ޝަހީމު ވިދާޅުވެފައިވަނީ އަންނަ އަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް އިސްލާމިކް މިނިސްޓްރީން ރާވާފައިވާ ކަމަށެވެ.
އަންނަ އަހަރު އައު ވަގުފު އިމާރާތްތަކުގެ މަސައްކަތާއި ޒަކާތު ހައުސްގެ އިމާރާތުގެ މަސައްކަތުގެ އިތުރަށް އައު ގިނަ މަސައްކަތްތަކެއް އިސްލާމިކް އެފެއާޒް މިނިސްޓްރީން ފަށާނެ ކަމުގައި އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން އަންނަ އަހަރަށް މަސައްކަތްކުރަން ނިންމާފައިވާ ގޮތާ ގުޅޭ އެކްޝަން ޕްލޭން އިފުތިތާހުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޝަހީމުވަނީ އަންނަ އަހަރު ކުރަން ހުރި ބައެއް މުހިއްމު މަސައްކަތްތައް އިއުލާނު ކުރައްވާފަ އެވެ.
އެގޮތުން އަންނަ އަހަރު ނަމާދަށް ހާއްސަކޮށްގެން ނަމާދުކުރުމަށް ބާރުއެޅުމަށް ހާއްސަ މަޝްރޫއެއް ހިންގުމަށް މިނިސްޓްރީން ނިންމާފައިވެ އެވެ. އެގޮތުން ނަމާދުގެ މަތިވެރިކަން ބަޔާންކޮށްދިނުމާއި ނަމާދުގައި ހިމެނޭ ޒިކުރާއި ދުއާތަކުގެ މާނަތައް ބުނެދިނުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވާފަ އެވެ. އެގޮތުން ގޭގެއަށް ދީނީ އިލްމުވެރިން ވަޑައިގަތުމުގެ ޕްރޮގުރާމުތައްވެސް ހިންގާނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
އަދި 2024 ގައި އަގީދާގެ މައްޗަށް ބިނާކޮށްގެން ހިންގި ރިސާލަތު ޕްރޮގުރާމު އަންނަ އަހަރު ހިންގާނީ އައު މައުލޫމާތުތަކާއެކު ކަން ފާހަގަކުރައްވައި ޑރ.ޝަހީމު ވިދާޅުވީ އަންނަ އަހަރު އެ ޕްރޮގުރާމުގެ މައިގަނޑު އަމާޒަކީ ދިވެހިރާއްޖޭގައި އިސްލާމީ އަހުލާގު ފެތުރުން ކަމަަށެވެ.
އިސްލާމީ ރިސާލަތުގެ އަސާސަަކީ ރިވެތި އަހުލާގުކަން ފާހަގަކުރައްވަމުން ޝަހީމު ވިދާޅުވެފައިވަނީ އިސްލާމީ ރިސާލަތަކީ އޯގާތެރިކަމާއި ރިވެތި އަހުލާގުގެ ރިސާލަތު ކަމަށެވެ. މި ޕްރޮގުރާމުގައި އިހުތިރާމު ދެމެހެއްޓުން ފަދަ ކަންކަން ދަސްކޮށްދެވިގެންދާނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.
ޝަހީމު ވިދާޅުވީ ހަލާލު ގޮތުގައި ނޫނީ މުދާ ހޯދަންޖެހޭކަމާއި އިންސާނާގެ އަނބުރާއި ފުރާނައަކީ ހުރުމަތްތެރިވެގެންވާ ކަންކަން ބުނެދިނުމަށް ރިސާލަަތު ޕްރޮގުރާމު ފަރުމާކޮށްފައިވަނީ އިސްލާމްދީނުގެ އެންމެ މަތީ ފަސް މަގުސަދުގެ މަތީގައި ކަމަށެވެ.
ޝަހީމު ވިދާޅުވީ 2025 ވަނަ އަހަރު ކުރަން ބޭނުންވާ އެންމެ މުހިއްމު މަސައްކަތްތަކަކީ ވަގުފު އިމާރާތްތައް ބިނާކުރުން ކަމަށެވެ. އަދި އެއާއެކު، ޒަަކާތު ހައުސްގެ އިމާރާތްވެސް ބިނާކުރައްވަން ބޭނުންވާކަމަށް ޝަހީމު ވިދާޅުވި އެވެ.