މޮސާޑުގެ ކުރީގެ ދެ އެޖެންޑުން ބުނި ގޮތުގައި ނޭނގި ތިބެ ހިޒްބުﷲއިން މޮސާޑުން ތައްޔާރުކުރި 16،000 އަށްވުރެ ގިނަ ޕޭޖަރު ގަނެފައިވެ އެވެ.
މި އަހަރު ލުބުނާނުގައި ޕޭޖަރުތަކެއް ގޮއްވާލައިގެން ދިން ޓެރަރިސްޓު ހަމަލާ ދިނުމަށް ދިހަ އަހަރުގެ އޮޕަރޭޝަނެއް އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުން ހިންގި ގޮތް އެ އިދާރާގެ ކުރީގެ ދެ އެޖެންޓަކު ވަރަށް ތަފުސީލުކޮށް ކިޔައިދީފި އެވެ.
މައިކަލް އަދި ގެބްރިއަލްގެ ނަން ބޭނުންކޮށްގެން ސީބީއެސް ނިއުސްއަށް މޮސާޑުގެ ކުރީގެ ދެ އެޖެންޓަކު ދިން އިންޓަވިއުގައި އެ މީހުން ބުނީ ލުބުނާނުގައި އިސްރާއީލުން ދިން ހަމަލާގެ ބޭނުމަކީ އިސްރާއީލާ "ނުކުޅެވޭނެކަން" އަދުއްވުންނަށް އަންގައިދިނުން ކަމަށެވެ.
އެމީހުންނަކީ ކޮން ބައެއްކަން ފޮރުވުމަށް މާސްކާއި އަވިއައިނު އަޅައިގެން ތިބެ ދިން ބަސްދީގަތުމުގައި އެމީހުން ބުނީ "ރަނގަޅު" އަގެއްގައި ގޮވާތަކެތި ހަރުކޮށް ގޮއްވައިލުމަށް ތައްޔާރުވެފައި ހުރި ޕޭޖަރުތައް އިސްރާއީލުން ހިޒްބުﷲއަށް ވިއްކަމުން އައި ކަމަށެވެ.
މި އޮޕަރޭޝަން ފުރަތަމަ ފެށީ ވޯކީޓޯކީތަކެއްގައި ބޮން ހަރުކޮށް ގޮއްވައިލުމުގެ އޮޕަރޭޝަނެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް، ވޯކީ ޓޯކީއަކީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި ބޭނުންކުރާ އާލަތަކަށްވާތީ ފަހުން މޮސާޑުން ނިންމީ ޕޭޖަރުތަކެއްވެސް ގޮއްވައިލުމަށް ކަމުގައި ގެބްރިއަލް ބުންޏެވެ.
އެ ދެ މީހުން ކިޔައިދިން ގޮތުގައި ޕޭޖަރެއް ގޮއްވާލައިގެން އެ ޕޭޖަރު ގެންގުޅޭ މީހާ ފިޔަވައި އިތުރު މީހަކަށް ބޮޑު ހާނީއްކައެއް ނުވާނެހެން ގޮވާތަކެތި ހަރުކުރުމަށް ގިނަަގުނަ ޓެސްޓުތައް ހަދައި، އެގޮތަށް ގޮވާތަކެތި ތަރައްގީކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ.
އިތުރަށް އެމީހުން ބުނެފައިވަނީ ހިޒްބުﷲއިން ބޭނުންކުރަމުން އައި ޕޭޖަރުތަކަކީ ކުޑަ ޕޭޖަރުތަކަކަށްވާތީ ގޮވާތަކެތި ހަރުކުރެވޭ މިންވަރަށް ޕޭޖަރުތައް ބޮޑުކުރަން ޖެހުނު ކަމަށެވެ.
"އަހަރުމެން ތައްޔާރުކުރި ޕޭޖަރު ގެނައުމުން މޮސާޑުގެ ޑިރެކްޓާ ވަރަށް ބޮޑަށް ކޯފާވެ، މި އެއްޗެހި ޖީބުގައި ބާއްވަން ފަސޭހަނުވާނެތީ އެއްވެސް މީހަކު މިހައި ބޮޑު ޕޭޖަރު ނުގަންނާނެކަމަށް ވިދާޅުވި ދުވަސް ވަރަށް ރަނގަޅަށް މިހާރުވެސް ހަނދާން އެބަހުރި،"" ގެބްރިއަލް ބުންޏެވެ.
އޭގެ ދެ ހަފުތާއެއްހައި ދުވަސްފަހުން ޕޭޖަރު އޮޕަރޭޝަން ހިންގުމަށް މޮސާޑުގެ ޑިރެކްޓާ ހުއްދަ ދެއްވުމާއެކު، ކުނޑި ހަރުނުވާ ފެނުން އަސަރުނުކުރާ ބެޓަރި ގިނަ ދުވަހަށް ދެމިގެންދާ ޕޭޖަރުތަކުގެ އިޝްތިހާރުތަކެއް ޔޫޓިއުބުގައި މޮސާޑުން ޝާއިއުކުރި އެވެ.
އިޝްތިހާރުތަކާއި ބްރޯޝާތައް ތައްޔާރުކޮށް އިންޓަނެޓުގައި ޝާއިއުކުރި އެވެ. އަދި އެއީ މުޅި ދުނިޔޭގައިވެސް ބީޕާސް ކެޓަގަރީގެ އެންމެ ފެންވަރު ރަނގަޅު ގެޖެޓުގެ ގޮތުގައި މަޝްހޫރުވިކަމަށް މޮސާޑުގެ ދެ އެޖެންޓުން ކިޔައިދިނެވެ.
ހިޒްބުﷲއިން އެ ޖަމާއަތަށް ބޭނުންވާ ޕޭޖަރުތައް ގަންނަމުންއައީ ޓައިވާނުގެ ގޯލްޑް އެޕޯލޯ ކިޔާ ކުންފުންޏަކުންކަން އެނގުމުން ޝެލް ކުންފުނިތަކެއް ހަދައިގެން މޮސާޑުގެ ޕޭޖަރުތައް ހިޒްބުﷲއަށް ވިއްކޭނެ އިންތިޒާމު އެ އިދާރާއިން ހަމަޖެއްސި އެވެ.
"އަހަރުމެން އަތުން ޕޭޖަރުތައް ގަންނައިރު ހިޒްބުﷲއަށް އެ ޕޭޖަރު ގަންނަނީ މޮސާޑުގެ އަތުންކަމަށް ކުޑަވެސް ހިލަމެއް ނުވާނެ. ހުރިހާ ކަމެއް ފަރުދާގެ ފުރަގަހުން ކޮންޓުރޯލުކުރީ އަހަރުމެން،" ގެބްރިއަލް ނުންޏެވެ.
އަދި އޭނާ ބުނި ގޮތުގައި އެ ޕޭޖަރުގެ ވިޔަފާރިތަކާއި އޭގެ މާކެޓިން އަދި އިންޖިނިއަރިންއިން ފެށިގެންގޮސް ޝޯރޫމުތަކާ ހަމައަށް ގާއިމުކޮށް އެ ހުރިހާ މަރުހަލާއެއްގެ ސައްހަކަން ހިޒްބުﷲއަށް ކަށަވަރުވާ މިންވަރަށް ފަށަލަތައް ތަރުތީބުކުރެވުނެވެ.
ޕޭޖަރު ގޮއްވައިގެން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެކަން ކަށަވަރުކުރުމަށް އެތައް ފަހަރެއްގެ މަތިން މޮސާޑުން ޓެސްޓުތައް ކުރިކަމަށް މޮސާޑުގެ ކުރީގެ އެޖެންޓުން ބުނެފައިވެ އެވެ. އެމީހުން ބުނަމުން ގޮސްފައިވަނީ އެ ޕޭޖަރުތައް ގޮއްވައިލުމުން ޕޭޖަރު ހިފަހައްޓައިގެން ހުރި މީހާ ފިޔަވައި އިތުރު މީހަކަށް އަނިޔާއެއް ނުވާނެ ކަމަށެވެ.
ފާއިތުވި ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ހިޒްބުﷲގެ މެންބަރުންނާއި އެމީހުންގެ އާއިލާތަކުން ބޭނުންކުރަމުން އައި ގިނަ އަދަދެއްގެ ޕޭޖަރުތައް އެއްފަހަރާ ގޮއްވައިލުމާއެކު، އެ ގޮވުމުގައި އާންމުންގެ ގިނަ ބަޔަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނެވެ.
ޖެހިގެން އއި ދުވަހު މުޅި ލުބުނާނަށް އިތުރު ސިހުން ލިބުނީ ވޯކީ ޓޯކީތަކެއް މޮސާޑުން ގޮއްވާލައި ދިން ހަމަލާގައި އެތައް ބަޔަކަށް ލިބުނު ގެއްލުމުގެ ސަބަބުންނެވެ.
މި ހަމަލާތަކުގައި ތިން ކުޑަކުދިން ހިމެނޭހެން 30 މީހަކު ޝަހީދުވިއިރު، 3،000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވި އެވެ. އިސްރާއީލުން ބުނަމުން އަންނަނީ އަނިޔާވި އަދި މަރުވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހިޒްބުﷲގެ މެންބަރުން ކަމަށެވެ.
ގެބްރިއަލް ބުނި ގޮތުގައި ޕޭޖަރުތައް ގޮއްވައިލުމުގެ މައިގަނޑު ބޭނުމަކީ ހިޒްބުﷲގެ މެންބަރުން މަރައިލުމެއް ނޫނެވެ. އެމީހުންނަށް އަނިޔާކުރުން ނުވަތަ ޒަހަމްކޮށްލުމެވެ.
"ހަނގުރާމަވެރިއެއް ޒަހަމްވެއްޖެނަމަ ހޮސްޕިޓަލަށް ގެންގޮސް ފަރުވާކުރަންޖެހޭނެ. އެކަމަށް ވަގުތާއި ފައިސާއާއި ވަސީލަތް ހޭދަވާނެ. އަދި އެ ހަމަލާއަށްފަހު ލޮލާއި ހަތަރެސްފައި ނެތި ލުބުނާނުގައި އެ އުޅޭ މީހުންނަކީ އަހަރުމެންނާ ނުކުޅެވޭނެ ކަމުގެ މައްޗަށް ދަލީލުކުރާ ހިނގައިބިނގައިވާ ހެކިތަކެއް،" ގެބްރިއަލް ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނީ ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ ހުންނެވި ބަންކަރު ތެރޭގައި ތިބި އެތައް ބައެއްގެ ޕޭޖަރުތައް ރިންގުވެ އެއިން ގިނަ ބަޔަކު އޭނާގެ ލޯފުޅު ކުރިމަތީގައި މަރުވެގެން ވެއްޓުނު މަންޒަރު ފެނިވަޑައިގަންނަވާނެ ކަމަށެވެ. އެކަމުގެ ސަބަބުން ނަސްރުﷲގެ ހިތްވަރު އެއްކޮށް ފުނޑުނުކަމަށްވެސް ގެބްރިއަލް ބުންޏެވެ.