ބަންދުގައި ހުރެ މަރުވި އަތުހަރުގެ މައްސަލާގައި ދެ ފުލުހަކަށް ދައުވާކުރަން ފޮނުވައިފި

ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލަައަށް ދަންޖެހިގެން މަރުވި އަތުހަރުގެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވިއިރު ދައުވާކުރަނީ ކޮން ތުހުމަތެއްގައިކަމެއް އެޗްއާރްސީއެމްއިން ހާމަނުކުރޭ

އާދަމް އަތުހަރު

އަންހެނަކު ރަހީނުކުރި މައްސަލައެއްގައި ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް ދަންޖެހިގެން މަރުވި . މިލަންދޫ، ހެޕީލޭންޑް، އާދަމް އަތުހަރުގެ މައްސަލައާ ގުޅިގެން ދެ ފުލުހެއްގެ މައްޗަށް ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. 

އަތުހަރު މަރުވީ ފުލުހުންގެ ބަންދުގައި ދޫނިދޫ ގޮޅީގައި ހުއްޓަ އެވެ. އޭނާ ހައްޔަރު ކުރީ ބާރުގެ ބޭނުންކޮށްގެން ކަމުން އޭނާ މަރުވީ ފުލުހުންގެ އަނިޔާގެ ސަބަބުން ކަމަށް ބުނެ އާއިލާ އިން ފުރަތަމަ ސުވާލު އުފެއްދި އެވެ. އެކަމާ ގުޅިގެން ފުލުހުން ވަނީ އާއިލާ އާއި ނޫސްވެރީންނަށް އަތުހަރު ދަންޖެހުނު މަންޒަރު ފެންނަ ވީޑިއޯ ދައްކާފަ އެވެ. ފުލުހުން ދެއްކީ އެޑިޓް ވެސް ނުކޮށް ފްޓޭޖުގެ ރޯފައިލެވެ.

ވަރަށް ދިގުކޮށް ވީޑިއޯ ދެއްކި އެވެ. އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް އެޓެންޑް ކުރާ ތަނާއި ސްޓްރެޗާ އަށް ލައިގެން އޭނާގެ ހަށިގަނޑު ގެންދާ މަންޒަރު ނިމެންދެން ދެއްކި އެވެ.

އަންހެނަކު ރަހީނުކޮށްގެން އަތުހަރު އުޅެނިކޮށް އޭނާގެ އަތް ދަށުން އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުންކޮށް އޭނާގެ ބޮލަށް މުގުރުން ހަމަލާދިން މަންޒަރު ފެންނަ ވީޑިޔޯ ސޯޝަލް މީޑިޔާގައި ވަރަށް ބޮޑަށް ދައުރުކުރި އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާ މަރުވުމުން ގިނަ ބަޔަކު އެއީ ފުލުހުން އަނިޔާކޮށްގެން މަރުވި މަރެއްކަމަށް އަޑު ފެތުރި އެވެ. 

އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބެލުމަށްފަހު އެ މައްސަލާގައި ޝާމިލުވާ ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވިކަން މިއަދު ހާމަކުރި ނަމަވެސް، ދައުވާކުރަން ފޮނުވީ ކޮން ތުހުމަތެއްގައިކަން އެ އިދާރާއިން ހާމަނުކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.