ޝުޖާ ކުރީގެ ސީޕީ ހުސައިނަށް: "ޔާމީނުގެ ހައްގުގައި ކުރި މަސައްކަތް ނޭނގޭނެ"

ހުސައިން ވަހީދަކީ ޕީޕީއެމް/ޕީއެންސީގެ މެންބަރެއް ނޫންކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ އިދިކޮޅުގައި ތިއްބެވިއިރު އެއިރުގެ ލީޑަރު ރައީސް ޔާމީނުގެ ހައްގުގައި އެ އިއްތިހާދުގެ ލީޑަރުން ކުރެއްވި މަސައްކަތް ހުސައިނަށް ނޭނގޭނެ ކަމަށް

ރައީސް ޔާމީން އަދި މެންބަރު އިބްރާހިމް ޝުޖާއު

ރައީސް އަބްދުﷲ ޔާމީނުގެ ހައްގުގައި ކުރީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ކުރެއްވި މަސައްކަތް މިހާރު އެމަނިކުފާނު އަރިހުގައި މަސައްކަތްކުރައްވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) ހުސައިން ވަހީދަށް އެނގިވަޑައިނުގަންނަވާނެ ކަމުގައި ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ. 

ޝުޖާ މިފަދައިން ވިދާޅުވީ ރައީސް ޔާމީނު އަލަށް އުފެއްދެވި ޕީއެންއެފްގެ ޖަލްސާއެއްގައި ޝުޖާއާ ގުޅުވައިގެން ހުސައިން ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދުދެއްވައި އެކްސްގައި މިއަދު ޝާއިއުކުރެއްވި ޕޯސްޓެއްގަ އެވެ. 

އިދިކޮޅުގައި ޕީއެންސީ އޮތްއިރު ޝުޖާ ހިމެނިވަޑައިގަންނަވާހެން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުގައި ތިއްބެވި ބައެއް ބޭފުޅުން އިންޑިޔާއާ ގުޅިގެން ރައީސް ޔާމީނު ޖަލުގައި ބޭއްވެވުމަށް މަސައްކަތްކުރެއްވިކަމަށް ހުސައިން ވަހީދު ތުހުމަތުކުރެއްވި އެވެ. 

އެގޮތުން އެއިރު ރައީސް ޔާމީނު ޖަލުން މިނިވަންކުރަން ގޮވައިލާ ކުރަމުން އައި އިހުތިޖާޖުތައް ހުއްޓައިލުމަށް ޕާޓީގެ އެކްޓިވިސްޓުން ކައިރީ ޝުޖާ އެދިވަޑައިގެންނެވިކަމަށް ހުސައިން ތުހުމަތުކުރައްވާފައިވެ އެވެ. 

ހުސައިނުގެ ވާހަކަތަކަށް ރައްދުދެއްވަމުން ޝުޖާ ވިދާޅުވީ ރައީސް ޔާމީނުގެ ހައްގުގައި އެއިރު ޕީޕީއެމް/ޕީއެންސީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ކުރެއްވި މަސައްކަތެއް ހުސައިނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ. 

އަދި ހުސައިނާ ހަވާލުކުރެވިފައި އޮތް މަސައްކަތަކީ ޗެނަލް-13 ހިންގެވުންކަމަށާއި ނަމަވެސް ޗެނަލް ހިންގެވުމުގެ ބަދަލުގައި ކުރެއްވީ ވައްކަންކަމަށްވެސް ޝުޖާ ތުހުމަތުކުރެއްވި އެވެ. އަދި ޕީޕީއެމް/ޕީއެންސީ ލީޑަރުން ކުރެއްވި މަސައްކަތްޕުޅަކީ މިނިވަންކަމާއި ސިޔާދަތުގެ ހިމާޔަތުގައި ކުރެއްވި މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އަދި އިދިކޮޅުގައި ތިއްބެވިއިރު އިންޑިޔާ ސަރުކާރާއި އަދި އެ ގައުމުގެ އެއްވެސް އޮފިޝަލަކާ ޕާޓީން އެއްވެސް މިންވަރަކަށް ވާހަކަނުދައްކަވާ ކަމުގައި ވިދާޅުވަމުން ޝުޖާ ފާހަގަކުރެއްވީ އެއިރު އިންޑިޔާއާ ވާހަކަނުދެއްކުމުގައި ޔާމީނަށްވުރެ ޕާޓީގެ ލީޑަރުން ތިއްބެވީ މާ ސާބިތުކޮށް ކަމަށެވެ. 

އަދި ހުސައިނަކީ ރައީސް ޔާމީނު ދަތުރުކުރެއްވި ލޯންޗުކޮޅު އެމަނިކުފާނުގެ ވެރިކަމުގައި ގޮއްވައިލުމުގެ އަޑީގައި ހުންނެވި ބޭފުޅާކަމަށް ޔާމީނު ވިދާޅުވިކަން ފާހަގަކުރައްވައި، ޝުޖާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުންނަކީ ފައިސާއަށް ގަނެވޭނެ ބައެއް ނޫންކަމަށައި، އެ ބޭފުޅުންނަކީ ވިއްކައި ގަނެވޭ ބައެއްނަމަ މިއަދު ވެރިކަމުގައި ނުތިއްބަވާނެ ކަމުގައި ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.