ތާރިގު ތުހުމަތުކުރެއްވި ގޮތުގައި މީހުންނަށް ނޭނގި އެމީހުން ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަގާފަތާ ބެހޭ މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު ތާރިގު (މަނަދޫ ތާރިގު) އޭނާއަށް އެނގުމަކާ ނުލައި ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގުރެސް (ޕީއެންސީ)އަށް ވެއްދިކަމަށް ތުހުމަތުކުރައްވައި ފުލުހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި އެކި ފެންވަރުގައި ހަރަކާތްތެރިވެވަޑައިގެންފައިވާ ތާރިގު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އޭނާއަކީ 2005 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހުން ފެށިގެން އެމްޑީޕީގެ މެންބަރެއް ކަމަށެވެ.
އިތުރަށް އޭނާ ފާހަގަކުރެއްވީ 2016 ވަނަ އަހަރު ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އޭނާގެ ފިންގަޕްރިންޓު އޮތް ފޯމު ހުށަހަޅުއްވާފައިނުވާތީ އެއިރު ޕާޓީން ވަކިކުރި ކަމަށެވެ.
ތާރިގު ވިދާޅުވި ގޮތުގައި 2022 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު އޭނާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތެވެ. އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައި ގާނޫނު ހެދި ރައްޔިތުންގެ ހާއްސަ މަޖިލީހާއި ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް އޭނާ އަދާކުރެއްވިކަން ފާހަގަކުރެއްވި އެވެ.
މިހާރުވެސް އެމްޑީޕީގެ މަނަދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ތާރިގު ވިދާޅުވީ ވާދަވެރި ސިޔާސީ މަސައްކަތް ފެށުނީއްސުރެ އެމްޑީޕީ ނޫނސް ސިޔާސީ ޕާޓީއަކަށް ސޮއިނުކުރައްވާ ކަމަށެވެ.
ނަމަވެސް ހިނގަމުންދާ ޑިސެންބަރު މުހުގެ 25 ވަނަ ދުވަހު އޭނާ ޕީއެންސީއަށް ސޮއިކުރައްވާާފައިވާތީ އެކަން އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަަށް އަންގާފައިވާކަމަށް ތާރިގު ވިދާޅުވި އެވެ.
އެކަން ފާހަގަކުރައްވައި ފުލުހަށް ތާރިގު ހުށަހެޅުއްވީ އޭނާގެ ފިންގަ ޕްރިންޓާއި ސޮއާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕާޓީ ބަދަލުކުރި މައްސަލަ ބަލައިދިނުމަށެވެ. އަދި އެއީ ޕީއެންސީއަށް މެންބަރުން އިތުރުކުރުމަށް އެ ޕާޓީއާއި އިލެކްޝަންސް ކޮމިޝަން ގުޅިގެން ހިންގާފައިވާ ޖަރީމާއެއްކަމަށް ތާރިގު ތުހުމަތުކުރެއްވި އެވެ.