ފުރަތަމަ ޖެހި މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމަަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ އިތުރު 30 ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުކުރަން އަމުރުކޮށްފަަ އެވެ.
ރާއްޖެއަށް ގިނަަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ސްރީލަންކާގެ ފަސް މީހުން އިތުރު އެއް މަސްދުވަހަށް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ފުލުހުން ބޭއްވި ނޫސް ކޮންފަރެންސެއްގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވި ގޮތުގައި މި މަސްބޯޓު އެމްއެންޑީއެފްއިން އަތުލައިގަތީ 23 ވަނަ ދުވަހުގެ ދަންވަރު އެވެ. އެ ބޯޓު އަތުލައިގަތުމަށްފަހު ގެންދިޔައީ ކުޅުދުއްފުއްޓަށެވެ. ބޯޓުގައި ފަސް ފަޅުވެރިން ތިބިކަމަށާއި، އެ އެންމެންނަކީވެސް ސްރީލަންކާއަށް ނިސްބަތްވާ ފިރިހެނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސީޕީ އިތުރަށް ވިދާޅުވި ގޮތުގައި ނޮވެންބަރު 24 ވަނަ ދުވަހު ހެނދުނު 9:30 ގައި ކުޅުދުއްފުށީ ސިޓީ ފުލުހުން ކޯސްޓުގާޑުގެ ފުލުހުންނާއެކު އެ އުޅަނދު ބަލައިފާސްކުރުމުން 468 ކިލޯގެ މަސްތުވާތަކެތި އެ ބޯޓު ތެރެއިން ފެނުނު ކަމަށެވެ. އެ ތަކެތި ޓެސްޓުކޮށް ބެލުމުން އޭގެ ތެރޭގައި އެކި ބާވަތުގެ މަސްތުވާތަކެތި ހިމެނޭކަންވަނީ އެނގިފަ އެވެ.
އެގޮތުން އޭގެ ތެރޭގައި 340 ކިލޯގެ މެތާއި، 124.6 ކިލޯގެ ކޮކެއިން ފެނިފައިވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި އެވެ. މިތަކެތީގެ ވަގުތީ މަގުމަތީ އަގަކީ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާކަމަށް ޝުޖާ ވިދާޅުވި އެވެ.
ނޮވެންބަރު މަހުގެ 26 ވަނަ ދުވަަހުގައި އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށީ ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން އެއް މަސްދުވަހުގެ މުއްދަތަށް އެމީހުން ބަންދުކުރަން އަމުރުކުރި އެވެ. އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމަަން ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ އިތުރު 30 ދުވަހުގެ މުއްދަތަށް އެ މީހުން ބަންދުކުރަން އަމުރުކޮށްފަަ އެވެ.
މި މައްސަލާގައި ޑްރަގު އަތުލައިގަތީ ފުލުހުންނަށް ލަންކާގެ އިންޓެލިޖެންސް އިދާރާތަކުން ފޯރުކޮށްދިން މައުލޫމާތުގެ މައްޗަށް ބިނާކޮށް ކުރި މަސައްކަތުންކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.