އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ނިމުނުއިރު އޮތް ދަރަނީގެ ބޮޑު ބަޔަކީ މި އިންވެސްޓްމެންޓްތަކުގެ ލޯނެވެ. ކުންފުންޏަށް ގެއްލުން ލިބުނީ ކޮވިޑާ ގުޅިގެން ވިޔަފާރި އެއްކޮށް ހުޓުމުގެ ސަބަބުން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރަކީ މޯލްޑިވިއަން އުފެދުނުފަހުން އެ ކުންފުނީގެ ކުރިއެރުމަށް އެންމެ ގިނަ އިންވެސްޓްމެންޓް ކުރެވުނު ފަސް އަހަރު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަދި އައިލެންޑް އޭވިއޭޝަންގެ ކުރީގެ ޗެއާމަން ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ޝަމްހީދު މިހެން ވިދާޅުވީ ކުރީ ސަރުކާރުން މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަން ދަރުވާލާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަމްހީދު ވަނީ ކުރީ ސަރުކާރުން ކޮށްފައިވާ ބައެއް ކަންކަން ވިދާޅުވެދެއްވާފަ އެވެ. އެގޮތުން މޯލްޑިވިއަންއަށް އޭޓީއާރު މަރުކާގެ އަށް ބޯޓު ހޯދާފައިވާ ކަމަށާއި، އަމިއްލަ ސީޕްލޭން ނެތް އެއާލައިނަށް 11 ސީޕްލޭން ހޯދާފައިވާކަން ފާހަގަކުރެއްވި އެވެ.
ޝަމްހީދު ވިދާޅުވީ އައްޑޫގައި ފްލައިން ސްކޫލެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ މަތިންދާ ބޯޓުތަކާއި އެހެނިހެން ހުރިހާ އިކުއިޕްމެންޓެއް ވެސް ހޯދީ ރައީސް ސޯލިހުގެ ސަރުކާރުން ކަމަށެވެ. އަދި އެ ވެރިކަމުގައި މާފަރުގައި ފިއުލް ފާމެއް ގާއިމްކޮށް، ޓާމިލަށާއި އޭޕްރަމްއަށް އިންވެސްޓް ކޮށްފައިވާ ކަމަށެވެ. މާފަރު އެއާޕޯޓު ފުރެންދެން ޖެޓްތައް ޖެއްސީ ވެސް މި އިންވެސްޓްމެންޓުތަކުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެރިކަން ނިމުނުއިރު އޮތް ދަރަނީގެ ބޮޑު ބަޔަކީ މި އިންވެސްޓްމެންޓްތަކުގެ ލޯނެވެ. ކުންފުންޏަށް ގެއްލުން ލިބުނީ ކޮވިޑާ ގުޅިގެން ވިޔަފާރި އެއްކޮށް ހުޓުމުގެ ސަބަބުން ކަމަށެވެ.
"ކުންފުނި އުފެދުނީންސުރެ ޑިޕްރިސިއޭޝަން އެކައުންޓް ކުރެވިފައިވަނީ ނުބައިކޮށް ކަމަށް ފާހަގަކޮށް އޮޑިޓަރުންގެ ލަފާގެ މަތިން އެކަން ރަގަޅު ކުރުމަށް ބިލިއަނެއްހާ ރުފިޔާގެ އެކައުންޓިން އެޖެސްޓްމެންޓެއް ގެނެވިފައިވާނެ،" ޝަމްހީދު އިތުރަށް ވިދާޅުވި އެވެ.
މިނިސްޓަރު އަމީން ވިދާޅުވެފައި ވަނީ 2023 ވަނަ އަހަރު ނިމުނުއިރު އައިލެންޑް އޭވިއޭޝަންގެ ދަރަނި ދެ ބިލިއަން ރުފިޔާއަށްވުރެ ވެސް ބޮޑު ކަމަށެވެ. އެކަން އެގޮތަށް ދިމާވީ އެތަނުގައި ހިންގޭވަރު ވެރިން ނެތުމުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.