ތިންވަނަ ކުއާޓާގެ އިންފްލޭޝަން | ކަރަންޓު %4.7، އަދި ތަރުކާރީ %17 މައްޗަށް

ތިންވަނަ ކުއާޓާގައި އިގުތިސާދީ އަދާހަމަ ރިޕޯޓުގައި ބުނެފައިވާ ގޮތުން ތަރުކާރީގެ އަގު %17 މައްޗަށް ދިޔައިރު ހަކަތައިގެ ބާވަތްތަކުގެ އަގުތައް އުފުލި ކަރަންޓުގެ އަގު ތިންވަނަ ކުއާޓާގައި 4.7 އިންސައްތަ އުފުލުނެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މޭވާއާއި ތަރުކާރީގެ ބާވަތްތައް ވިއްކަން ބަހައްޓާފައި

މި އަހަރުގެ ތިންވަނަ ކުއާޓާގައި ތަރުކާރީގެ އަގު 17 އިންސައްތަ އަދި ކަރަންޓުގެ އަގު 4.7 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ރިޕޯޓުކޮށްފި އެވެ. 

އެމްއެމްއޭއިން ކޮންމެ ކުއާޓާއެއްގައި އާންމުކުރާ އިގުތިސާދީ އަދާހަމަ ރިޕޯޓުގައި ބުނެފައިވަނީ މި އަހަރުގެ ދެވަނަ ކުއާޓާގައި އިންފްލޭޝަން ރޭޓު 0.3 އިންސައްތާގައި ހުރުމަށްފަހު، ތިންވަނަ ކުއާޓާގައި 1.3 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. 

ތިންވަނަ ކުއާޓާގައި އިންފުލޭޝަން (މުދަލާއި ހިދުމަތުގެ އަގުތައް) އުފުލުމަށް މެދުވެރިވީ މައިގަނޑު ގޮތެއްގައި ކާބޯތަކެއްޗާއި ސިއްހީ ހިދުމަތްތަކާއި، ހަކަތައިގެ ދާއިރާގެ އަގުތައް އުފުލުމުންނެވެ. މި މުއްދަތުގައި މުވާސަލާތީ ހިދުމަތްތައް އަގުހެޔޮވިކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. 

ކާނާއާއި ބުއިންތަކުގެ އަގު 23.5 އިންސައްތައިން އުފުލުނު އިރު، އަހަރުން އަހަރަށް ބަލާއިރު ކާބޯތަކެތީގެ އަގު އުފުލިފައިވަނީ 6.3 އިންސައްތައިންނެވެ. ކާބޯތަކެތީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މަހުގެ ބާވަތްތަކެވެ. މަހުގެ އަގު 10.4 އިންސައްތަ މަތިވިއިރު، ތަރުކާރީގެ އަގު 17.4 އިންސައްތައިން އުފުލުނެވެ. އޭގެ އިތުރަށް މޭވާއާއި، އެއްގަމު މަހުގެ އަގާއި، ކިރުގެ ބާވަތްތަކުގެ އަގުތައްވެސްވަނީ އަފުލިފަ އެވެ.

ސިއްހީ ހިދުމަތްތަކުގެ އަގުތަކުން އިންފުލޭޝަން އުފުލުމުގައި 0.2 ޕަސެންޓު ޕޮއިންޓު ހިއްސާވިއިރު، އެންމެ ބޮޑަށް އަގު އުފުލުނީ އައުޓް ޕޭޝަންޓު ހިދުމަތްތަކުގެ އެވެ. އައުޓް ޕޭޝަންޓު ހިދުމަތްތަކުގެ އަގުތައް ބޮޑުވީ މައިގަނޑު ގޮތެއްގައި ޑޮކްޓަރުންނަށް ދެއްކުމުގެ އަގުތައް ބޮޑުވެގެންނެވެ. 

އެހެންނަމަވެސް އެ އަގު ބޮޑުވި ބޮޑުވުމުގެ އަސަރު ކޮންމެވެސް މިންވަރަކަށް ކުޑަވީ ބޭހުގެ އަގުތައް ތިންވަނަ ކުއާޓާގައި ދަށަށް ދިއުމުގެ ސަބަބުންނެވެ. 

ހަކަތައިގެ ބާވަތްތަކުގެ އަގުތައް ދެވަނަ ކުއާޓާގައި 9.6 އިންސައްތަ ދަށްވުމަށްފަހު، ތިންވަނަ ކުއާޓާގައި ހަކަތައިގެ ބާވަތްތަކުގެ އަގުތއްވަނީ 3.3 އިންސައްތަ މަތިވެފަ އެވެ. ހަކަތައާ ގުޅުންހުރި ބާވަތްތަކުގެ އަގުތައް މައިގަނޑު ގޮތެއްގައި އުފުލުނީ ކަރަންޓުގެ އަގު 4.7 އިންސައްތަ މަތިވުމާ ގުޅިގެންނެވެ. 

ކަރަންޓުގެ އަގުތައް މަތިވި ނަމަވެސް ޕެޓްރޯލުގެ އަގު އަހަރުން އަހަރަށް ދަށްވި އެވެ. އެގޮތުން ތިންވަނަ ކުއާޓާގައި 5.0 އިންސައްތަ ދަށްވިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. އެ ކުއާޓާގައި ޕެޓްރޯލުގެ އަގު ހުރީ އެވެރެޖުކޮށް ލީޓަރަކަށް 13.98 ރުފިޔާގަ އެވެ. މިއީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާ ގުޅިގެން އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ގެނައި ބަދަލުގެ ސަބަބުން އައި ބަދަލެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.