ބޮޑު ބޯޓު ރާއްޖެއަށް، އަހަރު 65،000 ޓޫރިސްޓުން އިތުރުކުރެވޭނެ

ގައުމީ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވީ ދިވެހިންނެވެ.

ގައުމީ އެއާލައިންގެ ތާރީހުގައި ގެނައި ފުރަތަމަ ވައިޑް ބޮޑީ ބޯޓު ވީއައިއޭގައި -- މިހާރު ނޫހުގެ ފޮޓޯއެއް

މި އަހަރުގެ އޮކްޓޫބަރު މަހު އިތުރު ވައިޑް ބޮޑީ ބޯޓެއް ގެންނާނެ 

ގައުމީ އެއާލައިންގެ ބޮޑު ބޯޓު ރާއްޖެއަށް އައިސްފައިވާއިރު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދަށް 65،000 މީހުން އިތުރު ކުރެވޭނެ އެވެ. 

އައިލެންޑް އޭވިއޭޝަންގެ ތާރީހުގައި މިހާތަނަށް ގެނައި އެންމެ ގިނަ މީހުން އުފުލޭ އެއާބަސް އޭ330 ގެ ބޯޓަށް ވީއައިއޭގައި މިއަދު ވަނީ މަރުހަބާ ކިޔާފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުރަހީމް އަބްދުﷲ އަދި ދައުލަތުގެ އިސްވެރިންނާއި ކުންފުނިތަކުން ވެރިން ބައިވެރިވަޑައިގަތެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން ރައީސް ޑރ. މުއިއްޒު ވަނީ ގައުމީ އެއާލައިން ތަރައްގީ ކުރަން ސަރުކާރުން ގެންގުޅުއްވާ ތަސައްވުރު ވިދާޅުވެ ދެއްވާފަ އެވެ. އަދި މި އަހަރު ގައުމީ އެއާލައިންއަށް އިތުރު ވައިޑް ބޮޑީ އެއާކްރާފްޓެއް އިތުރުވާނެކަން ރައީސް އިއުލާނު ކުރެއްވި އެވެ. މި ކުރިއެރުމާއެކު ޓޫރިޒަމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މޯލްޑިިވިއަން އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާ ބޯޓު ސިންގަޕޫރުން މާލެ ގެނައީ ދިވެހިންނެވެ. ބޯޓު ދުއްވީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. އަދި އެ ބޯޓުގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި މި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ގަތަރު އެއާވޭސްގައި މަސައްކަތް ކުރައްވާ ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އަދި އިންޖިނިއަރަކަށް ހުރީ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ވެސް ދިވެހިންނެވެ. 

އެއާބަސް އޭ 330 ގެ ސިފަތައް

  • 264 މީހުންގެ ޖާގަ
  • ތިން ކްލާސް
  • ބިޒްނަސް
  • ޕްރިމިއަލް
  • އިކޮނޮމީ ކްލާސް
  • 10 ޓަނުގެ ކާގޯ އުފުލޭނެ

އައިލެންޑް އޭވިއޭޝަން ސާވިސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ ފުރަތަމަ އޮޕަރޭޓް ކުރެވުނީ ޑޯނިއާ 228 މަރުކާގެ މަތިންދާ ބޯޓަކާއި ޑޭޝް 8 މަރުކާގެ މަތިންދާ ބޯޓެއް ކަމަށާ، އޭރު ރާއްޖޭގައި އޮތީ އެންމެ ހަތަރު އެއާޕޯޓް ކަމަށެވެ.
އަދި 2008 ވަނަ އަހަރު ފެށުނު ކަމަށާ މިއާއެކު ވައިގެ ދަތުރުތައް 2012 އަދި 2015 ވަނަ އަހަރު  އެއާބަސް އޭ 320 ގެ ބޯޓެއް ގެނެވުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ. 

ބޯޓު ގެނައުމުގެ ޓައިމްލައިނެއް

  • ވައިޑް ބޮޑީ ބޯޓު ގެންނަން ވަޒީރުން މަޖިލީހުން ނިންމުން - 17، ޑިސެމްބަރު 2023
  • އެއާބަސް އޭ 330-200ގެ ވައިޑް-ބޮޑީ ބޯޓު ގެންނަން ޓްރޫނޯޑް އާ ހަވާލު ކުރުން - 27، ޖުލައި 2024
  • ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭ 330 އެއް ރަޖިސްޓްރީން ކުރުން - 2، ޖެނުއަރި 2025
  • ގައުމީ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ ބޯޓު ރާއްޖެ އައުން - 6، ޖެނުއަރީ 2025
ގައުމީ އެއާލައިންއަށް ނަޒަރެއް - ގައުމީ އެއާލައިންއަކީ ސީޕްލޭން އާއި ޑޮމެސްޓިކް އަދި އިންޓަނޭޝަނަލް އެއާލައިން ހިދުމަތް ދޭ ކުންފުންޏެވެ. އަދި އިންޓަނޭޝަނަލް ދަތުރުތަކުގައި މިވަގުތު ދަނީ އިންޑިއާގެ މަންޒިލްތަކަށެވެ. މިހާތަނަށް މޯލްޑިވިއަން އެންމެ ދުރަށް ޝެއިޑުލްކޮށް ދަތުރުކުރީ ޗައިނާ އަށެވެ. ގައުމީ އެއާލައިންއަކީ މި ދާއިރާގެ އެންމެ ބޮޑު ޓީމް އޮތް ކުންފުންޏެވެ. އެންމެ ކުޅަދާނަ އިންޖިއަރުން ތިބި ކުންފުންޏެވެ. ގައުމީ އެއާލައިންއަކީ ރާއްޖެއަށް ޖައްސާ 90 ޕަސެންޓް އެއާލައިން ލައިން މެއިންޓަންސް ހިދުމަތް ދޭ ކުންފުންޏެވެ. މި ކުންފުނިން މިހާރު ފްލައިން ސްކޫލެއް ވެސް ހިންގަ އެވެ. އަދި 16 އެއާޕޯޓަށް ދަތުރު ކުރެ އެވެ. މި ކުންފުނިން 4 އެއާޕޯޓެއް ހިންގަ އެވެ. މިއީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުންޏެވެ. ގައުމީ އެއާލައިންއިން ދަނީ އަހަރު އެއް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެމުންނެވެ. އަދި އަހަރު 50،000 ފްލައި ސައިކަލް އަޅަ އެވެ. އަދި ސީޕްލޭން 11 ބޯޓާއި ޑޮމެސްޓިކް ދަތުރުތަކަށް ޑޭޝް 8 ގެ ހަ ބޯޓެއް ދުއްވަ އެވެ. އަދި ހަތަރު އޭޓީއާރު ބޯޓު ވެސް ބޭނުން ކުރެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.