މިދެމީހުން އަތުން 32 ގުރާމުގެ ހެރޮއިންއާއި 2.1 ކިލޯގެ މެފެޑްރޯން ފެނިފައިވޭ
ބުރާސްފަތިދުވަހު ވައިގެމަގުން ތައިލެންޑުން ރާއްޖެއަށް ދެކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެހި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
21 އަހަރާއި 41 އަހަރުގެ މިދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުންގެ އަމަލުތައް ހުރިގޮތާމެދު ޝައްކުވެގެން ބަލާ ފާސްކުރުމުގެ ތެރޭގައި ހަށިގަނޑުގެތެރޭގައި ރައްކާކޮށްފައިހުރި 32 ގުރާމް ހެރޮއިން އަދި 2.1 ކިލޯ މެފެޑްރޯން ފެނުމުންކަމަށް ކަސްޓަމްސުން ބުނެއެވެ.
އަދި މިތަކެތީގެ މަގުމަތީ އަގު 5.5 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް އެފަރާތުން ބުނެއެވެ. ކަސްޓަމްސުން މިހާރު މިތަކެތި ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.
މިދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ހުކުމްކޮށްފައެވެ.
މިދެމީހުން ރާއްޖެ އައި ވަގުތު އަރައިގެންތިބި އިސްޓާކީނުގެތެރެއިންނާއި ލައިގެންތިބި ބޮކްސާތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ބަންދުގެ އަމުރުގައިވެއެވެ.