މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު ސަރުކާރާއި ދައުލަތުގެ ވިޔަފާރިތަކުން އިމްޕޯޓުކުރި މިންވަރު ދަށްވުމުން ޖުމްލަ އިމްޕޯޓު ދަށްވެފައިވާއިރު، ރާއްޖޭގެ ބާޒާރުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ދަށްވެ އެކްސްޕޯޓުވެސް ދަށްވި އެވެ
ފާއިތުވި އަހަރުގެ ޖަަނަވަރީން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް މުދާ އިމްޕޯޓުކުރި މިންވަރާއި އެކްސްޕޯޓުކުރި މިންވަރުވެސް ފާއިތުވި އަހަރާ އަޅަބަލާއިރު މަދުވެފައިވާކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކޮންމެ މަހަކު އެއްފަހަރު މަރުކަޒީ ބޭންކުން އާންމުކުރާ ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް އިމްޕޯޓުކޮށްފައިވަނީ 3.07 ބިލިއަން ޑޮލަރުގެ މުދަލެވެ. 2023 ގެ އެ މުއްދަތުގައި 3.16 ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.
އެހެންކަމުން ފާއިތުވި 2024 ގައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިމްޕޯޓުކުރި މުދަލުގެ އަގު 2.8 އިންސައްތަ ދަށަށް ގޮސްފައިވެ އެވެ. ހިސާބުތައް ދައްކާ ގޮތުގައި އިމްޕޯޓު ދަށްވީ ސަރުކާރާއި ސަރުކާރު ހިއްސާވާ ދައުލަތުގެ ވިޔަފާރިތަކުން އިމްޕޯޓުކުރި މިންވަަރު ދަށްވުމުންނެވެ.
އަމިއްލަ ވިޔަފާރިތަކުން އިމްޕޯޓުކުރި މިންވަރު ނިމުނު އަހަރަށްވުރެ ނުވަ މިލިއަނެއްހައި ޑޮލަރު އިތުރުވިއިރު ސަރުކާރު ކުންފުނިތަކުން އިމްޕޯޓުކުރި މިންވަރު 83 މިލިއަން ޑޮލަރު ދަށަށް ގޮސްފައިވެ އެވެ. އަދި ސަރުކާރުން ސީދާ އިމްޕޯޓުކުރި މިންވަރު 13.8 މިލިއަން ޑޮލަރު ދަށްވެފައިވެ އެވެ.
ޖުމްލަ އެކްސްޕޯޓު ފާއިތުވި އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑަށް ދަށްވި ނަމަވެސް ރީއެކްސްޕޯޓު ނިމުނު އަހަރަށްވުރެ އިތުރުވެފައިވާކަން އެމްއެމްއޭގެ ހިސާބުތަކުން ފެނެ އެވެ. އެގޮތުން ޖުމްލަ އެކްސްޕޯޓުގެ ގޮތުގައި ނޮވެންބަރުގެ ނިޔަލަށް ރެކޯޑުކުރެވުނީ 336.9 މިލިއަން ޑޮލަރެވެ. 2023 ގެ އެ މުއްދަތުގައި 379.6 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކުރެވިފައިވެ އެވެ.
ރާއްޖޭގެ އެކްސްޕޯޓު ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ބާޒާރުގެ އުފެއްދުންތައް އެކްސްޕޯޓުކުރާ މިންވަަރު ނިމުނު އަހަރު 2023 އަށްވުރެ 44.7 އިންސައްތަ ދަށްވުމެވެ. 2023 ގައި ނޮވެންބަރުގެ ނިޔަލަށް 146 މިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓުކުރެވުނުއިރު މި އަހަރުގެ އެ މުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ އެންމެ 80.7 މިލިއަން ޑޮލަރުގެ މުދަލެވެ.
ރާއްޖޭގެ ބާޒާރުގެ އުފެއްދުންތައް އެކްސްޕޯޓުކުރި މިންވަރު ދަށްވި ނަމަވެސް ނިމުނު އަހަރުގައި ރީ-އެކްސްޕޯޓުވަނީ މަތިވެފަ އެވެ. ރާއްޖެއަށް މުދަލެއް އެތެރެކުރުމަށްފަހު އަލުން ބޭރަށް ވިއްކައިގެން ނިމުނު އަހަރުގެ ނޮވެންބަރުގެ ނިޔަލަށް 256.2 މިލިއަން ޑޮލަރު ލިބުނުއިރު 2023 ގެ އެ މުއްދަތުގައި ރީއެކްސްޕޯޓުކޮށްފައިވަނީ 233.6 މިލިއަން ޑޮލަރުގެ މުދަލެވެ.
ރީއެކްސްޕޯޓުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓުފިއުލް ވިއްކާ މިންވަރެވެ. 2023 ގައި 173.6 މިލިއަން ޑޮލަރުގެ ޖެޓްފިއުލް ވިއްކުނުއިރު ނިމުނު އަހަރު އެ އަދަދުވަނީ 197.2 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.