މިއަދުގެ ބަދަލަކީ ވަރަށް ނޭދެވޭ ތަފާތު ކުރުމެއް ކަން ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ އެހެން ބަޔަކަށް އެގޮތަށް ތަރުޖަމާ ނުކުރެވުނު ނަމަވެސް އެކަމަނާގެ ވިސްނުންފުޅަކީ އެއީ ކަމަށެވެ.
ހައުސިން މިނިސްޓްރީ އުވާލައްވާ އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަލީ ހައިދަރު އަހްމަދު، ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހަމަޖައްސަވާ އެ މިނިސްޓްރީގެ މިނިސްޓަރު ކަމުގައި ހުންނެވި ޑރ. މަރިޔަމް މާރިޔާ، އެގްރިކަލްޗާ ފުޑް ސެކިއުރިޓީ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ކަމަށް ހަމަޖައްސަވާ ކެބިނެޓަށް މިއަދު ގެންނެވި ކުއްލި ބަދަލާމެދު ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ދެ ބޭފުޅުން ކަމަށްވާ ކުރީގެ ވަޒީރު އަނީސާ އަހްމަދު އަދި އުސްތާޛާ އާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމާއި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ އަނީސާ އަހްމަދު، އެކަމަނާގެ ފޭސްބުކް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއް ގައި ވަނީ ރައީސް މުއިއްޒު ގެންނެވި އެ ބަދަލާމެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އެ ބަދަލު އެކަމަނާ ސިފަ ކުރެއްވީ ނޭދެވޭ ތަފާތު ކުރުމެއްގެ ގޮތުގަ އެވެ.
ވިދާޅުވީ ތައުލީމީ ދާއިރާ އިން މަތީ ތައުލީމާއި ގިނަ ތަޖުރިބާތަކެއް ހާސިލުކުރައްވާފައިވާ ބޭފުޅަކު މަތީ ތައުލީމާއި ބެހޭ ވުޒާރާ ހިންގަމުން ގެންދަވަނިކޮށް ކުއްލި ގޮތަކަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ބަދަލު ކުރައްވާ އެކަމަނާ ހިންގަވަމުން ގެންދެވި ވުޒާރާ އަށް އެހެން ވަޒީރަކު އައްޔަނު ކުރެއްބުމުން އެކަމަނާއަށް ކުޑަ ހައިރާން ކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް އެކަމާމެދު ވިސްނާލެއްވުމުން އެ ބަދަލުގެ ސަބަބު ހިތަށް ގެންނެވުނު ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ މިފަދައިންނެވެ؛
"ގެދޮރުވެރިޮކަމާއި ބިމާބެހޭ ވުޒާރާއާ އިމާރާތްކުރުުމާއި ބިނާރާބެހޭ ވުޒާރާއެއްކޮށްލުމުން ފޯޓުފޯލިއޯ ނެތިގެން ދިޔައީ ފިރިހެން ވަޒީރަކަށް ކަމަށްވެފައި ހުސްކޮށް ހުރީ ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ކަމުން އެ ޕޯޓުފޯލިއޯ ފިރިހެނަކާ ހަވާލުކޮށްފިނަމަ ފިރިހެނެއްގެ ދަރަޖައާއި ކަރާމާތަށް އުނިކަމެއް އަތުވެދާނެތީ އަންހެނަކާއި ހަވާލުކުރީ އެވެ،"
އަނީސާ ވިދާޅުވީ އަޑަށް ބާރުލައްވާފައި އަންހެނުން ބާރުވެރިކުރުވާ ވާހަކަ ތާއަބަދު އެންމެން ވެގެން ދެއްކި ނަމަވެސް ނަތީޖާ ނެރެވޭނީ އަމަލީ ގޮތުން ކަންތައްތަކެއް ކޮށްގެން ކަން ކޮންމެ މީހަކަށް ވެސް އެނގޭނެ ކަމަށެވެ. މިއަދުގެ ބަދަލަކީ ވަރަށް ނޭދެވޭ ތަފާތު ކުރުމެއް ކަން ފާހަގަ ކުރައްވާ އެކަމަނާ ވިދާޅުވީ އެހެން ބަޔަކަށް އެގޮތަށް ތަރުޖަމާ ނުކުރެވުނު ނަމަވެސް އެކަމަނާގެ ވިސްނުންފުޅަކީ އެއީ ކަމަށެވެ.
"މިއީ ނޭދެވޭ ތަފާތު ކުރުމެއް ނޫނޭ ކޮންމެ މީހަކު ބުންޏަށް އަޅުގަނޑަކަށް އެއްބަހެއް ނުވެވޭނެ،"
އަނީސާގެ އެ ވާހަކަތަކަށް ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރު ވަނީ ތާއީދު ކުރައްވާފަ އެވެ. ބަންޑާރަ ނާއިބުގެ މަސްއޫލިއްޔަތު ތިން ފަހަރެއްގެ މަތީން އަދާކުރައްވާފައިވާ އަދި އަންހެނުންނާއި ކުޑަކުދީންނާ ގުޅޭ ވުޒާރާ ހިންގެވުމުގެ ޒިންމާ ވެސް ކުރީން އުފުއްލެވި އާޒިމާ ވިދާޅުވި ގޮތުގައި ދައުލަތުގެ އިސް މަގާމުތަކުގައި އަންހެނުންގެ ދައުރު ކުޑަވުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.