ވިއްސާރައިގެ ސަބަބުން މާލޭގެ ބޮޑުބައެއްގައި އަދިވެސް އޮތީ ފެން ބޮޑުވެފަ އެވެ. އަދި ފެން ހިންދުމުގެ މަސައްކަތް ކުރާއިރު ގިނަ ގެތަކަށް ވަނީ ގެއްލުންވެފަ އެވެ.
އިރުވައި މޫސުން ފެށުމާއެކު، ރާއްޖެއަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެއާއެކު ރާއްޖޭގެ ގިނަ ރަށްތަކަށް ގެއްލުން ވެއްޖެ އެވެ.
މެޓް އޮފީހުން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ އަށް 160 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. އޭގެތެރެއިން އެންމެ ބޯކޮށް ވާރޭ ވެހުނު މިއަދު ހެނދު 5-6 ދޭތެރޭ 60 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ. މާލެއަށް މިހާތަނަށް ރެކޯޑު އަދަދަކަށް ވެހިފައިވަނީ ގާތްގަނޑަކަށް 200 މިލިލީޓަރުގެ ވާރެ އެވެ. މާލޭގެ އިތުރުން ހުޅުލެ އަށް ވެސް 163 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ވިއްސާރައިގެ ސަބަބުން ގިނަ ގެތަކަށް ގެއްލުން ވަނީ އެހީ އަށް އެދިފަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 400 ކޯލެއް އެހީތެރިކަމަށް އެދި ގުޅާފައިވެ އެވެ. މީގެ ތެރޭން 35 ގެއެއްގެ މީހުންނަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފަ އެވެ.
ބޯކޮށް ވޭރޭ ވެހުމުގެ ސަބަބުން ސިފައިން ދަނީ މިވަގުތުވެސް ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން 10،000 ޓަނުގެ ފެން އެ މަގުތަކުން ޕަންޕު ބޭނުންކޮށްގެން އެމްއެންޑީއެފުން ވަނީ މިރޭ އެކަނި ބޭރުކޮށްފަ އެވެ. އަދި ސަރުކާރުގެ އެކި އިދާރާތަކުން ދަނީ ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ސަރުކާރުގެ އެކި ވަޒީރުން ފެށިގެން އާއްމުންގެ ގިނަ ބަޔަކު މި މަސައްކަތުގައި ދަނީ ބައިވެރިވަމުންނެވެ.
ސަރުކާރުގެ އެއް ކުންފުނި ކަމަށްވާ އެމްޕީއެލްގެ މުވައްޒަފުން ވަނީ އެމްޕީއެލް ކައިރި ފުލުހުން އޮފީސް ހުރި ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު އިބްރާހިމް ވަނީ މަސައްކަތް ކުރާ ސަރަހައްދަށް ވަޑައިގެން އަމަލީ ގޮތުން މަސައްކަތް ހިނގާ ގޮތް ބައްލަވާލައްވާފަ އެވެ.
ފެން ބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަަށަށް ވަނީ ގެއްލުންވެފަ އެވެ. މިއަދު ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖު ސަމާލު ނެރެފައި ވެ އެވެ. އަދި އެ ސަރަހައްދުތަކުގެ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ގެއްލުންވި ރަށްތަކުގެ ހާލު ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވާކްސްގެ ވަޒީރު، އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި އުދަ އެރުމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާއި ރައްޔިތުންނަށް ކުރިމަތިވަމުންދާ ތަކުލީފުތައް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާފުޅުގެ ދަށުން، ރަަށް ރަށުގެ ކައުންސިލްތައް މެދުވެރިކޮށް އެ މިނިސްޓްރީން ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.