އިސްރާއީލުންގެ ޔަމަނުގެ ޙޫޘީންގެ އަމާޒުތަކަކަށް ހަމަލާދީ ތިން މީހަކު ގަތުލުކޮށްފި

އިސްރާއީލުން ޔަމަނުގެ މައި އިންޓަނޭޝަނަލް އެއާޕޯޓާއި މުހިއްމު ބައެއް ބަނދަރުތައް ހިމެނޭހެން ޙޫޘީންގެ އަތް ދަށުގައި ހުރި މުހިއްމު ބައެއް އަމާޒުފަތްގަނޑުތަކަށް އިއްޔެ ހަމަލާދީފައިވެ އެވެ.

ސަންއާ އެއާޕޯޓު ކައިރިން ދުން އަރަނީ، ފޮޓޯ: ރޮއިޓާސް

ސަންއާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމެނޭހެން އީރާނާ ގުޅުން އޮންނަ ޔަމަނުގެ ޙޫޘީ ޖަމާއަތުގެ އަމާޒުތަކަށް އިސްރާއީލުން ވައިގެ މަގުން ބުރާސްފަތި ދުވަހު ދިން ހަމަލަތަކެއްގައި ތިން މީހަކު މަރުވެފައިވާކަމަށް އެ ޖަމާއަތުގެ މީޑިޔާއިން ރިޕޯޓުކޮށްފި އެވެ. 

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވި ގޮތުގައި އެއާޕޯޓަށް ހަމަލާދިނީ އެ އެއާޕޯޓުން މަތިންދާބޯޓަކަށް އޭނާ އަރައިވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންނެވި ވަގުތެވެ. އަދި އެ ހަމަލާގައި އެ މަތިންދާބޯޓުގެ ފަޅުވެރިއަކަށް އަނިޔާވިކަމަށްވެސް ޓެޑްރޯސް ވިދާޅުވި އެވެ. 

ޓެޑްރޯސް ވިދާޅުވި ގޮތުގައި އޭނާ ޔަމަނަށް ވަޑައިގެން އުޅުއްވަނީ އެ ގައުމުގައި ހަރަކާތްތެރިވާ އދ.ގެ އިދާރާތަކާއެކު އެ ގައުމުގެ އިންސާނީ ހާލަތު ވަޒަންކުރުމުގެ މަސައްކަތް ކުރެއްވުމަށެވެ. 

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެއާޕޯޓުގެ އިތުރަށް ޔަމަނުގެ ހުޅަނގު އައްސޭރީގެ މުހިއްމު ބަނދަރުތަކެއްކަމަށްވާ ހުދެއިދާއާއި ސާލިފް އަދި ރަސް ގަނާތިބް ބަނދަރުތަކުގައި ހުރި އަސްކަރީ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާތަކެއްވަނީ ދީފަ އެވެ. އަދި ހަޒްޔާޒްއާއި ގަނާތިބުގެ އިންޖީނުގެތަކަށްވެސް އެ ޖަމާއަތުން ހަމަލާތަކެއް ދީފައިވެ އެވެ. 

ޙޫޘީންގެ ޓީވީ ޗެނަލް އަލްމަސީރާ ޓީވީން ރިޕޯޓުކުރި ގޮތުގައި ވައިގެ ބަނދަރަށް ދިން ހަމަލާގަައި ދެ މީހަކު މަރުވި އެވެ. އަދި ބަނދަރުތަކަށްދިން ހަމަލާތަކުގައި އެކަކު މަރުވެފައިވާއިރު މި ހަމަލާތަކުގައި 11 މީހަކު ޒަހަމްވެފައިވާކަމަށްވެސް އެ ޗެނަލުން ރިޕޯޓުކުރި އެވެ. 

ޣައްޒާގައި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ ޖަރީމާތަކާ ދެކޮޅުހެދުމުގެ ގޮތުން އިސްރާއީލަށް އަމާޒުކޮށް މިސައިލު އަދި ޑްރޯނު ހަމަލާތައް ޙޫޘީންވަނީ ފޮނުވާލާފަ އެވެ. އެންމެ ފަހުން ފޮނުވައިލި ހަމަލާގައި އިސްރާއީލުގެ ސިފައިންގެ ބަޔަކު މަރުވި އެވެ. 

މި ހަމަލާތަކަށްފަހު އިސްރާއީލުގެ ޗެނަލް-14އަށް ދެއްވި ބަސްދީގަތުމެއްގައި އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އިއްޔެގެ ހަމަލާތަކަކީ އިސްރާއީލުން ޙޫޘީންނާ ދެކޮޅަށް ކުރަން ނިންމާފައިވާ ހަނގުރާމައިގެ ފެށުން ކަމަށެވެ. 

ލުބުނާނުގެ ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ހިންގި ހަނގުރާމައާއި، ފަހުން ސޫރިޔާއަށް ދިން ހަމަލާތަކުގެ ސަބަބުން އިސްރާއީލުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މަގުބޫލުކަން އިތުރުވެފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2025 Mi. All rights reserved.