ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ގައުމީ އެއާލައިންގެ ދަތުރުތަކާއެކު ޓޫރިޒަމަށް ކުރިއެރުން ލިބިގެންދާނެ އެވެ.
ގައުމީ އެއާލައިންއިން ގެންނަ ދެވަނަ ވައިޑް ބޮޑީ މަތިންދާ ބޯޓު މި އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ގެންނާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އިން އަލަށް ގެނައި އެއާބަސް އޭ 330 މަރުކާގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް މަރުހަބާ ކިޔަން ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރިޔާސީ މެނިފެސްޓޯ ލިޔަމުން ދިޔައިރު ގައުމީ އެއާލައިން ފުޅާ ކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް ދެކެވަޑައިގެން އެކަން ހިމެނި ކަމަށާ މިއަދު ފެނިގެން މިދަނީ އެކަން ހަގީގަތަކަށް ވެގެން ދިޔަތަން ކަމަށެވެ.
"މިއީ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ކުރިއަށް އޮތް މަސްތަކުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. މިއީ ފެށުމެއް. މިއަދު ފުރަތަމަ ބޯޓު އައިކަމުގައި ވިޔަސް މި އަހަރުގެ އޮކްޓޫބަރު މަހު [މާތްﷲ އިރާދަފުޅުން ] ދެވަނަ ބޯޓެއް އަންނާނެ. ފިނޭންސްއާއި އައިލެންޑް އޭވިއޭޝަނުން އަދި އެހެން ފަރާތްތަކުން ކުރާ މަސައްކަތުން އިތުރު ކުރިއެރުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފުރަތަމަ ބޯޓާއެކު ޗައިނާގެ މަންޒިލްތަކަށް އުދުހުންތައް ފެށިނަމަވެސް އިތުރު އެހެން މަންޒިލްތަކުންވެސް ގައުމީ އެއާލައިނުން ޓޫރިސްޓުން ގެނެވޭނެ އެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެންގެ އަތްމަތީގަ އިގްތިސޯދު ކުރިއަރުވައި ފަތުރުވެރިން ގެނައުމުގެ ކަންކަން ފެށުމަށް އެޅިގެންދާނެ ބާރެއް. އިރާދުކުރެއްވިޔާ ޓޫރިޒަމް އިންޑަސްޓްރީއާއި އުދުހުމުގެ ސިނާއަތް ކުރިއަރައިގެންދާނެ. ކުރިއަށް އޮތްތަނުގައި އެމްއޭސީއެލް އާއި އައިލެންޑް އޭވިއޭޝަނަށްވެސް ކުރިއެރުން ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ގައުމީ އެއާލައިން އިން ވަނީ މި ބޯޓު ގެނައުމުގެ އިތުރުން މިމަހުގެ ތެރޭގައި އިތުރު އޭޓީއާރު ބޯޓެއް ގެންނަން ވެސް ނިންމާފަ އެވެ. އަދި މި އަހަރު އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެންނާނެ އެވެ. "މިރާ" އަށް އެނގިފައިވާ ގޮތުގައި އިތުރު ވައިޑް ބޮޑީ އެއާ ކްރާފްޓެއް ގެނައުމަށްފަހު ޔޫރަޕަށް ސީދާ ދަތުރުތައް ފަށާނެ އެވެ.