ޓްރާންސްޕޯޓުގެ ބޮޑު އެއް މައްސަލައަށް ހައްލެއް؛ ޑޮމެއިން ސެޓްފިކެޓު ދޫކުރަން ފަށައިފި

އިއްޔެ ޑޮމެއިން ސެޓްފިކެޓުތައް ދޫކުރަން އަލުން ފެށީ ކުރިން ޑޮމެއިން ދޫކުރުމުގައި ފާހަގަކުރެވުނު ގިނަ މައްސަލަތައް ހައްލުކޮށް، ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭ އައު ސެޓްފިކެޓެއް ތައާރަފުކޮށްފަ އެވެ.

ސެކިއުރިޓީ ފީޗާތަކާއެކު ތައާރަފުކުރި އައު ޑޮމެއިން ސެޓްފިކެޓު ފުރަތަމަ ފަހަރަށް ހަވާލުކުރުން، ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓްރީ

ޓްރާންސްޕޯޓު މިނިސްޓްރީގައި އެތައް ޒަމާނަކަށް ދިގުލައިގެން ގޮސްފައި އޮތް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއްވާ މައްސަލައެއްކަމަށްވާ ޑޮމެއިން މައްސަލަ ހައްލުކޮށް ސަލާމަތީ ފިޔަވަޅުތައް ހިމަނައިގެން ޑޮމެއިން ސެޓްފިކެޓުތައް އެ މިނިސްޓްރީން ދޫކުރަން ފަށައިފި އެވެ. 

ޑޮމެއިން ނަންބަރުތައް ދޫކުރުން ހުއްޓައިލީ އެކަމާ ގުޅޭ ގިނަ މައްސަލަތަކެއް ފެންމަތިވެ އެ މައްސަލަތައް ހައްލުކުރެވެންދެން އެ ހިދުމަތްތައް ހުއްޓައިލަން ރައީސް އޮފީހުން ކުރީގެ ދައުރުގައި އަންގާފައި އޮތުމުންނެވެ. 

މިނިސްޓްރީން ފާހަގަކުރި ގޮތުގައި ޑޮމެއިން ދޫކުރަން ފަށާނީ ރެކޯޑުކޮށް މޮނީޓާކުރާނެ ހަރުދަނާކުރާނެ ނިޒާމެއް ގާއިމުކުރުމަށްފަހު އެވެ. އަދި ކުރިމަގުގައި ދިމާވާނެ މައްސަލަތައް މަދުކުރުމަށްޓަަކަައި، އެކަށީގެންވާ ހަރުދަނާ އަދި ފުރިހަމަ ގަވާއިދެއްގައި އެކުވައިލާ އެއްގޮތަށް ދެމެހެއްޓެނެވި ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދޭނެ އެވެ. 

އިއްޔެ ޑޮމެއިން ސެޓްފިކެޓުތައް ދޫކުރަން އަލުން ފެށީ ކުރިން ޑޮމެއިން ދޫކުރުމުގައި ފާހަގަކުރެވުނު ގިނަ މައްސަލަތައް ހައްލުކޮށްފަ އެވެ. މީގެ ކުރިން ޑޮމެއިން ދޫކުރަމުން އައީ ފޮތެއްގައި ލިޔެގެންނެވެ. ރަނގަޅު ޑާޓާބޭސްއެއް ނެތި، ފޭކު ލިޔުން ތައްޔާރުކުރުމަށް މަގުފަހިވާނެ ގޮތަށެވެ. 

އެ މައްސަލަތައް ހައްލުކޮށް ސެކިއުރިޓީ ފީޗާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޑޮމެއިން ސެޓްފިކެޓުތައް ދޫކުރަން ފެށުމާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިނިސްޓްރީގައި އޮތް އެންމެ ޒަމާންވީ އުދަގޫ އަދި ފަސާދަވެފައި އޮތް އެއް މައްސަލައަށް ހައްލެއް ހޯއްދެވިއްޖެ ކަމަށެވެ. 

އަދި ޑޮމެއިން ބޯޑުތައް ދޫކުރުމުގެ ހިދުމަތް ދިނުމަށްޓަކައި މިނިސްޓްރީގެ އެތެރޭގައި ރަނގަޅު ހަރުދަނާ ރައްކާތެރި ނިޒާމެއް މިހާރު ގާއިމުކުރެވިފައި އޮންނާނެ ކަމުގެ ޔަގީންކަން އަމީނު ދެއްވި އެވެ. 

އަދި މިއަދު ފުރަތަމަ ފަހަރަށް އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތަކާއެކު ތައްޔާރުކޮށްފައިވާ ޑޮމެއިން ސެޓްފިކެޓު ދޫކުރެއްވުމަކީ ލިބިވަޑައިގެންނެވި ޝަރަފެއްގެ ގޮތުގައި ސިފަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފިޔަވަޅަކީ ޑޮމެއިން ދޫކުރުމުގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް އިތުބާރު ހިފޭހެން ކުރިއަށްގެންދިއުމަށް އެޅޭ ފިޔަވަޅެއް ކަމުގަ އެވެ. 

އައު ޑޮމެއިން ސެޓްފިކެޓުތައް ދޫކުރަން ފަށަން ތައްޔާރުވުމުގެ ގޮތުން ފާއިތުވި ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މިހާރު ދޫކޮށްފައިވާ ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް މިނިސްޓްރީންވަނީ ހުޅުވާލާފަ އެވެ. 

މި 60 ދުވަސްތަކުގެ ތެރޭގައި ޑޮމެއިންތަކުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު އާ ލިޔެކިޔުންތައް ހަވާލުކުރާނެ ކަމަށާއި، އެ މުއްދަތުގެ ފަހުން ޑޮމެއިންގެ ސައްހަ ލިޔުންކަމުގައި ބަލާނީ އަލަށް ތައާރަފްކުރާ ޑޮމެއިން ރަޖިސްޓްރީއާއި ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.