މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުޞަތު ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފަ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާ ދެއްކުމަށްފަހު، ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މިއަންނަ އަހަރުން ފެށިގެން ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލަށް ބަދަލު ގެނައުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.
އެމަނިކުފާނު މި ނިންމެވުން ނިންމެވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތަކަށް ފައިސާ ދައްކާ ތަރުތީބުން ފުރުޞަތު ދިނުމުގައި ޢަމަލުކުރާނެ ގޮތްތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެގޮތުން އުސޫލަށް ބަދަލު ގެނައި ކަންކަމުގެ ތެރޭގައި ހިމެނެނީ؛
ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ޢުމުރުން 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިން ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ކޯޕަރޭޝަނުގެ ލިސްޓުގައި ޢާއިލާގެ މީހަކު ހިމެނޭނަމަ އެމީހެކެވެ. އަދި ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައި ނެތް ފަރާތެއް ކަމަށާއި އަދި ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތެއް އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތެއް އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ސިއްހީ ޙާލަތު ކަށަވަރުކުރާނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ކަނޑައަޅާ ޑޮކްޓަރުން މެދުވެރިކޮށް ވެސް ކަނޑައަޅާފައިވެ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ފައިސާދައްކައިގެން ޙައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރު ވީނަމަވެސް ފަރުޟު ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުންދާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ.