މި އަހަރަށް ފާސްކުރި ބަޖެޓުގައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ރެކޯޑު އަދަދަކަށް ފައިސާ ހިމަނާފައިވާއިރު، ރައީސް ވިދާޅުވި ގޮތުގައި މި އަހަރުވާނީ އެއް އަހަރު ތެރޭ ބޯހިޔާވަހިކަމުގެ އެންމެ ގިނަ މަޝްރޫއު ހިންގާ އަހަރަށެވެ.
މި އަހަރު ހިންގަން ފެށުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ ގިނަގުނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް މި މަހު އިއުލާނުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.
އަތޮޅުތަކަށް ދަތުރުކުރައްވައި ރަށްރަށު ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކ.ގުޅިއަށް އިއްޔެ ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވަައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކެމްޕެއިނުގައި އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ހުރިހާ މަޝްރޫއެއްގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ މަޝްރޫއުތަކުގެ ތެރެއިން ގެދޮރުވެރިކަމާ ގުޅުންހުރި މަޝްރޫއުތަކުގެ މަސައްކަތް މި އަހަަރު ފެށުމަށްޓަކައި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ހޯދުމަށް މި ޖަނަވަރީ މަހުގެ ތެރޭގައި އިއުލާނުކުރައްވާނެ ކަމަށެވެ.
"މިއަހަރުގެ މި މަހުގެ ތެރޭގައި ބަޖެޓުގެ ތެރޭގައި އަޅުގަނޑުމެން ކަނޑައަޅާފައި މިހުރި، ވައުދުވެފައި މިހުރި ހުރިހާ މަޝްރޫއުތައް، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ކެމްޕޭން ތެރޭގައި މެނިފެސްޓޯގައި ކަނޑައަޅާފައި ހުރި ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގައިދޭނެ ފަރާތްތައް ހޯދަން، އަމަލީ ގޮތުން މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ހޯދަން އަޅުގަނޑުމެން އެބަ އިއުލާނު ކުރަން މި ޖެނުއަރީ މަސް ތެރޭގައި،" ރައީސް ވިދާޅުވި އެވެ.
މި އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށްވާނެކަމަށް ކުރިއްސުރެ ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ މި އަހަރުވަނީ ގެދޮރުވެރިކަމުގެ މަސައްކަތްތައް އެއް އަހަރެއްގައި އެންމެ ގިނައިން ކުރެވޭ އަހަރަށް ކަމަށެވެ.
އެގޮތުން އަލަށް ބިން ހިއްކަންޖެހޭ ރަށްރަށުގައި ބިން ބޮޑުކުރުމާއެކު، މިހާރު ބިން ހިއްކާފައި ހުރި ރަށްރަށުގައި ބިންތަކުގައި ގެދޮރު އަޅައި އެތަންތަނުގައި ގާއިމުކުރަންޖެހޭ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ގުޅިއަށް ހާއްސަކޮށް އެ ރަށުގައި ބިން ހިއްކަން ކުރީ ސަރުކާރުން އިންތިހާބާ ދިމާކޮށް ފެށި މަޝްރޫއު ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދެއްވާފަ އެވެ. އަދި އެ ރަށުގެ ބަނދަރުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ވިދާޅުވި އެވެ.