"ތި ފޮޓޯގައި ހުސްކޮށް ތިފެންނަ ޖާގަ ތަކަކީ މަރުކަޒުގެ އިމާމުންނާއި ބަންގިގޮވާ މީހުންގެ ޖާގަ. އެބޭފުޅުން ގަޑިއަށް ނިކުންނަވަނީ،"
އިސްލާމީ މަރުކަޒުގެ ހުކުރުގެ ޖަމާއަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަަޑައިގަންނަވާ މަންޒަރު ފެންނަ ފޮޓޯއަކަަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ ފޮޓޯގެ ހަގީގަތް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސާފުކޮށް ދެއްވައިފި އެވެ.
ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު، މަރުކަޒުގެ ހުކުރުގެ ޖަމާއަތުގައި ބައިވެރިވެވަޑައިގަންނަވަނިކޮށެވެ. އެމަނިކުފާނު އިންނަވަނީ ޖަމާއަތުގެ އެހެން މީހުންނާއި ވަކީންނެވެ. ކައިރީގައިވާ ޖާގަތައް ވަނީ ހުސްކޮށެވެ.
އެކަން ފާހަގަކޮށް އެމަނިކުފާނާ ވާދަވެރިން ގެންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ދީނީ ބައެއް މީހުން ވެސް އެއީ ވަރަށް ބޮޑު ގޯހެެއް ކަމަަށް ބުނެ ފާޑުކިޔާފައިވެ އެވެ. ދީނުގައި އޮންނަ ހަމަހަމަކަން އެންމެ ބޮޑަށް ހާމަވަނީ މިސްކިތުން ކަމަަށާ މިސްކިތުގެ ސަފުހަދާއިރު ނުފޫޒުގަދަ މީހެއް އަދި ނިކަމެތި މީހެއް ތަފާތެއް ނޯންނާނެ ކަމަށެވެ.
އެ ފޮޓޯ ހިއްސާކޮށް ބައެއް މީހުން ބުނީ ރާއްޖެ އަލުން "ރަސްކަމަކަށް" ދަނީ ކަމަށެވެ.
މިނިސްޓަރު ޝަހީމް ވަނީ އެ ވާހަކަތަކަކީ ހަގީގަތެއް ނޫންކަން ހާމަކޮށް ހަގީގަތް ހާމަކޮށް ދެއްވާފަ އެވެ. މިނިސްޓަރު ވިދާޅުވީ ރައީސް ޑރ މުއިއްޒު ދުވަހަކު ވެސް އެގޮތައް ޖާގަ ހުސްކޮށްފައި ބޭއްވުމަށް ނާންގަވާ ކަމަަށެވެ. އަދި ވިދާޅުވީ ރައީސާ މެދު އެފަދަ ވާހަކަތައް ދެއްކުން ބަލައި ނުގަނެވޭނެ ކަމަށެވެ.
"ތި ފޮޓޯގައި ހުސްކޮށް ތިފެންނަ ޖާގަ ތަކަކީ މަރުކަޒުގެ އިމާމުންނާއި ބަންގިގޮވާ މީހުންގެ ޖާގަ. އެބޭފުޅުން ގަޑިއަށް ނިކުންނަވަނީ،" ފޮޓޯގެ ހަގީގަތް ސާފުކޮށް ދެއްވާ މިނިސްޓަރު ވިދާޅުވި އެވެ.
މަރުކަޒުގެ ކުރީ ސަފުގެ ދެތީން ޖާގައެއް މަރުކަޒުގެ އިމާމުންނަަށް ހުސްކޮށްފައި ބާއްވަ އެވެ. ވަގުުތު ޖެހެންދެން އިމާމުން ތިބެން ހާއްސަ ކޮޓަރިއެއް ހުރެ އެވެ.