ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަޒުމަކީ އަންނަ ރޯދަ މަހުގެ ކުރިން، ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެފައިވާ ހުރިހާ ރަށަކަށް އެ މައްސަލަ ހައްލުކޮށްދެއްވުން
ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން ހައްލުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
ހުވަދު އަތޮޅުގެ ދެ ބިތުގެ ބައެއް ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ގދ.ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތޮޅު ތެރޭގައި ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިންޖީނުގެތައް ހުރީ އަދާހަމަކޮށް ހިދުމަތް ރަނގަޅުކުރަންޖެހޭ ހާލަތުގަ އެވެ.
ކަރަންޓު ކެނޑޭ މައްސަލަ ހައްލުކުރުމަށް ފާއިތުވި އަހަރު ސަރުކާރުން ބޮޑު ހޭދައެއް ކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މައްސަލަ ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އެކަށީގެންވާ ދާއިމީ ހައްލެއް މިހާތަނަށް އޮތީ ނުލިބި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން ނިންމާފައިވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއާއި ފެނަކަ މެދުވެރިކޮށް، ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައިވާ ހުރިހާ ރަށެއްގައި ކަރަންޓު ހިދުމަތް އަދާހަމަކޮށް ބޭނުންވާ އައު ޖަނަރޭޓަރުތައް ގެނެސް ރޯދަ މަހުގެ ކުރިން އިންސްޓޯލުކުރުމަށެވެ.
"ފެނަކަ އާއި ސްޓެލްކޯ އަދި އެމްޓީސީސީ ފަދަ ކުންފުނިތައް ގުޅި، އަޅުގަނޑުމެން މި އަމާޒު ކުރަނީ މުޅި ރާއްޖޭގައި، އެންމެ ރަށެއް ވެސް މި މައްސަލަ އޮތް ރަށެއް ވިއްޔާ ހިމެނޭ ގޮތަށް، އެންމެ ރަށެއް ވެސް ދޫކޮށް ނުލައި ހުރިހާ ރަށެއްގައި ޖަނަރޭޓަރުގެ މައްސަލަ ހައްލު ކުރުމަަށް ގެންނަން ޖެހޭ ޖަނަރޭޓަރުތައް ގެނެސްދީ، އިންސްޓޯލްކޮށް ނިންމަން،" ރައީސް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި ދެ މަސް ތެރޭގައި ރާއްޖޭގައި ހުރިހާ ރަށެއްގައި ރަމަޟާން މަހު ތި ބޭފުޅުން ކަންބޮޑުވެވަޑައިގަންނަވަން ނުޖެހޭ ފެންވަރަށް ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ އަޅުގަނޑުމެން އަމާޒު ހިފި ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން އެކަން ތި ބޭފުޅުން ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް އެކަން ކޮށްދެވޭތޯ،"
ރައީސްވަނީ މި މަސައްކަތަކީ ގޮންޖެހުން ބޮޑު މަސައްކަތެއްކަން ފާހަގަކުރެއްވުމާއެކު، ކަރަންޓު ކެނޑުމުގެ މައްސަލައަށް ދާއމީ ހައްލެއް ހޯދަައިދިނުމަށް ސަރުކާރުން އަޒުމް ކަނޑައަޅާފައިވާކަމަށް ވިދާޅުވެފަ އެވެ.