ގޮތުގަ އެވެ. އެއީ 25.5 ބިލިއަން ރުފިޔާ އެވެ. 

ފާއިތުވި އަހަރާ އަޅާބަލާއިރު 742 މިލިއަނެއްހައި ރުފިޔާ އިތުރަށް އާމްދަނީގެ ގޮތުގައި ލިބުނެވެ. ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވިއިރު ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 846 މިލިއަން ރުފިޔާ މަދެވެ. 

އާމްދަނީގެ ގޮތުގައި 33.6 ބިލިއަން ލިބުނުއިރު އެ މުއްދަަތުގައި ޖުމްލ 48.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެއީ ފާއިތުވި އަހަރު ހަރަދުވި 45.9 ބިލިއަނަށްވުރެ 2.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. 

ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ރިކަރަންޓު ހަރަދެވެ. ފާއިތުވި އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަވީ 31.5 ބިލިއަން ނަމަވެސް މި އަހަރު އެ އަދަދުވަނީ 33.9 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

ރިކަރަންޓު ހަރަދުގެ ގޮތުގައި ހޭދަވި 33.9 ބިލިއަން ރުފިޔާއަކީ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 223 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑުވީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ޕެންޝަނުގެ ހަރަދެވެ. ނިމުނު އަހަރު މުސާރައަށް 11.9 ބިލިއަން ހަރަދުވިއިރު މި އަހަރު 13.5 ބިލިއަން ހަރަދުވެފައިވެ އެވެ. 

ޖުމްލަ ހަރަދު އިތުރުވުމާއެކު ފާއިތުވި އަހަރަށްވުރެ މި އަހަރު ބަޖެޓުގެ ޑެފިސިޓުވެސް އިތުރުވި އެވެ. އެގޮތުން ލިބުނު އާމްދަނީއަށްވުރެ އިތުރަށް 14.8 ބިލިއަން ރުފިޔާ ހަރަދުވި އެވެ. އަދި ހަރަދުތަކުގެ ތެރެއިން ދަރަނި އަދާކުރުމުގެ ހަރަދުތައް އުނިކުރުމުން، މި އަހަރުގެ ޑެފިސިޓު 10.3 ބިލިއަނަށް އަރަ އެވެ. 

ފާއިތުވި އަހަރު ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 12.9 ބިލިއަނެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓު ދަރަނި ފާއިތުވި އަހަރަށްވުރެ 1.8 ބިލިއަން ރުފިޔާއިން އިތުރުވެފައިވެ އެވެ. އަދި ދަރަނި އަދާކުރުމުގެ ހަރަދުތައް ނުހިމަނައި ބަޖެޓުގެ ދަރަނި ހިސާބުކޮށްފިނަމަ މި އަހަރުގެ ބަޖެޓު ދަރަނި ނިމުނު އަހަރަށްވުރެ 1.5 ބިލިއަން ރުފިޔާ އިތުރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.