ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ފާހަގަކުރި ގޮތުުގައި، އޭނާގެ ހަށިގަނޑުން 107 ބުލެޓުގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އެތަކެތީގެ ބަރުދަން އެއް ކިލޯއަށްވުރެ އިތުރުވާނެކަމަށް ފުލުހުން ބުނެފައިވެ އެވެ.
ދިރުވާލައިގެން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ބުރެޒިލުގެ މީހަކު 30 ދުވަހަށް ބަންދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ބޭނުންކޮށް އެއިން ވިޔަފާރިކުރުމުގެ ތުހުމަަތުގައި ހައްޔަރުކޮށްފައިވާ މީހަކީ ބްރެޒިލުގެ ރައްޔިތެއްކަމަށްވާ އުމުރުން 44 އަހަރުގެ ލެންޑަސަން ޑިޕައުލާ ގާސިއާ ނަކަށް ކިޔާ ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް މީގެ ކުރިން ކުރިމިނަލް ކޯޓަށް ބަންދާމެދު ގޮތެއް ނިންމުމަށް ދެ ފަހަރެއްގެ މަތިން ހާޒިރުކޮށްފައިވާއިރު، އޭނާއަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަމަށް ބުނުމުން ކޯޓުން އޭނާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.
އޭނާ ބަންދުގައި ހުންނަތާ ފަސް ދުވަސްވި ފަހުން އިއްޔެ ކުރިމިނަލް ކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ނިންމައި ނެރުނު އަމުރުގައި ބަޔާންކުރި ގޮތުގައި، ކަސްޓަމްސްގެ މައްސަލަ ހުށަހަޅާ ފޯމާއި، ސީޓީ ސްކޭނުގެ ރިޕޯޓާއި، ފުލުހުންގެ ބަޔާނާއި މަސްތުވާތަކެތި ފެން ފޮޓޯ ރިޕޯޓެއް ހެކީގެ ގޮތުގައި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ފާހަގަކުރި ގޮތުުގައި، އޭނާގެ ހަށިގަނޑުން 107 ބުލެޓުގެ މަސްތުވާތަކެތި ފެނިފައިވެ އެވެ. އަދި އެތަކެތީގެ ބަރުދަން އެއް ކިލޯއަށްވުރެ އިތުރުވާނެކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ މައްސަލާގައި ފުލުހުންވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ހިންގާފަ އެވެ. އެއީ މަސްތުވާތަކެތި އެތެރެކުރި މީހާ ބޭނުންކޮށްގެން އެތަކެއްޗާ ރާއްޖެއިން ހަވާލުވާ މީހާ ނުވަތަ ބަޔަކު ހޯދުމަށް ހިންގާ އޮޕަރޭޝަނެކެވެ. އެގޮތުން ފުލުހުންގެ އޮޕަރޭޝަނުން ހޯދުނު މީހުންވެސް ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން ފާހަގަކުރި ގޮތުގައި މަސްތުވާތަކެތި އެތެރެކުރި ބްރެޒިލު މީހާގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއިރު ކޮކެއިނަށް ޕޮޒިޓިވްވެފައިވެ އެވެ.
ފުލުހުން ހުށަހެޅި ހެކިތަކަށް ބިނާކޮށް ކްރިމިނަލް ކޯޓުގައި މުއްދަތު މަޖިލިސް ކުރިއަށްގެންދެވި ގާޒީ އާދަމް މުހައްމަދު ނިންމަވާފައިވަނީ ގާސިއާ މި މަހުގެ 26 ވަނ ދުވަހުން ފެށިގެން އަންނަ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހާ ހަމައަށް ބަންދުކުރުމަށެވެ.