ފާއިތުވި ހޫނު މޫސުމުގައި ބަންގުލަދޭޝްގައި މުޒާހަރާތައް ފެށުމުން އެތައް ސަތޭކަ މުޒާހަރާވެރިން މަރާފައިވާކަމަށް ހަސީނާގެ ސަރުކާރަށް ތުހުމަތުކުރެވެ އެވެ.
ޖުލައި މަހު ބަންގުލަދޭޝްގެ ކުރީގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ހިނގި ބޮޑެތި މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މަރައިލި މައްސަލާގައި އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާއާއި އެހެނިހެން މަސްއޫލުވެރިންގެ މައްޗަށް ޖިނާއީ ދައުވާކުރަން ގޮވައިލާ އެ ގައުމުގައި އެތައް ސަތޭކަ ބަޔަކު މުޒާހަރާކޮށްފި އެވެ.
ތަފާތުކުރުމާ ދެކޮޅަށް އުފެއްދި ޔުނިވާސިޓީ ދަރިވަރުންގެ ހަރަކާތުން އެއްބައިވަންތަކަމުގެ ހިނގައިލުމުގެ ނަމުގައި އަންގާރަދުވަހު ބޭއްވި އެއްވުމުގައި ހަސީނާގެ މައްޗަށް ޖިނާއީ ދައުވާކޮށް ޝަރީއަތް ކުރުމަށާއި، އޭނާގެ އަވާމީ ލީގު ޕާޓީ އުވައިލުމަށް ގޮވައިލާފައިވެ އެވެ.
އެތައް ހަފުތާއަކަށް ދިގުދެމިގެންދިޔަ ހަމަނުޖެހުންތަކަށްފަހު އޯގަސްޓު މަހުގެ ފަސްވަނަ ދުވަހު ހަސީނާ ގައުމު ދޫކުރައްވައި އަވައްޓެރި އިންޑިޔާއަށް ވަޑައިގަތެވެ. އެ ހަމަނުޖެހުންތަކުގައި އެތަސް ސަތޭކަ ބަޔަކު މަރުވެ ހާހުން މީހުންނަށް އަނިޔާވި އެވެ.
އިދިކޮޅު ޕާޓީތަކުން ބޮއިކޮޓުކުރި އިންތިހާބެއް ކާމިޔާބުކުރައްވައި ހަތަރުވަނަ ދައުރެއްގެ ވެރިކަން ނިމުނު އަހަރުގެ ޖަނަވަރީގައި ފެއްޓެވި ހަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް އައީ އެކަމަނާ ގައުމު ދޫކުރައްވައި ފިއްލެވުމުންނެވެ.
ފާއިތުވި ހަފުތާގައި ރަސްމީކޮށް ބަންގުލަދޭޝުންވަނީ ހަސީނާ އަނބުރާ ގައުމަށް ފޮނުވުމަށް އިންޑިޔާގައި އެދިފަ އެވެ. މުޒާހަރާވެރިންގެ މަރުތަކާ ގުޅިގެން ހަސީނާގެ މައްޗަށް ކޯޓުގައި ދައުވާކޮށްފައިވާއިރު، އެ ދައުވާތަކުގެ ތެރޭގައި އިންސާނިއްޔަތާ ދެކޮޅު ޖަރީމާތައް ހިންގެވުމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާތައް ހިމެނެ އެވެ.
ހަސީނާގެ މައްޗަށް ދައުވާކުރުމުގެ އިތުރަށް މުޒާހަރާވެރިންވަނީ މިހާރު ބަންގާޅުގައި އަމަލުކުރާ ގާނޫނުއަސާސީގެ ބަދަލުގައި އައު ގާނޫނުއަސާސީއެއް އެކުލަވައިލާނެކަން އިއުލާނުކުރެއްވުމަށް އެ ގައުމުގެ އިންތިގާލީ ސަރުކާރުގެ ވެރިޔާ މުހައްމަދު ޔޫނުސަށް ގޮވައިލާފަ އެވެ. މިހާރު އަމަލުކުރާ ގާނޫނުއަސާސީއަކީ 1972 ވަނަ އަހަރު ހަސީނާގެ ބައްޕާފުޅުގެ ވެރިކަމުގައި އެކުލަވައިލާ އަމަލުކުރަން ފެށި ދުސްތޫރެކެވެ.
ދާކާގައި ހުންނަ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލުންވަނީ ހަސީނާއާއި އޭނާގެ ބައެއް އެހީތެރިންނާއި އެއިރުގެ ސަރުކާރުގެ މަސްއޫލުވެރިންގެ ތެރެއިން ބައެއް މީހުން ހައްޔަރުކުރަން އަމުރު ނެރެފަ އެވެ. ހަސީނާ ހައްޔަރުކުރުމުގައި އިންޓަޕޯލުގެ އެހީތެރިކަމަށް ބަންގާޅު ސަރުކާރުންވަނީ އެދިފަ އެވެ.
އެމެރިކާގައި ހުންނަވައިގެން މީޑިޔާއާ ވާހަކަދައްކަވަމުން ހަސީނާގެ ދަރިކަލުން ސަޖީބު ވާޒިދުވަނީ ހަސީނާއާ ދެކޮޅަށް ކުރާ ތުހުމަތުތަކަކީ ސިޔާސީ ބޭނުމަށް ވަކި ބައެއްގެ ފަހަތުން ދުވުމަށް ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.