ރައީސް ވިދާޅުވި ގޮތުގައި މި ފެށުނު އަހަރުވާނީ އަމަލީ ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގޭ، އިގުތިސާދު ފުޅާކުރެވި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެވޭނެ އަހަރަކަށެވެ.
މިއަދު ފެށުނު މީލާދީ އައު އަހަރަކީ އަމާންކަމާއި ހަމަޖެހުމުގެ ބިންގަލުގެ މަތީ ތަރައްގީ ހާސިލުކުރުމުގެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައު އަހަރު ފެށުމުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ މާތްﷲގެ އިރާދަފުޅާއެކު 2025 ވަނަ އަހަަރުވާނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތަރައްގީގެ އެކި މަޝްރޫއުތަކުގެ އަމަލީ މަސަކްތަތއް ހިނގާނެ އަހަރެއް ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) December 31, 2024
އިތުރަށް ރައީސް ވިދާޅުވެފައިވަނީ ފެށުނު އަހަރުވާނީ އިގުތިސާދީ މަސައްކަތްތައް ފުޅާކޮށް ފުދުންތެރިކަން އިތުރުކުރެވި، މަސައްކަތްތެރީންނަށް އިތުރު ފުރުސަތުތައް ހުޅުވިގެންދާ އަހަރެއްގެ ގޮތުގައި ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މި އަހަރުވާނީ އަމާންކަމާއި ހަމެޖެހުމުގެ ބިންގަލުގެ މަތީ ތަރައްގީ ހާސިލުކުރުމުގެ އަހަރެއްގެ ގޮތުގައި ކަމަށެވެ.
ރައީސްގެ ޕޯސްޓު ނިންމަވައިލެއްވީ ފެށުނު އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވަމުންނެވެ.
މި އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް 1.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނާފައިވެ އެވެ. އަދި މި އަހަރުގެ ބަޖެޓަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އެންމެ ގިނަ އަދަދެއްގެ ފައިސާ މިހާތަނަށް ހިމެނުނު ދައުލަތުގެ ބަޖެޓެވެ.
ފާއިތުވި އަހަރުގެ ބަޖެޓަކީ އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް 19 ވަނަ މަޖިލީހުން ފާސްކުރި ބަޖެޓެއްކަމާއި، ބަޖެޓު ފާސްކުރުމުގައި ރައީސް ބޭނުންފުޅުވި ގިނަ ކަންތައްތަކެއް ހިމަނާފައިނުވާކަން ފާހަގަކުރައްވައި، ރައީސްވަނީ މި އަހަރުގެ ބަޖެޓާއެކު ސަރުކާރުގެ ތަސައްވުރަށް ވާސިލުވުމަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.