ފާއިތުވި އަހަރު ޑިސެންބަރު 19އާ ހަމައަށް ދައުލަތުގެ ޖުމްލަ ޑެފިސިޓަކީ 12.3 ބިލިއަން ރުފިޔާ އެވެ. މި އަހަރު އެ އަދަދު 13.2 ބިލިއަނަށްވަނީ އިތުރުވެފަ އެވެ.
ފާއިތުވި 2023 ވަނަ އަހަރަށްވުރެ މި އަހަރުގެ ބަޖެޓު ޑެފިސިޓު އެއް ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކަައިފި އެވެ.
ކޮންމެ ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތަކަށް ބަލާއިރު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް 32.6 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭއެހީގެ ގޮތުގައި ލިބުނެވެ. އެއީ ޓެކުސް އާމްދަނީގެ ގޮތުގައި ލިބުނު 24.8 ބިލިއަން ރުފިޔާއާއި ޓެކުސް ނޫން ގޮތްގޮތުން ލިބުނު 7.2 ބިލިއަން ރުފިޔާއާއި ކެޕިޓަލް ރިސީޓްސްގެ ގޮތުގައި 11.3 ބލިއަން ރުފިޔާއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 612.1 މިލިއަން ރުފިޔާ އެވެ.
ފާއިތުވި އަހަރާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު އާމްދަނީވަނީ %2.1 އިތުރުވެފަ އެވެ. ނިމުނު އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު 31.9 ބިލިއަނަށްވުރެ އިތުރަށް މި އަހަރު ލިބުނީ 693 މިލިއަން ރުފިޔާ އެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު މި އަހަރު 45.9 ބިލިއަން ރުފިޔާ 19 ޑިސެންބަރާ ހަމައަށް ހަރަދުވެފައިވެ އެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ހަރަދުވި 44.3 ބިލިއަން ރުފިޔާއަށްވުރެ 3.5 އިންސައްތަ އިތުރު އަދަދެކެވެ. ދައުލަތުގެ ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ މުސާރައާއ އިނާޔަތްތަކަށް ކުރާ ހަރަދާއި އިދާރީ ހިންގުމުގެ ހަރަދުތަކެވެ.
އެގޮތުން މި އަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 12.4 ބިލިއަން ހަރަދުވި އެވެ. ފާއިތުވި އަހަރު ހަރަދުވީ 11 ބިލިއަން ރުފިޔާ އެވެ. މި އަހަރު އިދާރީ ހިންގުމަށް 19.4 ބިލިއަން ހަރަދުވިއިރު ފާއިތުވި އަހަރު ހަރަދުވީ 18.7 ބިލިއަނެވެ.
ދައުލަތުގެ ރިކަރަންޓު ހަރަދުތަކަށް ބަލާއިރު ޑިސެންބަރު 19 ގެ ނިޔަލަށް ޖުމްލަ 32 ބިލިއަން ހަރަދުވެފައިވެ އެވެ. އެއީ ނިމުނު އަހަރަށްވުރެ ގާތްގަނޑަކަށް ދެ ބިލިއަނެއްހައި ރުފިޔާ އިތުރު އަދަދެކެވެ.
ޖުމްލަ ހަރަދުތައް އިތުރުވުމާއެކު ދައުލަތުގެ ޑެފިސިޓުވެސްވަނީ ފާއިތުވި އަހަރަށްވުރެ މަތިވެފަ އެވެ. ފާއިތުވި އަހަރު ޖުމްލަ ޑެފިސިޓަކީ 12.3 ބިލިއަން ރުފިޔާ އެވެ. މި އަހަަރު މިހާތަނަށް އެ އަދަދުވަނީ 13.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް ބިލިއަނެއްހައި ރުފިޔާގެ އިތުރުވުމެކެވެ.