ގދ. ތިނަދޫގައި 10،000 މީހުންގެ އާބާދީ ހަމަނުވަނިސް "ސިޓީ" އެއްގެ ދަރަޖަ ދީފައިވާތީ، އެ ދަރަޖަ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބޭރުކޮށްލައިފި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކުންނެވެ.
ތިނަދޫ އަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދެވެ. އޭނާ މި މައްސަލަ ރައްދުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ، މަރިޔަމް ހޫރުޝީދާ ވަނީ ނިންމަވާފަ އެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދައިވާ މަސްދަރެއް ކަމާއި، އެއީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރުލިބިގެން، ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލައިފައިވާ މަސްދަރެއް ކަން ރާގިބު ހުށަހަޅުއްވާފައިވާ މައްސަލައިގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ކަނޑައަޅާފައިވެ އެވެ.
ރަޖިސްޓްރާ ބަލައިނުގަންނަން ނިންމާ މައްސަލަތައް ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ހައިކޯޓަށް މިދިޔަ ނޮވެމްބަރު މަހު ރާގިބު ހުށަހަޅުއްވާފައިވާ މި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، ކުރީގެ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައި ވަނީ އެރަށު ކައުންސިލުން ދީފައިވާ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެގޮތުން، ތިނަދޫ ކައުންސިލް އިދާރާއިން، އެރަށު އާބާދީގެ ރަސްމީ އަދަދުގެ ހިއްސާކޮށްފައި ވަނީ އޮޅުވާލައިގެން ކަމަށް ބަޔާންކޮށްފައިވެ އެވެ.
ކައުންސިލް އިދާރާއިން ހިއްސާކުރި ލިސްޓުގައި، އެރަށުގެ އާބާދީއަކީ 10،150 މީހުން ކަމަށް ބުނެފައިވާއިރު، އެކެއްގެ ނަމުގައި އެއް އައިޑީކާޑު ނަންބަރަށްވުރެ ގިނަ ނަންބަރު ބޭނުންކޮށްފައިވާ ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. އަދި އެކެއްގެ ނަން އެއްފަހަރަށްވުރެ ގިނަ ފަހަރު އެ ލިސްޓުގައިވާ ކަމަށާއި، އެވަގުތު މަރުވެފައިވާ 115 މީހުންގެ ނަން ލިސްޓުގައި ހިމަނާފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން ވެސް ލިސްޓުގައި އޮޅުންއަރާފަދަ އެތައް ކަމެއް ހުރި ކަމަށް ވެއެވެ.
ރާގިބު ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ކައުންސިލް އިދާރާގެ ރަޖިސްޓްރީއާއި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)ގެ ރަޖިސްޓްރޭޝަނުގައި ވަރަށް ބޮޑު ފަރަގެއްވެ އެވެ. ޑީއެންއާރްގެ ރަޖިސްޓްރޭޝަނުން ދައްކާގޮތުގައި މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ތިނަދޫގެ އާބާދީ އަކީ 7924 ކަމަށް ވެސް ވެއެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅުމާއެކު ސަރުކާރުން ވަނީ އޭނާ މަގާމުން ވަކިކޮށްފަ އެވެ.