ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން ޑްރަގު ވިޔަފާރިކުރާކަމަށް ތުހުމަތުވާ 18 އަހަރުގެ ޒުވާނާގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުވެފައިވާއިރު، ފައިސާ ލިބުނީ މަސްވެރިކަން ކޮށްގެން ކަމަށް ކޯޓުގައި އޭނާ ބުނެފައިވެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ ޒުވާނެއްގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުވެފައިވާކަން ފުލުހުންގެ ތަހުގީގުން ހާމަވެއްޖެ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޒުވާނަކީ ގއ.ކނޑުހުޅުދޫ، ނެސްޓު އުމުރުން 18 އަހަރުގެ އަލީ އައިހަމް ނަމަކަަށް ކިޔާ ޒުވާނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ އޭނާ 30 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
އެ ކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ނިންމައި ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން މި މައްސަލާގައި ހެކީގެ ގޮތުގައި ހެކިންގެ ބަޔާނާއި، ކަސްޓަމްސްގެ ހާދިސާގެ ރިޕޯޓާއި، މަސްތުވާތަކެތި ތަހުލީލުކުރި ރިޕޯޓާއި، ބޭންކު ސްޓޭޓުމެންޓުތަކާއި ކޮންޓްރޯލު ޑެލިވަރީ ލިޔުން ފުލުހުން ހުށަހަޅާފައިވެ އެވެ.
އަދި އަމުރުގައި ބުނެފައިވަނީ ހެކީގެ ގޮތުގައި ފުލުހުން ހުށަހެޅި ލިޔެކިޔުމަށް ބަލާއިރު އައިހަމުގެ މައްޗަށް ފުލުހުން ތުހުމަތުކުރާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ބާވަތަކީ ކޮބައިކަން އަދި އަތުލައިގަތީ ކިހައި މަސްތުވާތަކެއްޗެއްކަން އަމުރުގައި ބަޔާންނުކުރި ނަމަވެސް، ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދިފައިވާކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އައިހަމުގެ އެކައުންޓުގައި ގިނަ އަދަދެއްގެ ފައިސާ ދައުރުވި އެވެ. އެ ފައިސާއަކީ ކިހިނެއް ލިބުނު ފައިސާކަން ބަޔާންކޮށްދިނުމަށް އޭނާ ބުނެފައިވަނީ އޭނާއަކީ މަސްވެރިކަން ކުރާ މީހެއް ކަމަށެވެ. ނަމަވެސް އެކަމަށް ބާރުދޭނެ އިތުރު ހެއްކެއް ހުށަނާޅަ އެވެ.
ފުލުހުންނާ ހަވާލާދީ އަމުރުގައި ބުނެފައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ މި އޮޕަރޭޝަނަކީ އޭނާ ހިމެނޭހެން އިތުރު ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ ކަމެކެވެ.