އާ ބޯޓަކީ ކުރިން ގެންގުޅުނު ނެރޯ ބޮޑީ ބޯޓާ ހިލާފަށް އިތުރު ގައުމެއްގައި މަޑު ކުރުމެއް ނެތި ދުރު މަންޒިލްތަކަށް ދަތުރު ކުރެވޭނެ ބޯޓެވެ. ވައިޑް ބޮޑީ އާއި ނެރޯ ބޮޑީގެ އެއް ތަފާތަކީ މި އެވެ. މިއީ 264 މީހުންގެ ޖާގައިގެ ބޯޓެކެވެ.
ރާއްޖޭގެ ގައުމީ އެއާލައިން އިން މިއަދު ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓް އެއާބަސް އޭ 330 ގެ ބޯޓުން މި މަހު ޗައިނާގެ ތިން މަންޒިލަކަށް އުދުހެން ފަށާނެ އެވެ.
ގައުމީ އެއާލައިން އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް ޗީފް ކޮމާޝަލް އޮފިސަރު މުހައްމަދު އަމްރާހު ހުސެއިން
ވިދާޅުވީ ބޯޓު މިއަދު ރާއްޖެ އައުމާއެކު މިމަހު ޗައިނާގެ ތިން މަންޒިލަކަށް އުދުހުންތައް ފަށާނެ އެވެ. އަދި މި ބޯޓަކީ ކުރިން ގެނައި ބޯޓުތަކާ ހިލާފަށް ދުރަށް އުދުހުމުގެ ކެޕޭސިޓީ ހުރި ބޯޓަކަށްވުމަކީ ރާއްޖެ ލިބިގެންދާނެ އެންމެ މުހިންމު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބޯޓް [ވައިޑް ބޮޑީ ] އެބަ ދޭ 13،000 ކިލޯ މީޓަރު ދުރުމިނަށް. އެހެންވެ މި ބޯޓުން ޔޫރަޕުގެ މަންޒިލްތަކަށް ވެސް އުދުހުމުގެ ފުރުސަތު އޮންނާނެ. މި ބޯޓާއެކު ސީފާ މަންޒިލަށް ސްޓޮޕެއް ނެތި ދެވުމުގެ ފުރުސަތު ލިބުމަކީ ޓޫރިޒަމަށް ލިބޭނެ ކުރިއެރުން،" އަމްރާހު ވިދާޅވި އެވެ.
އަމްރާހު ވިދާޅުވީ މި ބޯޓާއެކު ރާއްޖެ އަންނަ ޓޫރިސްޓުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށާ މި ބޯޓު ގެނައުމާއެކު އެއް ޓިކެޓުން އެ މީހުން ބޭނުންވާ މަންޒިލަށް ދަތުރު ކުރުމުގެ މަގު މޯލްޑިވިއަން ނެޓްވޯކުން ފަހި ވެގެންދާނެ އެވެ. މީގެ އިތުރުން ޗައިނާ އިން މުދާ ގެންނަ މީހުންނަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން މޯލްޑިވިއަންގެ ހެޑް އޮފް ފްލައިޓް ޓެކްނިކަލް މުހައްމަދު ޒައިދު ހަސަން ވިދާޅުވީ ގައުމީ އެއާލައިންގައި މަސައްކަތް ކުރާތާ ދުވަސްވީ އެއް މުވައްޒަފުގެ ހައިސިއްޔަތުން އާ ބޯޓު ގެނައުމަކީ މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމަންޓުގެ ގޮތުގައި ގަބޫލު ކުރައްވަ އެވެ.
"މިއީ މި ކުންފުންޏަށް މުހިންމު އިންވެސްޓްމަންޓެއް. ދުރުރާސްތާގެ ހުވަފެނުގައި ކުލަޖެހުނު ޕްރޮޖެކްޓެއް. ކުރިން 2012 ގައި އޭރު ގެނައީ [ނެރޯބޮޑީ] އޭ320 ގެނެސްފަ. އެހެންވެ މިއީ މުހިންމު ފެށުމެއް،" ޒައިދު ވިދާޅުވި އެވެ.
ޒައިދު ވިދާޅުވީ މި ބޯޓު ގެނައުމަށްފަހު މިހާރު އޭ 320 ބޯޓުން ދުއްވާ ދިވެހިން އާ ބޯޓަށް ބޭރުގެ ތަޖުރިބާކާރު ޕައިލޮޓުންނާއެކު ތަމްރީންކޮށް އެއް އަހަރުތެރޭ ރަސްމީކޮށް ހަވާލުވާނެ އެވެ.
"މި ވަގުތު ވެސް ވަނީ ތަމްރީން ތަކެއް ހެދިފަ ވަނީ ބޯޓަށް އަރަން. މީގެ އިތުރަށް އަޅުގަނޑުމެން ޕްރޮޕޯސްކޮށްފަ އިންނާނެ ބޭރުގެ [އެއާބަސް އޭ330 ] ގެ ތަޖުރިބާކާރު ޕައިލޮޓުން ގެނެސް ބޯޓު ދުއްވުމުގެ އިތުރު ތަމްރީންތައް ދިވެހިންނަށް ދީގެން އެއް އަހަރުތެރޭގައި ހުރިހާ ޕައިލޮޓުންނަކީ ދިވެހިން ކަމަށް ހަދަން. ބޭރުން ކެބިން ކްރޫއިން އެބަ ގެންނަން ތަޖުރިބާކާރުން. މި ކެބިން ކްރޫއިންނާއި ދިވެހިން އެއްކޮށް އިންވޯލްކޮށްގެން [އާ ބޯޓުގަ] މަސައްކަތް ކުރާނީ،" ޒައިދު ވިދާޅުވި އެވެ.
ގައުމީ އެއާލައިން އިން ވަނީ މި ބޯޓު ގެނައުމުގެ އިތުރުން މިމަހުގެ ތެރޭގައި އިތުރު އޭޓީއާރު ބޯޓެއް ގެންނަން ވެސް ނިންމާފަ އެވެ. އަދި މި އަހަރު އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް ގެންނާނެ އެވެ. "މިރާ" އަށް އެނގިފައިވާ ގޮތުގައި އިތުރު ވައިޑް ބޮޑީ އެއާ ކްރާފްޓެއް ގެނައުމަށްފަހު ޔޫރަޕަށް ސީދާ ދަތުރުތައް ފަށާނެ އެވެ.