އެހެންކަމުން، މާދަމާއިން ފެށިގެން ރާއްޖޭން އެކްސްޕޯޓް ކުރާ މަހާއި ސީފުޑްގެ ހުރިހާ ބާވަތްތަކެއް ސުން ރޭޓޫގައި ޗައިނާ މާކެޓަށް އެކްޕޯޓް ކުރެވޭނެ އެވެ.
ރާއްޖޭއާ ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން މާދަމާއިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަން އިއުލާނު ކޮށްފި އެވެ.
ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ، އަދި އިންވެސްޓްމެންޓް ދާއިރާއިން ގުޅުން ބަދަހިކުރުމަށް ސޮއިކޮށްފައިވާ މި އެއްބަސްވުން މާދަމާއިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށް އިއުލާނު ކުރުމަށް އިއްޔެ ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް އެކްސްޕޯޓް ކުރާ މިދާ އިތުރުކޮށް، ޗައިނާއިން ރާއްޖެއަށް އިމްޕޯޓްކުރާ މުދަލުގެ އަގު ހެޔޮވެގެންދާނެ އެވެ. އަދި ވިޔަފާރިއާ އިންވެސްޓްމެންޓްތަކަށް ހުރި ހުރަސްތައް މަދުކުރުމުގެ ސަބަބުން، ދެ ގައުމުގެ ދެމެދު ހުރި ވިޔަފާރިއާއި އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި މުދަލުގެ ވިޔަފާރި، ހިދުމަތުގެ ވިޔަފާރި، އިވެސްޓްމެންޓްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން، އިކޮނޮމިކް އެންޑް ޓެކްނިކަލް ކޯޕަރޭޝަން ފަދަ މުހިންމު ދާއިރާތައް ހިމެނެ އެވެ.
އެހެންކަމުން، މާދަމާއިން ފެށިގެން ރާއްޖޭން އެކްސްޕޯޓް ކުރާ މަހާއި ސީފުޑްގެ ހުރިހާ ބާވަތްތަކެއް ސުން ރޭޓޫގައި ޗައިނާ މާކެޓަށް އެކްޕޯޓް ކުރެވޭނެ އެވެ. މިއީ ރާއްޖޭގެ މަހުގެ އެކްސްޕޯޓް އިތުރުކޮށް، މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށް މަގުފަހިކުރެވި، މަހުގެ އެކްސްޕޯޓްގެ ފެންވަރު އިތުރު ކުރެވި އަދި ރާއްޖޭން އެކްސްޕޯޓް ކުރާ މަހަށް ރަގަޅު އަގު ހޯދަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.
މި އެއްބަސްވުމުގެ ދަށުން، ހިދުމަތުގެ ދާއިރާއިން ދިވެހި ވިޔަފާރިތަކަށް ޗައިނާގައި ހަރަކާތްތެރިވުމަށް ފުރުސަތުތައް ފަހިވެގެންދާނެ އެވެ. މިފުރުސަތުތަކުގެ ބޭނުން ދިވެހި ވިޔަފާރިތަކުން ހިފުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ގޮވާލައިފަ އެވެ.