ހިލޭ އެހީ އަންދާޒާއާ ގާތަށް ވެސް ނުލިބޭ | ލިބުނީ 612 މިލިއަން

ހަތް އަހަރު ދުވަހަށް ބަލާއިރު ހިލޭ އެހީ ވަނީ ބޮޑުތަނުން ދަށްވެފަ އެވެ. މި ސަރުކާރުގެ ފުރަތަމަ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ވަނީ ދެ ބިލިއަން ރުފިޔާ ހިމަނާފަ އެވެ. ސަރުކާރުން ބުނަނީ އެ އަދަދު ލިބޭނެ ކަމަށެވެ.

ހުޅުމާލެ ދެ ފިޔަވަހި ގުޅުވާލައި ދޭ ބްރިޖެއް : ހިލޭ އެހީ ދަނީ އަހަރުން އަހަރަށް ދަށްވަމުން

މި އަހަރު ހިލޭ އެހީގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިހާތަނަށް ލިބިފައިވަނީ 612.1 މިލިއަން ރުފިޔާ އެވެ. 

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ ހަފުތާގެ ދައުލަތުގެ ހަރަދާއި އާމްދަނީ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރު ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެ އަދަދެއްގެ ގޮތުގައި ޖަހާފައިވަނީ 1,469.3 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މި އަހަރުގެ މިހާތަނަށް ލިބުނީ 612.1 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 782.6 މިލިއަން ރުފިޔާ އެވެ. 

ހަތް އަހަރު، ފެންނަނީ ހިލޭ އެހީ ދަށްވާތަން

މި އަހަރު އަންދާޒާ ކުރި ވަރަށްވުރެ މަދުން ހިލޭ އެހީ ލިބިފައިވާއިރު މިކަން ތަކުރާރުވާތާ ހަތް އަހަރު ވަނީ ވެފަ އެވެ. މިދިޔަ ހަތް އަހަރު ދުވަަހަށް ބަލާއިރުވެސް ރާއްޖެއަށް ލިބޭ ހިލޭ އެހީ ދިޔައީ ދަށްވަމުންނެވެ. މިދިޔަ ހަތް އަހަރު ދުވަހަށް ބަލާއިރު އެވްރެޖްކޮށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 369 މިލިއަން ރުފިޔާ އެވެ. މި ފަހުން އެންމެ ގިނައިން ހިލޭ އެހީ ލިބުނު 2022 ވަނަ އަހަރު ލިބިފައިވަނީ 603 މިލިއަން ރުފިޔާ އެވެ. 

އަންނަ އަހަރު ހިލޭ އެހީއާމެދު ސަރުކާރުގެ އުންމީދު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަމަވެސް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން ވަނީ ހިލޭ އެހީގެ ގޮތުގައި ގާތްގަނޑަކަށް 2.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފަ އެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށްވަޑައިގެން ހުށަހެޅުއްވި ފުރަތަމަ ބަޖެޓެވެ. 

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ އަދަދުތަކަކީ މިހާރު އެކި ގައުމުތަކުން އެ ފަައިސާ ދިނުމަށް މަޝްވަރާކުރެވި އެއްބަސްވުމަކަށް ވާސިލުވެވިފައިވާ އަދަދުތަކެއް ކަމުގަ އެވެ.

އެގޮތުން މިހާރު ބަޖެޓުގައި ހިމަނާފައިވާ 2.1 ބިލިއަން ރުފިޔާގެ ތެރެއިން 1.6 ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް މި ހަފުތާ ތެރޭގައިވެސް ކުރެވުނު ކަމުގައި ޒަމީރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އަދަދަކީ އެކުވެރި ގައުމެއްގެ ވެރިޔަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި މަޝްވަރާގެ ތެރެއިން ހަމަޖެހިފައިވާ އަދަދެކެވެ.

"ހެޑް އޮފް ސްޓޭޓަކާއެކު ރައީސް މަޝްވަރާކުރައްވާފައި އޮތް ގްރާންޓެއް ހޯދުމުގެ މަސައްކަތުގައި މިހަފުތާވެސް އަޅުގަނޑުމެން [މިއުޅެނީ]. އެހެންވީމާ ތިއީ ހަމަ ވަރަށް ރިއަލިސްޓިކް ފިގާއެއް. މިހަފުތާގައި މަސައްކަތްކުރީ މިދެންނެވިހެން 1.6 ބިލިއަން ރުފިޔާގެ [ހިލޭ އެހީއެއް] ހޯދުމަށް،" ޒަމީރު ވިދާޅުވި އެވެ.

އޭގެ އިތުރަށް ޒަމީރު ފާހަގަކުރެއްވީ އެ 1.6 ބިލިއަން ރުފިޔާގެ އިތުރަށް ރައީސް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން އެކުވެރި ދައުލަތަކުން ހަމަޖައްސައިދޭން ނިންމައި ލިޔުމުން އެ ފައިސާ ލިބޭނެކަން އަންގާފައިވާ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ވެސް ބަޖެޓުގައި ހިމަނާފައިވާ ހިލޭ އެހީގައި ހިމެނޭނެ ކަމެވެ.

އިތުރަށް ޒަމީރު ވިދާޅުވީ ހިލޭ އެހީގެ ތެރޭގައި އެކި ގައުމުތަކުގެ ހިލޭ އެހީގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ފައިސާވެސް ހިމެނޭނެ ކަމަށެވެ. އެގޮތުން ތިލަމާލެ ބުރިޖުގެ ހިލޭ އެހީ ކޮމްޕޯނެންޓުވެސް ހިލޭ އެހީގެ ތެރޭގައި ހިމެނިވެފައިވާ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ހިލޭ އެހީ

  • ލަފާކުރާ ހިލޭ އެހީގެ ޖުމްލަ - 2.59 ބިލިއަން ރުފިޔާ
  • ވަކި ޕްރޮޖެކްޓެއް ހިންގަން ދޭ އެހީގެ ބޭރުން 1.85 ބިލިއަން ރުފިޔާ
  • ޕްރޮޖެކްޓުތަކާ ގުޅުން ހުރި 736 މިލިއަން ރުފިޔާ

ހިލޭ އެހީ ދަށްވުމަކީ އެމްއެމްއޭގެ ކަންބޮޑުވުމެއް

ގަވަރުނަރު އަހްމަދު މުނައްވަރު

ހިލޭ އެހީ އަހަރުން އަހަރަށް ދަށްވަމުންދާއިރު، ކޮންމެ އަހަރެއްގެ ބަޖެޓަށްވެސް އެމްއެމްއޭއިން ފޮނުވާ ޕްރޮޕެޝަނަލް އޮޕީނިއަންގައި ހިލޭ އެހީ ދަށްވުމުގެ ކަންބޮޑުވުން ފާޅުކުރެ އެވެ. އަންނަ އަހަރުގެ ބަޖެޓަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ފޮނުވި ލަފާގައި ވެސް ވަނީ ހިލޭ އެހީ ދަށްވުމުގެ ސަބަބުން އާމްދަނީ އަށް އަަސަރުކޮށްފާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮންމެ އަހަރެއްގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭނެކަމަަށް ލަފާކުރި ނަމަވެސް އެއްވެސް އަހަރެއްގައި އެ އަދަދަށް ހިލޭ އެހީ ނުލިބޭތީ ބަޖެޓާ ގުޅިގެން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މަޖިލީހަށް ފޮނުވި ލަފާގައިވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެގޮތުން 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް ބޮޑެތި އަދަދުތައް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ލަފާކުރި ނަމަވެސް ކޮންމެ އަހަރަކު އެވެރެޖުކޮށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އަންދާޒާކުރާ މިންވަރުގެ އެންމެ 34 އިންސައްތަކަން މަރުކަޒީ ބޭންކުން ފާހަގަކުރި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައި އޮތް ނަމަވެސް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ފައިސާ ލިބިފައިވާ ގޮތަށް ބަލާއިރު ބަޖެޓުކޮށްފައިވާ މިންވަރަށް ހިލޭ އެހީ ނުލިބުމުގެ ހިރާސް އެބައޮތްކަމަށް އެމްއެމްއޭ އިން ދެކެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.