ފޮރިން މިނިސްޓްރީން ބުނެފައިވަނީ އީރާނުގައި ހުންނަވާ އިޓަލީ ސަަފީރު ސެސިލިއާ އަރިހަށް ޒިޔާރަތްކުރައްވައި އޭނާގެ ދުޅަހެޔޮކަން ކަށަވަރުކުރައްވައި ޖަލުގައި ހުރި ހާލަތު ބައްލަވާފައިވާ ކަމަށެވެ.
އީރާނުގައި ހަރަކާތްތެރިވާ އިޓަލީ ނޫސްވެރިއެއް ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފި އެވެ. މިއީ އީރާނު ސަރުކާރާ ދެކޮޅަށް އެ ގައުމުގައި މުޒާހަރާކުރަން ފެށިފަހުން ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކަށްފަހު ބޭރު ނޫސްވެރިޔަކު ހައްޔަރުކުރި ފުރަތަމަ ފަހަރެވެ.
އިޓަލީގެ ފޮރިން މިނިސްޓްރީން ހުކުރުދުވަހު ބުނި ގޮތުގައި އިޓަލީގެ ދުވަހު ނޫހެއްކަމަށްވާ އިލް ފޮގްލިއޯގައި މަސައްކަތްކުރާ ސެސިލިއާ ސަަލާ ހިނގަމުންދާ ޑިސެްނަބަރު މަހުގެ 19 ވަނަަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭނާ ހައްޔަރުކުރި ސަބަބުތަކާއި އިތުރު ތަފުސީލުތައް ހޯދުމަށް އިޓަލީގެ އިދާރާތަކުން މަސައްކަތްކުރަމުން އަންނަ ކަމަަށެވެ.
ސެސިލިއާ މަސައްކަތްކުރާ ނޫހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވާކަން އާންމުކޮށް ހާމަކުރަން ނިންމީ އެކަމުގެ ސަބަބުން އޭނާ އަނބުރާ ގައުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން އިޓަލީ ސަރުކާރުން ދިނުމާ ގުޅިގެންނެވެ.
ސެސިލިއާ ހައްޔަރުކުރުމުގެ ތިން ދުވަސްކުރިން އީރާނަށް އެމެރިކާގެ ޑްރޯން ޓެކްނޮލޮޖީ ފޯރުކޮށްދެމުންދާކަަމަށް އެމެރިކާއިން ތުހުމަތުކުރާ އީރާނު ރައްޔިތެއް އިޓަލީން ހައްޔަރުކޮށް ބަންދުކޮށްފައިވެ އެވެ. އަދި ހަމަ އެ ތުހުމަތުތަކުގައި ސްވިޒްލޭންޑުން އީރާނު މީހަކު ހައްޔަރުކޮށްފައިވެ އެވެ.
އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ އެކްސްގައި ލިޔުއްވާފައިވަނީ ސެސިލިއާ އަނބުރާ ގައުމަށް ގެނައުމަށް މެދުކެނޑުމެއް ނެތި އިޓަލީން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ސެސިލިއާ ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ އީރާނުގައި ހުންނަވާ އިޓަލީ ސަަފީރު ސެސިލިއާ އަރިހަށް ޒިޔާރަތްކުރައްވައި އޭނާގެ ދުޅަހެޔޮކަން ކަށަވަރުކުރައްވައި ޖަލުގައި ހުރި ހާލަތު ބައްލަވާފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި ފަހުން ދެ ފަހަރެއްގެ މަތިން އާއިލާއަށް ގުޅުމަށް ސެސިލިއާ ފުރުސަތު ދެވިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ އޭނާގެ މައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ހާމަނުކުރުމަށް ސެސިލިއާގެ މައިންބަފައިންނާއެކު ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ މަގުސަދަކީ ސެސިލިއާ ގައުމަށް ގެނައުމުގެ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ހާސިލުކުރުމަށް މަގުފަހިކުރުން ކަމަށެވެ.
އުމުރުން 29 އަހަރުގެ ސެސިލިއާ އީރާނަށް ދިޔައީ ޑިސެންބަރު 12 ވަނަ ދުވަަހު އެވެ. އަދި އިޓަލީއަށް އަނބުރާ ދިއުމަށް ހަމަޖެހިފައި އޮތީ ޑިސެންބަރު 20 ވަނަ ދުވަހު އެވެ. ޔޫކުރެއިނާއި ލުބުނާނު ފަދަ ހަނގުރާމަ ހިނގަމުން އަންނަ ސަރަހައްދުތަކުގައި ސެސިލިއާ ކުރިން މަސައްކަތްކޮށްފައިވެ އެވެ.
އޭގެ އިތުރަށް ސެސިލިއާއަކީ ބޭރު ހަބަރުތަކާ ގުޅޭ ޕޮޑްކާސްޓެއް ތައްޔާރުކޮށް ގެނެސްދޭ ނޫސްވެރިއެކެވެ. އޭނާ އެންމެ ފަހުން ޝާއިއުކުރި އެޕިސޯޑުގައި އީރާނުގެ ސްޓޭންޑްއަޕް ކޮމީޑިއަނެއްކަމަށްވާ ޒައިނަބް މޫސަވީއާ އންޓަވިއުކޮށްފައިވެ އެވެ. ޒައިނަބަަކީ ސަރުކާރަށް ފާޑުކިޔައިގެން މި އަހަރު ކުރީ ކޮޅު ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ މީހެކެވެ.