ދެ ގައުމުން ސޮއިކުރި އެއްބަސްވުމުގެ ދަށުން ގާއިމުކުރާ ހާއްސަ އިގުތިސާދީ ސަރަހައްދަށް 50 ބޮޑު މަޝްރޫއެއް ގެނެސް 20،000 އަށްވުރެ ގިނަ ހުނަރުވެރިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭން އަމާޒުކޮށްފައިވޭ
ބައިނަލްއަގުވާމީ އިންވެސްޓަރުން ހޯދުމާއެކު ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް މުދަލާއި މީހުންނަށް ފަސޭހައިން ނަގުލުވެވޭނެ ގޮތްތައް އިންތިޒާމުކުރުމަށް ހާއްސަ އިގުތިސާދީ ސަރަހައްދެއް ގާއިމުކުރުމުގެ އެއްބަސްވުމެއްގަައި ސިންގަޕޫރާއި މެލޭޝިޔާގެ ލީޑަރުން ސޮއިކުރައްވައިފި އެވެ.
ޖޮހޮރް-ސިންގަޕޯރ އިކޮނޮމިކް ޒޯނުގެ ނަންދީފައިވާ މި ސަރަހައްދަކީ ތަފާތު މަސައްކަތެއްކަމަށާއި، އެ މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކޮންމެ ގައުމެއްގެ ބާރުގެ ނުކުތާތައް އިތުރަށް ހަރުދަނާކުރެވިގެންދާނެކަމަށް މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ގައުމުތައް ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ މަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. ނަމަވެސް އެއް ގައުމުން އަނެއް ގައުމަށް އެހީތެރިވެ، ދެ ގައުމުގެ ބާރުގެ ނުކުތާތަކުން ފައިދާ ލިބިގަތުމުގެ އިސްތިރާޖިއްޔާއެއް ސިންގަޕޫރާއި މެލޭޝިޔާއިން ގެންގުޅޭކަން ފާހަގަކުރައްވައި އަންވަރު ވިދާޅުވީ ވާދަވެރިކަމުގެ ބަހުރުވަ ދޫކޮށް ގައުމުތަކުން އެއްބާރުލުމުގެ މަަގަށް މަޝްވަރާތައް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މެލޭޝިޔާގެ އެންމެ އުތުރުގައި އޮންނަ ޖޮހޮރްގައި ގާއިމުކުރާ މި ސަރަހައްދުގައި މުދާ އުފެއްދުމާއި، ވައިގެ ދަތުރުފަތުރާ ގުޅޭ މަސައްކަަތްތަަކާއި ފަތުރުވެރިކަމާއި ސިއްހީ ދާއިރާ ހިމެނޭހެން ގިނަ ދާއިރާތަކެއްގައި ޓެކުހުގެ ލުއިތަކެއް ދިނުމަށްވަނީ ނިންމާފަ އެވެ.
ދެ ގައުމުގެ އަމާޒަަކީ މި ސަރަހައްދަށް ފަސް އަހަރު ތެރޭ 50 މަޝްރޫއެއް ގެނައުމެވެ. އަދި އެ މަޝްރޫއުތަކުގެ ތެރެއިން ހުނަރުވެރި މަސައްކަތްތެރިންނަށް 20،000 ވަޒީފާ އުފައްދައި، މިހާރުވެސް ބައިނަލްއަގުވާމީ މާލީ މަރުކަޒެއްގެ ގޮތުގައި ފާހަގަކުރެވޭ ސިންގަޕޫރަށް އިތުރު ކުރިއެރުން ހޯދުމެވެ.
ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮން ވިދާޅުވީ ދެ ގައުމުގެ މެދުގައި އޮތް ތާރީހީ ގުޅުމަކީ ދެ ގައުމުން ގުޅިގެން އުފައްދާ މި އިގުތިސާދީ ހާއްސަ ސަރަހައްދު ގާއިމުކުރުމަށް މަގުފަހިވުމުގެ އަސާސް ކަމަށެވެ.
އަދި ދެކުނުއިރުމަތީ އޭޝިޔާ ގައުމުތަކުގެ ޖަމްއިއްޔާ އާސިއާނުގެ ލީޑަރުގެ ހައިސިއްޔަތުން މެލޭޝިޔާއިން އިންވެސްޓުމެންޓުގެ ދާއިރާގެ އިތުރަށް އުމްރާނީ ވަސީލަތްތަކުގެ ގޮތުން އާސިއާނުގެ ގައުމުތައް ގުޅުވައިލުމަށް ކުރަމުން އަންނަ މަސައްކަަތްތަކަށް ސިންގަަޕޫރުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އާސިއާނުގެ ގައުމުތަކާ ބޮޑު ވާދަވެރިކަމެއް އޮތީ އެ ސަރަހައްދުން ބޭރުގެ އިގުތިސާދީ ބާރުތަކާކަން ފާހަގަކުރައްވައި ވޮން ވިދާޅުވީ އެ ސަރަހައްދުގެ ގައުމުތަކަށް ގުޅިގެން މަސައްކަތްކޮށް ބައިނަލްއަގުވާމީ އިގުތިސާދުގައި ވާދަވެރި ގައުމުތަކެއްގެ ގޮތުގައި ދެމިތިބެވޭނެ ގޮތްތައް ހޯދަންޖެހޭނެ ކަމަށެވެ.