ޓްރެޝަރީ ޑިޕާޓުމެންޓުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް އަންގާފައިވަނީ އެ ޑިޕާޓުމެންޓު ހެކުކުރުމުގެ އަމަލު ހިންގާފައިވަނީ ޗައިނާއިން ރަސްމީކޮށް ފައިސާ ދޭ ފަރާތަކުން ކަމަށެވެ.
ދައުލަތުން ފައިސާ ލިބޭ ޗައިނާގެ ފަރާތަކުން އެމެރިކާގެ ޓްރެޝަރީ ޑިޕާޓުމެންޓު ހެކުކޮށް، ސަރުކާރު މުވައްޒަފުންގެ ކޮމްޕިއުޓަރުތަކަށް ވަދެ، ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ބަލާފައިވާކަމަށް އެމެރިކާއިން ހޯމަދުވަހު ބުނެފި އެވެ.
ފާއިތުވި މަސްތަކުގައި އެމެރިކާގެ މުވާސަލާތީ އެކި ނިޒާމުތައް ޗައިނާއިން ފޫއަޅުވައިލާ، އެމެރިކާގެ އެކި ފަންތީގެ މަސްއޫލުވެރިންގެ ފޯނު ކޯލުތަކާއި ޓެކްސްޓު މެސެޖުތަކަށް އެކްސެސްވެފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވެ އެވެ.
އެންމެ ފަހުގެ ހާދިސާއާ ގުޅޭ މައުލޫމާތު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ ހިއްސާކުރުމަށް ޓްރެޝަރީ ޑިޕާޓުމެންޓުން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ހެކުކުރި ފަރާތުން ސެކިއުރިޓީ ކީއެއް ހޯދައިގެން ޓްރެޝަރީ ޑިޕާޓުމެންޓުގެ މުވައްޒަފުން މަސައްކަތްކުރަން ބޭނުންކުރާ ކޮމްޕިއުޓަރުތަކާއި އެ ކޮމްޕިއުޓަރުތަކުގައި ހުރި ލިޔެކިޔުންތަކަށް ވަދެފައިވާކަން އެ ޑިޕާޓުމެންޓުގެ ސަމާލުކަމަށް ގެނައީ ސޮފްޓުވެއާ ހިދުމަތް ދޭ ކުންފުންޏެއްކަމަށް ބިޔޯންޑްޓްރަސްޓްއިން މި މަހުގެ އަަށްވަނަ ދުވަހު ކަމަށެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުން ހެކުކުރުމުގެ މި އަމަލު ހިންގާފައިވަނީ ޗައިނާއިން ހަރަދުކުރާ "އެޑްވާންސްޑް ޕާސިސްޓެންޓް ތުރެޓް"އެއްގެ ގޮތުގައި އެމެރިކާއިން ލިސްޓުކޮށްފައިވާ ފަރާތަކުންނެވެ. އެފަދަ ފަރާތަކާ ގުޅުވައިލެވޭ ކޮންމެ ސައިބާ ސެކިއުރިޓީ ހާދިސާއަކީ ބޮޑު ކަމެއްގެ ގޮތުގައި އެމެރިކާ ސަރުކާރުން ބަލާނެ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
މި ހެކުގެ ސަބަބުން ކުރި އަސަރު ދެނެގަތުމަށް އެފްބީއައި އަދި އެހެނިހެން އިންޓެލިޖެންސް އިދާރާތަކާ ގުޅިގެން މަސައްކަަތްކޮށްފައިވާކަން ފާހަގަކޮށް ޑިޕާޓުމެންޓުން ބުނީ ފޫއަޅުވާލާފައިވާ ކޮމްޕިއުޓަރުތަކާއި ނިޒާމު އެކުއެކީ މިހާރު އޮފްލައިންކޮށްފައިވާ ކަމަށެވެ. އަދި މިހާރު ހެކަރުންނަަށް އެ ޑިޕާޓުމެންޓުގެ މައުލޫމާތުތައް ބަލައި އެއަށް ވަދެވޭކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށްވެސް ބުނެފައިވެ އެވެ.
ޗައިނާއިން އަންނަނީ އެމެރިކާއިން ކުރާ ހެކުކުރުމުގެ ހުރިހާ ތުހުމަތެއް ދޮގުކުރަމުންނެވެ. އަދި ސައިބާ ސެކިއުރިޓީ ކަންކަމުގައި ދެ ގައުމުގެ މެދުގައި ވާހަކަދައްކައި މަޝްވަރާކުރުމަށް ހާއްސަ އިންތިޒާމުތަކެއް ޗައިނާއިންވަނީ ތަރުތީބުކޮށްފަ އެވެ.
މީގެ ކުރިން އެންމެ ފަހުން ފެންމަތިވި މައްސަލައަކީ ޗައިނާގެ ސްޓޭޓް ސެކިއުރިޓީ މިނިސްޓްރީއާ ގާތް ގުޅުމެއް އޮންނަ ކަމަށް ބެލެވޭ ސޯލްޓް ޓައިފޫން ނަމަކަށް ކިޔާ ގުރޫޕަކުން އޭޓީއެންޓީއާއި ވެރިޒޯން އަދި ލިއުމެންގެ މުވާސަލާތީ ނިޒާމުތައް ހެކުކުރި މައްސަލަ އެވެ.
މައިކްރޯސޮފްޓުގެ ސައިބާ ސެކިއުރިޓީ ޓީމުން ދެނެގަނެ ފަޅައި އަރުވައިލި މި ހެކުގައި އެމެރިކާގެ އިންތިހާބީ ރައީސް ޑޮނާލްޑު ޓުރަމްޕާއި އޭނާގެ ނައިބު ޖޭޑީ ވޭންސްގެ މެދުގައި ދެކެވިފައި ހުރި ވާހަކަތަކަށް ހެކަރުން އެކްސެސް ހޯދިކަމަށް ބެލެވެ އެވެ.
މި ހެކާ ގުޅިގެން އެމެރިކާގެ ކޮމާސް ޑިޕާޓުމެންޓުން ނިންމާފައިވަނީ އެމެރިކާގައި ހަރަަކާތްތެރިވާ ޗައިނާގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ޗައިނާ ޓެލެކޮމް އެމެރިކާއިން ބޭރުކުރުމަށެވެ.