ތައުޒިޔާއާއެކު ރައީސް ފާހަގަކުރެއްވީ މަންމޯހަން ސިންހުގެ ސިޔާސަތުގެ ހަރުދަނާކަން

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހުގެ ހާރިޖީ ސިޔާސަަތަކީ ސަރަހައްދީ ތަރައްގީ އިތުރަށް ކުރިއެރުވުމަށް ބާރުއެޅި ސިޔާސަތެއް ކަން ފާހަގަކުރައްވައި އޭނާ އަވަހާރަވުމުން އާއިލާއަށާއި އިންޑިޔާ ރައްޔިތުންނަށް ރައީސް ތައުޒިޔާ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް

އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހު އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށާއި އިންޑިޔާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތައުޒިޔާ ފޮނުއްވައިފި އެވެ. 

އުމުރުފުޅުން ދުވަސްވުމުގެ އާލާސްކަންފުޅަށް ދިއްލީގައި ހުންނަ އޯލް އިންޑިޔާ އިންސްޓިޓޫޓް އޮފް މެޑިކަލް ސައިންސަސްގައި ފަރުވާ ހޯއްދަވަމުންދަނިކޮށް ސިންހު ދުނިޔެ ދޫކުރެއްވި އިއްޔެ އެވެ. 

ރައީސްގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ޝާއިިއުކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ 2011 ވަނަ އަހަރު މަންމޯހަން ސިންހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަނދުމަ އައުކުރައްވައި އެ ޒިޔާރަތުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ. 

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މަންމޯހަން ސިންހުގެ އެ ދަތުރުފުޅަކީ ރާއްޖެއާއި އިންޑިޔާ ގުޅުމަށް މުހިއްމު، ދިވެހިރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ރާސްތާގައި ފާހަގަކޮށްލެވޭ ތާރީހީ މުނާސަބަތެކެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަންމޯހަން ސިންހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިޔާގެ މެދުގައި މުހިއްމު އެއްބަސްވުންތަކެއް ގާއިމުކުރެވި ދެ ގައުމުގެ ގުޅުން ކުރިއަށްވުރެ ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. 

އިތުރަށް ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ސިންހަކީ ތަރައްގީއާއި ކުރިއެރުމަށްޓަކައި ދެގޮތެއްނުވާ އަޒުމެއްގައި މަސައްކަތްކުރެއްވި ލީޑަރެކެވެ. އަދި އޭނާގެ "ލުކް އީސްޓް ޕޮލިސީ"އަކީ ދެކުނު އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ތަރައްގީގެ ކަންކަމުގައި އެއްބާރުލުންދިނުމުގެ ރޫހު ވަރުގަދަކޮށްދީ ސަރަހައްދީ ތަރައްގީއަށް މަގުފަހިކުރި ސިޔާސަތެއް ކަމުގައި ރައީސް ވިދާޅުވި އެވެ. 

ސިންހުގެ އާއިލާއަށާއި އިންޑިޔާގެ ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާ ފޮނުއްވާކަން ރައީސްގެ މެސެޖު ނިންމަވައިލައްވަމުން ފާހގަަކުރައްވާފައިވެ އެވެ. 

އޮކްސްފޯޑުން ތައުލީމު ހާސިލުކުރެއްވި މަންމޯހަން ސިންހު އިންޑިޔާގެ ފިނޭންސް މިނިސްޓަރުކަމުގައި 1991 ވަނަ އަހަރުން 1996 ވަނަ އަހަރަށް ހޭދަކުރެއްވި މުއްދަތުގައި، ބޭރުގެ ވިޔަފާރިއަށާއި، އަމިއްލަ އިންވެސްޓުމެންޓުތަކަށް އިންޑިޔާގެ އިގުތިސާދު ހުޅުވާލައްވައި، ހަލުއި އިގުތިސާދީ ކުރިއެރުމަށް މަގުފަހިކުރެއްވި އެވެ.

ކޮންގުރެސް ޕާޓިއަށް 2004 ވަނަ އަހަރުގެ ބަރުލަމާނީ އިންތިހާބުގައި ލިބުނު ކާމިޔާބަށްފަހު އެ ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމަށް މަންމޯހަން ސިންހު އިހުތިޔާރުކުރުންވީ އެއިރު ގިނަ ބަޔަކަށް ސިހުން ލިބުނު ކަމެއް ކަމަށެވެ.

ސިންހު ބޮޑުވަޒީރުކަމުގައި ހޭދަކުރެއްވި ދިހަވަރަކަށް އަހަރު އެވެރެޖުކޮށް ހަތް އިންސައްތައިން އިންޑިޔާގެ އިގުތިސާދު ކުރިއަރަމުންދިޔަ ނަމަވެސް އެ ދުވަސްވަރު ކޮންގުރެސް ޕާޓީގެ ލީޑަރުންނަށް ކޮރަޕްޝަނާއި ފަސާދައިގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެވުނެވެ.

ނަމަވެސް ވަރަށް މަދުން ނޫނީ ސިންހުގެ ނަޒާހަތްތެރިކަމާއި އަމާނަތްތެރިކަމާމެދު އިދިކޮޅު ޕާޓީތަކުން ތުހުމަތެއް ކޮށްފައިނުވެ އެވެ.

އިދިކޮޅު ޕާޓީތަކުން މަންމޯހަން ސިންހަށް އަމާޒުކުރި އެންމެ ބޮޑު ތުހުމަތަކީ ކޮންގުރެސް ޕާޓީގެ ލީޑަރު ސޯނިޔާ ގާންދީގެ ދަށުވެވަޑައިގެން ހުންނަވާ ކަމަށާއި، ޕާޓީގެ އެތެރެއިން ހިންގަމުންދާ ކޮރަޕްޝަނުގެ އަމަލުތަކާމެދު އެއްވެސް ފިޔަވަޅެއް ނާޅުއްވައި ދޫކޮށްލެއްވި ކަމަށެވެ.

ނަރެންދުރަ މޯދީގެ ބަރާތިޔާ ޖަނާތާ ޕާޓީއަށް 2014 ވަނަ އަހަރު ލިބުނު ބޮޑު ކާމިޔާބީއާއި ކޮންގުރެސް ޕާޓީގެ ނާކާމިޔާބަށްފަހު ބަރުލަމާނުގައި ވާހަކަދައްކަވަމުން ސިންހު ވިދާޅުވެފައިވަނީ، "މި ޒަމާނުގެ މީޑިޔާ އަދި ކިއެއްތަ އިދިކޮޅު ޕާޓީތަކަށްވުރެ، ތާރީހު އަޅުގަނޑަށް އޯގާތެރިވާނެ،" ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.