އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފ. ނިލަންދޫގެ 80 ޕަސެންޓް ގޭގައި ފެންބޮޑުވެފައިވެފައިވާއިރު، ކ. ހިންމަފުށީގެ 60 ޕަސެންޓް ގޭގޭގައި ފެންބޮޑުވެފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެއަށް ލިބުނު ގެއްލުމުގެ ސަބަބުން 36 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނެފި އެވެ.
ރާއްޖެއަށް އިއްޔެ ކުރި ވިއްސާރައިގައި މާލޭގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ގޭގެއަށާއި ވިޔަފާރިތަކަށް ފެންވަދެ، ގެއްލުން ލިބިފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނި ގޮތުގައި މޭލޭގައި އިއްޔެ އެކިއެކި އެހީ ހޯދުމަށް 774 ތަނަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އޭގެތެރެއިން 554 ކޯލަކީ ވެލި ބަސްތާ ޖެހުމަށް އައި ކޯލުތައް ކަމަށެވެ. ވެލި ބަސްތާ ޖަހައިދިނުމުގެ މަސައްކަތުގައި އުޅުނީ މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ސިފައިންގެ އިތުރުން ލޯކަލް ގަވަމެންޓް މިނިސްޓްރީންނެވެ.
މާލޭން ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން 53 ގެއަކުން ރިޕޯޓްކޮށްފައިވެ އެވެ. އެތަންތަނުގެ ރެޕިޑް އެސެސްމެންޓް ވަނީ ހަދާފަ އެވެ. އޭގެ ތެރެއިން އާންމު ދިރިއުޅުމަށް ހުރަސް އެޅޭ ހާލަތުގައި ހުރީ 36 ގޭބިސީ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
މާލޭގެ އިތުރުން ރ. އުނގޫފާރާއި ށ. މަރޮއްޓަށް އިއްޔެ ވަނީ އުދަވެސް އަރައިގެން ގެއްލުން ލިބިފަ އެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފ. ނިލަންދޫގެ 80 ޕަސެންޓް ގޭގައި ފެންބޮޑުވެފައިވެފައިވާއިރު، ކ. ހިންމަފުށީގެ 60 ޕަސެންޓް ގޭގޭގައި ފެންބޮޑުވެފައިވެ އެވެ. ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ 10 ވަރަކަށް ގެއަކަށް ވަނީ ގެއްލުން ލިބިފަ އެވެ.
އެމްއެންޑީއެފް އިން ވަނީ ފެންބޮޑުވި ރަށްރަށުގެ ފެން ހިންދުމުގެ މަސައްކަތް ކޮށްފަ އެވެ. މާލޭން 30،000 އަށްވުރެ ގިނަ ޓަނުގެ ފެން ވަނީ ހިންދާފަ އެވެ.