މިއަހަރު އެމަނިކުފާނު ކެމްޕޭނުތެރޭގައި ވެފައިހުރި ވައުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނު ތެރޭގައި އިއުލާނު ކުރި ހުރިހާ ހައުސިން މަޝްރޫއެއް މިމަސް ނިމުމުގެ ކުރިން ބިޑަށް ލާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގދ. ހޯޑެއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރައީސް މިއަދު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީފައި އޮންނާނީ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކަށް ކަމަށެވެ.
އެހެންކަމުން ކެމްޕޭނު ތެރޭގައި އިއުލާނުކޮށްފައި ހުރި ހުރިހާ ހައުސިން މަޝްރޫއެއް މިމަހުގެ ތެރޭގައި ބިޑަށްލައި، ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފިނޭންސް މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ދަންނަވާފަ އޮންނާނެ، މިމަހުގެ ތެރޭގައި، ޖެނުއަރީ މަސް ނިމުމުގެ ކުރީގައި ރަށްރަށުގަ ހައުސިން ޔުނިޓް އެޅުމަށްޓަކައި އަޅުގަނޑު ކެމްޕޭނުގައި އިއުލާނުކޮށްފައި ހުރި ހުރިހާ މަޝްރޫއުތަކެއް ޓެންޑަރަށް ލައި، އަޅުގަނޑުމެން ބިޑަށް ހުޅުވާލުމަށް. އެކަން ކުރާނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ނިމިގެން ދިޔަ އަހަރުތެރޭގައި އިގްތިސޯދީ އަޑިގުޑަންތަކުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރުމާއި، ލިބުނު ބަޖެޓުގައި ހުރި ހުރަސްތަކުގެ ސަބަބުން ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ނުކޮށްދެވި ހުރި ކަމަށެވެ. ނަމަވެސް މިއަހަރު އެމަނިކުފާނު ކެމްޕޭނުތެރޭގައި ވެފައިހުރި ވައުދުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް އިސްކަން ދިނުމަށްފަހު ބަޖެޓުން ދެވަނައަށް އެންމެ އިސްކަމެއް ދޭނީ ތައުލީމާއި ސިއްހަތަށް ކަމަށެވެ. އެއަށްފަހު ރަށްރަށުގެ މަގުތައް ހެދުމަށް ކަމަށެވެ. އެހެންކަމުން ހޯޑެއްދޫގައި ވެސް ހައުސިން ޔުނިޓް އަޅައި އަދި މަގުތައް ހައްދަވައިދެއްވާނެ ކަމުގެ ވައުދު ތަކުރާރު ކުރެއްވެވި އެވެ. އެމަނިކުފާނު މިއަދު ވަނީ އެރަށުގެ ފެނާ ނަރުދަމާގެ މަޝްރޫއު ވެސް އިފްތިތާހުކޮށްދެއްވާފަ އެވެ.
"ޖުމްލަކޮށް އަޅުގަނޑުވީ ހުރިހާ ވައުދެއް ފުއްދަދޭނެކަމުގެ ޔަގީންކަން ދެމުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ރަށުގެ ރައްޔިތުންނަށް ވެސް އަދި މަޑަވެލިވެސް އަދި މި ދާއިރާވެސް އަދި ޖުމްލަކޮށް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް، އަޅުގަނޑުވީ ހުރިހާ ވައުދަކީ ފުއްދުމަށްވީ ވައުދުތަކެކޭ، ސަމާލުކަންދޭ ވައުދުތަކެކޭ، ސަރުކާރުން އެންމެ އިސްކަން ދޭނީ ވައުދުތައް ދުއްދަންށޭ،" ރައީސް ޔަގީންކަން އެރުއްވި އެވެ.